ރެއާލް މެޑްރިޑް

ރާމޯސްއަށް އަނިޔާވެ ލިވަޕޫލާ ދެކޮޅަށް ނުކުޅެވޭނެ

ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސްގެ ކުޑަކަޅުވާ މަސްގަނޑަށް ލިބުނު އަނިޔާ އާ ގުޅިގެން، ޔޫއެފާ ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ނުކުޅެވޭނެކަން ކަށަވަރު ވެއްޖެ އެވެ.

ރާމޯސްއަށް އަނިޔާވީ އިއްޔެ ފަރިތަކުރުންތައް ކުރިއަށް ގެންދަނިކޮށެވެ. ލިވަޕޫލާ ދެކޮޅަށް ކުޅޭ ދެ ލެގްގެ އިތުރަށް ރާމޯސްއަށް ގެއްލޭނެ މުހިންމު އަނެއް މެޗަކީ އެލްކްލެސިކޯގައި ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ހެދި ޓެސްޓްތަކުން އެނގުނީ، އަނިޔާއިން ރަނގަޅުވުމަށްޓަކައި ކުޅުމާ ދުރުގައި އެއްމަސް ހޭދަ ކުރަން ޖެހޭނެ ކަމަށެވެ. ފެބްރުއަރީ އާއި މާޗް މަހު ކުރީ ކޮޅުަގައި ވެސް ރާމޯސް ވަނީ ހަ ހަފުތާ ވަންދެން ކުޅުމާ ދުރުގައި ހޭދަ ކޮށްފަ އެވެ. އެއީ އޭނާއަށް ކުރިން ލިބިފައިވާ އަނިޔާއަކަށް ކުރި އޮޕަރޭޝަނަކާ ގުޅިގެންނެވެ.

"ސީޒަން ވަކި ގޮތަކަށް ނިމިގެންދާ މުހިންމު މެޗުތަކުގައި ޓީމަށް އެހީތެރިވެދޭން ނުހުރެވުމަކީ އަހަންނަށް ވަރަށް ބޮޑު ދެރައެއް." ޖޫން މަހު ކޮންޓްރެކްޓް ހަމަވާ ރާމޯސް އިންސްޓަގްރާމްގައި ލިޔެފައި ވެއެވެ.

ބުދަ ދުވަހުގެ ރޭ، ކޮސޯވޯ އާ ދެކޮޅަށް ސެވިއްޔާގައި ސްޕެއިން ކުޅުނު މެޗުގައި ރޯމޯސް ކުޅެން ނުކުތީ އެންމެ ފަހު ފަސް މިނެޓްގަ އެވެ. ނަމަވެސް އޭރު އަނިޔާގެ އެއްވެސް ކަމެއް ނެތެވެ.