ޑރ. މުހައްމަދު މުއިއްޒު

އަލީ ރަމީޒުގެ ތާއީދު މުއިއްޒު އަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ މޭޔަރުގެ ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވާ ކަން އަލީ ރަމީޒު ނިންމައިފި އެވެ.

އަލީ ރަމީޒު މިގޮތަށް ނިންމައި އެކަން އިއުލާން ކުރީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އަލީ ރަމީޒު ތާއީދުކުރައްވާ ބޭފުޅަކީ ކޮބައިތޯ ބެއްލެވުމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ކުރެއްވި މެސެޖަކަށް ދެއްވި ޖަވާބެއްގަ އެވެ. އެ ޖަވާބުގައި އަލީ ބުނެފައި ވަނީ މާލެ ސިޓީ މޭޔަރު ކަމަށް އެންމެ ރަގަޅީ މުއިއްޒު ކަމަށެވެ.

މިކަމާ ގުޅިގެން މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންގެ ހިތުގައި ހާއްސަ ގަދަރެއް ދެވިފައިވާ އަލީ ރަމީޒް، އޭނާއަށް ތާއީދު ކުރެއްވުމުން އުފާ ކުރައްވާ ކަމަށެވެ.

ޑރ. މުއިއްޒުއަށް ތާއީދުކުރައްވާ ކަން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ކުރީގެ ވަޒީރު އުމަރު ޒާހިރު އަދި ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު ވެސް ވަނީ ހާމަކޮށްފަ އެވެ.

ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް ޑރ. ވަހީދާއި ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަން ކުރައްވާފަ އެވެ. މުއިއްޒުގެ މިނިސްޓަރު ކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެތައްހާސް ފްލެޓެއް ވަނީ އަޅާފަ އެވެ. އަދި މާލެ އާއި ހުޅުލެ ގުޅާލުމަށް އަޅާފައިވާ ސިނަމާލެ ބްރިޖުގެ މަޝްރޫއު އަމަލީގޮތުން ހިންގުމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް ޑރ. މުއިއްޒު އެވެ.

މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެއްޖެ ނަމަ އެމަނިކުފާނު މަސައްކަތް ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށްވެސް މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުން ޑރ. މުއިއްޒު އާއި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު އެވެ. މީގެ އިތުރުން މަޖިލީހުގެ ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހްމީ ވެސް ގެންދަވަނީ އަމިއްލަ ގޮތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަމުންނެވެ.