އާސެނަލް

ލަކެޒެޓް އާމެދު ގޮތް ނިންމާނީ ސީޒަން ނިމުމުން

އާސެނަލްގައި އެލެގްޒެންޑާ ލަކެޒެޓްގެ ކުރިމަގާ މެދު ގޮތް ނިންމާނީ ސީޒަން ނިމުމުން ކަމަށް އާސަނެލްގެ ކޯޗް މިކަލް އާޓެޓާ ބުނެފި އެވެ.

އާސެނަލް އާއެކު ލެކެޒެޓްގެ ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ ސީޒަނެކެވެ. އާޓާޓާ ބުނީ، އާ ކޮންޓްރެކްޓެއް ލެކެޒެޓްއަށް ދޭނެތޯ ނުވަތަ ނޫންތޯ ނިންމާނީ މިހާރާއި އަދި ސީޒަން ނިމެންދާއިރު ޓީމު ޕާފޯމް ކުރާ ގޮތަކުން ކަމަށެވެ. އާޓެޓާގެ ކޯޗް ކަމުގައި ލަކެޒެޓްއަށް ޓީމުން ލިބޭ ފުރުސަތުތައް ވަނީ މަދުވެފަ އެވެ.

ސެންޓަ ފޯވަޑްގެ ރޯލްގައި ލެކްޒެޓްއާ ވާދަ ކުރަނީ ޕީއާ އެމެރިކް އޮބާމެޔެންގް އަދި އެޑީ ނެކެޓިއާ އެވެ. އެހެން ނަމަވެސް އެންމެ ފަހު ކުޅުނު ދެ މެޗުގައި ފުރަތަމަ 11 ގައި ހިމެނިގެން ކުޅެ އޭނާ ވަނީ ޓީމަށް މުހިންމު ދެ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ޓޮޓެންހަމް ހޮޓްސްޕާސް އާ ދެކޮޅަށް އާސެނަލް މެޗުން މޮޅު ކޮށްދިން ޕެނަލްޓީ ކާމިޔާބު ކުރީ ލެކެޒްޓެވެ. އަދި ވެސްޓްހަމް އާ ދެކޮޅަށް އާސެނަލްއަށް މެޗު އެއްވަރު ކޮށްދިން ލަނޑުވެސް ކާމިޔާބު ކުރީ އޭނާ އެވެ.

ފާހަގަ ކުރެވޭ ކަމަކީ ލިއޯންގެ ކުރިގެ ފޯވަޑަށް އާސެނަލްގެ ޓީމުން ފުރުސަތު ދިނުމުން އާސެނަލްގެ އެޓޭކްތަކުގައި މާބޮޑަށް ބަދަހިކަން ފެންނިގެންދާ ކަމަށެވެ.

"ލެކާ [ލަކެޒެޓް] ގެ ހާލަތު އަހަރެމެން ރިއާޔަތް ކުރަނީ ސީޒަން ނިމުމުން، އަހަރެމެން ބޭނުމީ އޭނާ އާ ވާހަކަ ދައްކައިގެން އޭނާގެ ކުރިމަގާ މެދު ގޮތެއް ނިންމަން،" އާޓެޓާ ބުންޏެވެ. "ހުރިހާ ކަމެއްވެސް ގުޅެނީ އަހަރެމެން މިހާރު އޮތް ހިސާބާމެދު. ކިހާވަރަކަށްތޯ އަހަރެމެންނަށް ކާމިޔާބު ލިބެނީ. އަހަރެމެން އަންނަ ސީޒަންގައި ވާދަކުރަން ލިބޭނީ ޔޫރަޕްގެ ކޮން މުބާރާތެއްގައިތޯ ކަށަވަރު ވީމަ."

ފްރާންސްގެ ފޯވަޑް ގެންދަން، އެތުލެޓިކޯ މެޑްރިޑާއި ސެވިއްޔާ އަދި ރޯމާއިން ވެސް ޝައުގުވެރި ވެއެވެ.