ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތާރީހު ދިރާސާ ކުރުމަކީ ގައުމީ މަސައްކަތެއް: ރައީސް

ތާރީހު ދިރާސާކޮށް ލިޔެ ރައްކާ ކުރުމަކީ މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ކޮނޑުގައި އެޅިފައިވާ ގައުމީ މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، އަލްގާޒީ ހަސަން ތާޖުއްދީން ލިޔުއްވާފައިވާ "ތާރީހް އިސްލާމި ދީބާ މަހަލް" ގެ ދިވެހި ތަރުޖަމާ ރަސްމީކޮށް ނެރެދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތު ގައެވެ.

"ތާރީހް އިސްލާމި ދީބާ މަހަލް" އަކީ ރާއްޖޭގެ ދިގު ތާރީހާ ގުޅޭގޮތުން ދިވެއްސަކު ލިޔުނު އެންމެ ފުރަތަމަ ފޮތެވެ. އަލްގާޒީ ހަސަން ތާޖުއްދީން މި ފޮތުގެ އަސްލު ލިޔުއްވާފައި ވަނީ އަރަބި ބަހުންނެވެ.

ރަސްމިއަޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ ދިވެހި ބަހާއި ތާރީހާއި ގުޅޭ ފެކަލްޓީތަކުން، ރާއްޖޭގެ ތާރީހާ މެދު މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ދިރާސާކުރަން ޖެހިފައިވާ ކަމަށެވެ. އަދި ދަރިވަރުންނަށް އެ ކަމަށް ހިތްވަރުދީ، ދިވެހި ބަހުގެ އެކެޑަމީގެ އެހީތެރިކަމާއެކު، އެ މަސައްކަތް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ފެށުމަށް ވެސް އެ މަނިކުފާނު ގޮވައި ލެއްވި އެވެ.

ތާރީހު ދިރާސާކޮށް، ތާރީހީ ލިޔުންތައް ރައްކާކުރުމާ ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވީ ތާރީހް ރައްކާ ކުރުމުގައި އިސްކަންދޭންވީ ހަމައެކަނި އިހުގެ ތާރީހަށް ނޫން ކަމަށާއި އެއިރެއްގައި ކަން ހިނގަމުންދާ ގޮތް، އެއްވެސް އޮޅުވާލުމެއް ނެތި ތެދު ބަހުން ހާމަކުރުމަށް އިސްކަންދޭން ޖެހޭ ކަމަށެވެ. އަދި އެ ކަން އެންމެ ފުރިހަމައަށް ކުރެވޭނީ އެ ޒަމާނެއްގައި އެ ކަމެއް "ލޮލުން ދެކި އަތުން ހިފި ބަޔަކަށް" ކަމުގައެވެ.