ކޮވިޑް-19 އިން ރައްކާތެރިވާން ފަރުދީ ޒިންމާ ވަރަށް މުހިއްމެވެ. އެކަން އެންމެނަށް އެނގޭވެސް މެއެވެ. ސިއްހީ މާހިރުން ވެސް ތަކުރާރުކޮށް އެކަން ހަނދާން ކޮށްދެއްވަމުން ގެންދަވަ އެވެ. އަބަދުވެސް ވާހަކަތައް އިދާރާތަކުން އެބަ ތަކުރާރު ކުރެ އެވެ. އެކަމަކު ފަރުދީ ޒިންމާއަށް ކޮންމެވެސް ބަޔަކު އިހްމާލުވެފައި ވެއެވެ. ގުޅޭ މުއައްސަސާތަކަށް ކޮންމެވެސް ބަޔަކު ކުރިމަތިކުރުވި ފިއްތުމާއި ނުފޫޒުތަކާ ހެދި "އޮޅިގެން" ވެސް ވަރަށް ގިނަ ކަންކަން ހިނގައިފި އެވެ. އިހުމާލާއި ދޯހަޅި އެތައް ނިންމުންތަކެއްގެ ސަބަބުން ކޮވިޑް-19 އިގެ ވައިރަސް މިހާރު ވަނީ ގާތްގަނޑަކަށް މުޅިރާއްޖެއަށް ފެތުރިފަ އެވެ. ސިއްހީ މާހިރުންގެ ބަހުރުވާގައި "ކޮމިއުނިޓީ ސުޕްރެޑެއް" މިވަގުތު ރާއްޖޭގައި އެބައޮތެވެ.
އެއް ރަށަކުން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ ނުވަތަ ބަލިޖެހިފައިވާ މީހަކާ ސީދާކޮށް ބައްދަލުވި މީހުން ގިނަ ނަމަ އެ ރަށަކަށް އަރައި ފޭބުން މަނާކޮށް މުޅި ރަށް ބަންދު ކުރުމަކީ އެޗްޕީއޭން އަޅާ އެންމެ ހަރުކަށި ފިޔަވަޅެވެ. ވެރިރަށް މާލެއާއި ބައެއް ރަށްތައް މި ފިޔަވަޅާ ކުރިމަތިލައި، އުނދަގޫ އެތައް ކަމެއް ވަނީ ތަޖުރިބާ ވެސް ކޮށްފަ އެވެ.
ކޮވިޑާ ގުޅިގެން އެތައް ރަށެއް މިވަގުތު ވެސް މޮނިޓަރިންއަށް ގެންގޮސްފައިވާއިރު ކޮވިޑްގެ ހާލަތު މިވަގުތު އެންމެ ގޯހީ ޅ. ނައިފަރާއި ކ. ހުރާގަ އެވެ. އެޗްޕީއޭގެ އެންމެ ވަރުގަދަ ފިޔަވަޅުތައް މިވަގުތު އަޅާފައި ވަނީ ވެސް މި ދެރަށުގަ އެވެ. އެ ދެ ރަށް ވެސް ބަންދުކޮށް، "ކާފިއު" އެއް ވަނީ އިއުލާންކޮށްފަ އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައި ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދަން ފިޔަވައި އެހެނިހެން ބޭނުންތަކަށް މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓާލަން އެ ދެ ރަށުގެ ރައްޔިތުންނަށް ވަނީ އަންގާފަ އެވެ. އަދި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓާލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލާން ވެސް ވަނީ އަންގާފަ އެވެ.
"އަޅުގަނޑު ވަރަށް ކަންބޮޑުވޭ، ވަރަށް ދެރަވޭ ކޮންޓެކްޓް ޓްރޭސިން ހަދާފައި ނަތީޖާ ލިބެންދެން ގޭގައި ތިބެން އެންގުމުން ބައެއް މީހުން ގެއިން ނިކުމެގެން އުޅޭތީވެ. ކޮވިޑް ޖެހި ފަރުވާ ކުރަމުން ދިޔަ މީހަކު ވެސް އިއްޔެ ވަނީ ގެއިން ނުކުމެގެން ގޮސް ރަށު ތެރޭގައި ކުރަމުން ދިޔަ މަސައްކަތެއްގައި ވެސް ބައިވެރިވެފައި. މިފަދަ ކަންކަމުގެ ސަބަބުން އެންމެން މި ބަލީގެ ނުރައްކަލަށް ވެއްޓިގެން މިދަނީ،" ޅ. އަތޮޅު ހޮސްޕިޓަލްގެ ވެރިޔާ، އޭނާގެ ކަންބޮޑުވުންތައް ހިއްސާ ކުރެއްވި އެވެ.
އަޅުގަނޑު ވަރަށް ކަންބޮޑުވޭ، ވަރަށް ދެރަވޭ ކޮންޓެކްޓް ޓްރޭސިން ހަދާފައި ނަތީޖާ ލިބެންދެން ގޭގައި ތިބެން އެންގުމުން ބައެއް މީހުން ގެއިން ނިކުމެގެން އުޅޭތީވެ. ކޮވިޑް ޖެހި ފަރުވާ ކުރަމުން ދިޔަ މީހަކު ވެސް އިއްޔެ ވަނީ ގެއިން ނިކުމެގެން ގޮސް ރަށު ތެރޭގައި ކުރަމުން ދިޔަ މަސައްކަތެއްގައި ވެސް ބައިވެރިވެފައިޖައުފަރު | ޅ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު
ހޮސްޕިޓަލްގެ މެނޭޖަރު ޖައުފަރު އަބްދުﷲ ވިދާޅުވި ގޮތުގައި ޅ. އަތޮޅުގެ ރަށްތަކާއި ނައިފަރުގެ ހާލަތު ގޯސްވާތީ ހޮސްޕިޓަލަށް ސިއްހީ ހިދުމަތްތެރިންގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވެ އެވެ. އެ ހޮސްޕިޓަލްގައި މިވަގުތު ހިދުމަތް ދެވޭ ގޮތަށް މަސައްކަތް ކުރަނީ މެޑިކަލް ތިން އޮފިސަރެކެވެ. ކަމާ ގުޅޭ އިދާރާތަކުގެ އެންގުންތަކަށް އަމަލު ނުކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅައިގެން ނޫނީ ތޮއްޖެހިފައި އޮތް ނައިފަރުގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމަކަށް ޖައުފަރަކަށް ފެނިވަޑައެއް ނުގަންނަވަ އެވެ.
ޖައުފަރުގެ އެ ކަންބޮޑުވުން އޮތް އިރު ނައިފަރު ކައުންސިލްގެ ރައީސް ވިދާދު އަބްދުﷲ ވިދާޅުވި ގޮތުގައި ސަރުކާރުގެ އިދާރާތަކާއި ފުލުހުންނާ ގުޅިގެން ނައިފަރުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަދިވެސް އިތުރު ފިޔަވަޅުތައް އަޅާނެ އެވެ. މީހުން ގެއިން ބޭރަށް ނުކުތުން ހުއްޓުވުމަށްޓަކައި ހާއްސަ ފާހެއް ދޫކުރަން ނިންމާފައި ވެސް ވެއެވެ. އަދި އެންގުންތަކާއި އެއްގޮތަށް އަމަލުނުކުރާ ފަރާތްތައް ފުލުހުންނާ ހަވާލު ކުރުމަށް ވެސް ދަނީ ތައްޔާރު ވަމުންނެވެ.
ވިދާދު ގަބޫލު ކުރައްވާ ގޮތުގައި ނައިފަރަށް ކޮވިޑް ވައިރަސް އެރީ ކައިރީގައި އޮތް ސިނާއީ ރަށް، ފެލިވަރުން ޕޮޒިޓިވްވި މުވައްޒަފުންނާ ކޮންޓެކްޓްވި އެރަށުގެ ބައެއްގެ ފަރާތުންނެވެ. ނަމަވެސް ފެލިވަރު ކްލަސްޓާއާ އެއްވެސް ގުޅުމެއް ނެތް ބަޔަކު މިހާރު ނައިފަރުގައި ޕޮޒިޓިވް ވެފައި ތިބުމަކީ އޮތް އިތުރު ކަންބޮޑުވުމެކެވެ.
"ފެލިވަރު ކްލާސްޓާއާ އެއްވެސް ގުޅުމެއް ނެތް ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން އެބަ އެނގޭ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭކަން. އެހެންވީމާ މިކަން ހައްލު ކުރެވޭނީ އެންމެން ވެސް އެންގުންތަކާއި އެއްގޮތަށް އަމަލުކޮށް އެއްބާރުލުން ދިނުމުން. ރައްޔިތުންނަށް ދޭ ހިދުމަތްތައް މެދުކެނޑިގެން ދިޔަ ނުދިނުމަށްޓަކައި ކައުންސިލާއި ނައިފަރުގެ ކަމާ ގުޅޭ އެހެން އިދާރާތަކުގެ އެތައް މުވައްޒަފުންނެއް ވެސް މިތިބީ ވަކި ތަނެއްގައި އައިސޮލޭޓް ވެގެން،" އިދާރާތަކުގެ ހިދުމަތް ހުއްޓިގެން ނުދާހެން ކުރަމުންދާ ކަންކަން ހިއްސާ ކޮށްދެއްވަމުން އޭނާ ވިދާޅުވި އެވެ.
ނައިފަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ މޫސާ އަބޫބަކުރު ބުނި ގޮތުގައި އޭނާގެ ވިޔަފާރިއަށް އަސަރުކުރި ނަމަވެސް ނައިފަރުގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، މި ހާލަތުން އަވަހަށް ނައިފަރު އަރައިގަތުމަށް ބޭނުން ވެއެވެ. ނައިފަރުގެ ރައްޔިތުން އާންމުކޮށް ބޭނުންވާ ހުރިހާ މުދަލެއް ދަތިކަމެއް ނެތި މި ހާލަތުގައި ވެސް ލިބޭނެ ކަމުގެ ޔަގީންކަން ވެސް މޫސަ ދެ އެވެ.
"އަޅުގަނޑުމެން ވެސް އަދި ރަށުގެ އެހެން ފިހާރަތަކުން ވެސް މުދަލެއް ބޭނުން ވެގެން އަންގާލީމާ ޑެލިވަރ އެބަ ކޮށްދެން. އެހެންވީމާ ވެސް އެއްވެސް ރައްޔިތަކު މިވަގުތު ގެއިން ނުނުކުމެ ތިބުން ވަރަށް މުހިއްމު. އަޅުގަނޑުމެންނަށް މިއަދު ދަތިތަކެއް ހުއްޓަސް މިދަތިތައް ތަހައްމަލްކޮށްގެން މާދަމާ އަޅުގަނޑުމެން އެންމެންނަށް މިނިވަންކޮށް ހަމަޖެހިލައިގެން އުޅެވެން އޮތީ. އަޅުގަނޑަށް މުހިއްމީ ވިޔަފާރިއަށް ވުރެ އަޅުގަނޑުމެންގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން،" މޫސަ ބުންޏެވެ.
ނައިފަރާއި ހުރާ ރައްޔިތުންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮވިޑް ސާމްޕަލް ނެގުމަށް ފަހު ނަތީޖާ ލިބުން ބޮޑު ތަނުން ލަސްވުމެވެ. ނައިފަރުގައި މުޅި އަތޮޅަށް ހިދުމަތް ދޭ ހޮސްޕިޓަލް ހިމެނޭ އިރު އެތަނުގައި ޓެސްޓް ހެދޭނެ އެއްވެސް އިންތިޒާމެއް ނެތެވެ. ރަށުގައި ޓެސްޓް ކުރެވޭނެ އިންތިޒާމު އަވަހަށް ހަމަޖައްސައި ދޭން ނައިފަރު ކައުންސިލުން ވަނީ ސަރުކާރުގައި އެދިފަ އެވެ.
އަނެއްކޮޅުން ހުރާ ސިއްހީ މަރުކަޒުގައި ވެސް ޓެސްޓް ހެދޭނެ އިންތިޒާމެއް ނެތެވެ. އެމްބިއުލާންސްގެ ހިދުމަތް ވެސް ވަނީ މެދުކެނޑިފަ އެވެ. ހުރާ ގައި މިވަގުތު ބަލި މީހުން އުފުލަނީ އަމިއްލަ މީހަކު ވަގުތީ ގޮތުން ހަދިޔާ ކޮށްފައިވާ ބަގީއެއްގަ އެވެ.
"ސިއްހީ މަރުކަޒުގައި އަޅުގަނޑާއި ޑޮކްޓަރުވެސް ހިމެނޭހެން 21 މުވައްޒަފުން މަސައްކަތް ކުރަނީ. ކޮވިޑާއި ގުޅިގެން ދެބައިކުޅަ އެއްބައި މުވައްޒަފުން މިތިބީ ހޯމް ކަރަންޓީނުގައި. ދެން ތިއްބެވި މަދު މުވައްޒަފުން މިތިބީ އައިސޮލޭޝަންގައި. ހޮސްޕިޓަލް މި ހިންގަނީ އެއް ޑޮކްޓަރާއި، ސަރުކާރުން ފޮނުވުމުން މާފުށިން އައި ނަރުހަކާއި، ހިންމަފުށިން އައި ނަރުހަކާއި މިރަށުގެ ނަރުހެއް ބޭނުން ކޮށްގެން. އަޅުގަނޑާއެކު އިދާރީ މަސައްކަތް ވެސް މިކުރަނީ ކުރިން ނަރުހެއްގެ ގޮތުގައި އެކަމަކު މިހާރު ވޮލަންޓިއާކޮށް އުޅޭ ކުއްޖަކާއި، ސުކޫލުގެ ޕްރިންސިޕަލާއި، ލީޑިން ޓީޗަރެއް. އަޅުގަނޑުމެންނަށް އިންސާނީ ވަސީލަތް ވަރަށް މަދު. ތަނުގެ ޖާގައިގެ މައްސަލަ ވެސް ބޮޑު. އެއްވެސް އިރަކު މިތަނުގައި ލެބޯޓަރީ އެއްވެސް ނުހުރޭ،" ހާލަތު އޮތް ގޮތް ހުރާގެ ސިއްހީ މަރުކަޒާ ހަވާލުވެ ހުންނެވި ކޮމިއުނިޓީ ހެލްތު އޮފިސަރު ޝަފީގާ އާދިލް ވިދާޅުވެ ދެއްވި އެވެ.
ހުރާގެ ހާލަތު ރަނގަޅު ކުރަން ސަރުކާރުގެ އިދާރާތަކާއި ހުރާގެ މުއައްސަސާތަކުން އަޅާފައިވާ ފިޔަވަޅުތަކާ މެދު ހުރާ ކައުންސިލްގެ ރައީސް އީސާ އަހްމަދުގެ މާ ބޮޑު ކަންބޮޑުވުމެއް ނެތެވެ.
އީސަ ވިދާޅުވާ ގޮތުގައި ރާއްޖެއިން ކޮވިޑް ކޭހެއް ފެނުމާ ގުޅިގެން ކޮވިޑުން ރައްކާތެރިވުމަށް ހުރާގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ހުރީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފަ އެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް އޭރުވެސް މިހާރުވެސް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާ އެއްބާރުލުން ލިބެމުންދެ އެވެ.
"ކޮވިޑް ވެކްސިން ޕްރޮގްރާމު ހުރާގައި ފެށުމާއެކު ބައެއް މީހުން ބަލިވާން ފެށީ. އަޅުގަނޑުމެން ހީކުރީ އެއީ ވެކްސިން ޖެހުމުން ދިމާވާ ކަމެއް ކަމަށް. ދެން ހަމަ ކުއްލިއަކަށް މިދިޔައީ ކޮވިޑް ކޭސްތައް މުޅި ރަށަށް ފެތުރިގެން. މިއީ އަނެއްހެން ބުނަންޏާ ވަރަށް ބޮޑު ޝޮކެއް،" އީސަ ވިދާޅުވި އެވެ.
ކޮވިޑް ވެކްސިން ޕްރޮގްރާމް ހުރާގައި ފެށުމާއެކު ބައެއް މީހުން ބަލިވާން ފެށީ. އަޅުގަނޑުމެން ހީކުރީ އެއީ ވެކްސިން ޖެހުމުން ދިމާވާ ކަމެއް ކަމަށް. ދެން ހަމަ ކުއްލިއަކަށް މިދިޔައީ ކޮވިޑް ކޭސްތައް ރަށުގައި ގިނަވެގެން.އީސަ އަހްމަދު | ހުރާ ކައުންސިލްގެ ރައީސް
ކުރިމަތީގައި އޮތީ ރޯދަ ކަމަށްވާތީ ވީހާވެސް އަވަހަށް ހުރާގެ ހާލަތު ރަނގަޅުވުމަކީ އީސަގެ އުއްމީދެވެ. ބައެއް މީހުން ދެތިން ފަހަރަށް ކަރަންޓީނުވާން ޖެހޭ މައްސަލައަށް ހައްލެއް ހޯދައި ދިނުމަކީ ރައްޔިތުންގެ ފަރާތުން އީސަ އެދި ވަޑައިގަންނަވާ އެންމެ ބޮޑު އެދުމެވެ.
ހުރާގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުންދާ މުހައްމަދު ނާފިޒް ބުނި ގޮތުގައި ހުރާގެ ހާލަތު ރަނގަޅު ކުރަން ރަށު ފެންވަރުގައި އަޅާފައިވާ ފިޔަވަޅުތަކާ މެދު މާބޮޑު ޝަކުވާއެއް ނެތެވެ. ނަމަވެސް އެޗްޕީއޭގެ ޓީމެއް އިއްޔެގެ ވަގުތެއްގައި އެރަށަށް ގޮސް ރަށުގައި ތިބި ފަތުރުވެރިން އެކްސްކާޝަނަށް ދިއުން ކުއްލި ގޮތަކަށް މަނާކޮށްފައި ވެއެވެ. އެކަށީގެންވާ ވަގުތުކޮޅެއް ނުދީ އެގޮތަށް ކުއްލިއަކަށް އެންގުމެއް އެންގުމުން ވިޔަފާރިއަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިގެންދެ އެވެ.
"އެޗްޕީއޭން ކުއްލި އަކަށް މިއެޅި ފިޔަވަޅުގެ ސަބަބުން އަޅުގަނޑުމެންނަށް ގެސްޓްހައުސްގައި ތިިބި ފަތުރުވެރިން އެހެން ތަނަކަށް ގެންދަން ވެސް ވަގުތެއް ނުލިބި އެމީހުން ތާށިވީ. އަޅުގަނޑު ވެސް ގަބޫލު ކުރަން ހާލަތުގެ ގޮތުން ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަން. އެކަމަކު ކުއްލި ކުއްލިއަށް މިހެން އެންގުންތައް އެންގުން ހުއްޓާލަށް އެބަޖެހޭ،" އަމިއްލައަށް އިސްނަގައިގެން ރަށުގެ ރައްޔިތުންނަށް މިވަގުތު އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހުރި ނާފިޒް ބުންޏެވެ.
ބިނާވެށި ޕްލޭނެއް ނެތި ތަަރައްގީ ކޮށްފައިވާ ނައިފަރުގެ އާބާދީ 5000 އިން މަތީގައި އުޅޭއިރު އެރަށުގެ 1258 ގޭގެ ތެރެއިން 79 ގެ ހުރީ ކަރަންޓީނުގަ އެވެ. ހުރާގެ އާބާދީގައި 1275 މީހުން ހިމެނޭއިރު އެރަށުގައި އުޅޭ އެކި ރަށްރަށުގެ މީހުނާއި ފަތުރުވެރިންނާއެކު މިވަގުތު ވެސް ހުރާގައި ބަންދުވެފައި 1500 އާ ގާތްކުރާ އަދަދަކަށް މީހުން އެބަތިއްބެވެ. ހުރާގައި 187 ގެ ހުރިއިރު 99 ގެ މިވަގުތު ވެސް ހުރީ ކަރަންޓީނުގަ އެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް އަދިވެސް މައްޗަށް ދާނެ ކަމަށް ނައިފަރާއި ހުރާގެ އިދާރާތަކުން ލަފާ ކުރާތީ ކަރަންޓީނަށް ގެންދަން ޖެހޭ ގެތަކުގެ އަދަދު ވެސް އިތުރުވެގެން ދާނެ އެވެ. ހުރާގައި ރެއާއި ހަމައަށް 129 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ނައިފަރުގައި 168 މީހުން ގެންދަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ.
ހުރާ އާއި ނައިފަރުގެ އިދާރާތަކުން ވަނީ އެރަށް ރަށުގައި ހަރަކާތްތެރިވާ ޓާސްކްފޯހާއި އަމިއްލަ ޖަމިއްޔާތަކާއި ގުޅިގެން ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ދެވޭނެ އިންތިޒާމުތައް ހަމަޖައްސާފަ އެވެ. ހުރާއާއި ނައިފަރުގެ މަސްވެރިންގެ ތެރެއިން ރަށުން ބޭރުގައި ތިބި މަސްވެރިން ގެންދަނީ ރަށަށް މަސް ފޯރު ކޮށްދެމުންނެވެ. ވިޔަފާރިތަކުން ވަނީ ބޭނުންވާ އަސާސީ މުދާ މާލޭގައި ތިބޭ އެޖެންޓުން މެދުވެރިކޮށް ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސާފަ އެވެ. ރައްޔިތުންނަށް ހިދުމަތް ދިނުމަށް ނައިފަރާއި ހުރާގައި ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސާފައިވީ ނަމަވެސް ދެ ރަށް ވެސް މޮނިޓަރިން އަށް ގެންގޮސް ކާފިއުއެއް އިއުލާން ކޮށްފައިވާތީ އެ ދެ ރަށް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ނަފްސާނީ އުނދަގޫތަކެއްގެ ތެރޭގަ އެވެ.