އެޗްއެސްބީސީން ދިވެހި ސަރުކާރުގެ ފިހާރަ ކުންފުނި އެސްޓީއޯ މެދުވެރިކޮށް، ސަރުކާރަށް 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 386,5 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފި އެވެ.
އެސްޓީއޯ އިން ބުނީ ކޮވިޑް-19 އާ ގުޅިގެން އެޗްއެސްބީސީން އެ ކުންފުންޏަށް 25 މިލިއަން ޑޮލަރު ދީފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ 25 މިލިއަން ޑޮލަރުގެ މި ލޯނު މެނޭޖު ކުރާނީ ފިނޭންސް މިނިސްޓްރީން ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެޗްއެސްބީސީ އިން ދީފައިވާ މި ލޯނު ދައްކަން ޖެހެނީ ތިން އަހަރު ތެރޭގަ އެވެ. ނަމަވެސް މި ލޯނުގެ އިންޓެސްޓް ރޭޓާއި އިތުރު މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެ އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެެކްޓަރު ހުސެއިން އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ދިމާވި ދަތި ތަކަށް އެސްޓީއޯ މެދުވެރިކޮށް މިހާތަނަށް ބޭރުގެ އެކި އިންސްޓިޓިއުޓް ތަކުން 62 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 956 މިލިއަން ރުފިޔާ) ގެ ލޯނު ދީފައިވާ ކަމަށެވެ.
ރާއްޖެ އަށް ބޭނުންވާ ބޭހާއި ކާޑު އެތެރެ ކުރަން ސަރުކާރުން އެސްޓީއޯ އަށް 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385 މިލިއަން ރުފިޔާ) ގެ ގެރެންޓީއެއް ވެސް ދީފައިވެ އެވެ. އެ ފަހަރު ވެސް މި ގެރެންޓީ ވެސް ދީފައި ވަނީ ހޮންކޮންގް ޝަންހާއީ ބޭންކިން ކޯޕަރޭޝަންގެ މާލޭގެ ބްރާންޗުން ނެގި ލޯނަކަށެވެ.
ރާއްޖެއަށް ދަރަނި މަތިވުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. އެހެންވެ އެކަމަށް ސަރުކާރުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.