ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގެ ލިޔުމުގައި ސޮއި ކުރެއްވުމަށް ފަހު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސޮއި ނެންގެވުމާ ގުޅިގެން އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން މަޖިލީހުގެ އާންމު ކޮމެޓީގައި ދިރާސާ ކުރަން ފަށައިފި އެވެ.
މިދިޔަ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލައިގައި ސޮއި ކުރެއްވުމަށް ފަހު ޖާބިރުގެ ސޮއި ނެންގެވުމުން އެކަމުގައި ވަކި ގޮތެއް ނިންމަވަން އެމަނިކުފާނަށް އުދަނގޫ ކަމަށެވެ.
އެހެންވެ މައްސަލަ ދިރާސާ ކުރެއްވުމަށް އެ ދުވަހުގެ ޖަލްސާގައި ފޮނުއްވީ މަޖިލީހުގެ އާންމު ކޮމިޓީ އަށެވެ.
ނަޝީދު ވިދާޅުވީ މެންބަރަކު ކަމެއް ކުރެއްވުމަށްފަހު އެކަމަކުން ވަކިވެވަޑައިގަތުމުގެ ހައްގު ވެސް މެންބަރުންނަށް ލިބިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ވަކި ގަޑިއަކަށް އެތައް މެންބަރުންނަކާއެކު ކުރައްވަންޖެހޭ ކަމެއްގައި އެ ވަގުތު ހަމަވުމުން ދެން އެކަމަކުން ވަކިވެވަޑައިގެންނެވިދާނެތޯ ރައީސް ނަޝީދު ވަނީ ސުވާލު އުފައްދަވާފަ އެވެ.
"އެގޮތަށް އޮތް ކަމެއްގައި އޭގެ އެތައް ގަޑިއެއް ފަސްވާ ފަހުން މިހެން ހެއްދެވުުން ވާގޮތަކީ ކޮބައިތޯ އަޅުގަނޑު ހިތުން އަޅުގަނޑުމެން މިފަހަރު އުސޫލެއް ކަނޑައަޅާފައި ބޭއްވުމަކީ ބޭނުންތެރިކަމެއް،" ޖާބިރު އަމަލު ކުރެއްވި ގޮތާ މެދު ސުވާލު އުފައްދަވަމުން ނަޝީދު ވިދާޅުވި އެވެ.
ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނީ އެ މައްސަލައެއްގައި މަދުވެގެން 10 މެންބަރުން ސޮއި ކުރެއްވުމުންނެވެ.
މިނިސްޓަރު ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް އިދިކޮޅުން ހުށަހެޅުއްވީ ޖާބިރާއެކު 10 މެންބަރުންގެ ސޮއި ހިމަނައިގެންނެވެ.
ޖާބިރުގެ ސޮއި އަނބުރާ ނެންގެވީ މިނިސްޓަރު ޒަހާގެ އިތުބާރު ނެތް މައްސަލައިގައި މަޖިލީހުގެ އިދާރާއިން މިނިސްޓަރަށް ނޯޓިސް ފޮނުވާ ޖަވާބުދާރީވުމަށް އަންގަވާފައިވާ މުއްދަތު ވެސް ހަމަވި ފަހުންނެވެ.
މިނިސްޓަރު ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖާބިރު އަމަލު ކުރެއްވި ގޮތުން އެ އެމައްސަލަ އިތުރަށް ކުރިއަށް ގެންދިއުމާ މެދު އަމަލު ކުރާނެ ގޮތެއް ނިންމުމަށް މަޖިލީހުގެ އާންމު ކޮމިޓީގައި އެ މައްސަލަ މިހާރު ދަނީ ދިރާސާ ކުރަމުންނެވެ.