އޭއެފްސީ ކަޕް

އީގަލްސްގެ މެޗަށް ތައްޔާރުވާން ތިމްޕޫ ކަލްކަތާގައި

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި، ރާއްޖޭގެ ކުލަބު އީގަލްސް އާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރު ވުމުގެ ގޮތުން ބޫޓާންގެ ތިމްޕޫ ސިޓީން އިންޑިއާގެ ކަލްކަތާގައި ކޭންޕް ކޮށްފި އެވެ.

އަންނަ ބުދަ ދުވަހު މާލޭގައި ކުޅޭ މެޗަށް ތައްޔާރު ވާން، ތިމްޕޫއަށް ޓްރޭނިން ފުރުސަތު ފަހި ކޮށްދިނީ ވެސްޓް ބެންގާލްގައި ހަރަކާތްތެރިވާ އިންޑިއަން ފުޓްބޯލް އެސޯސިއޭޝަނުންނެވެ. ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމް ޓްރޭނިންއަށް ކޭމްޕް ކޮށްގެން ތިބި ޓީމު، މާދަމާ މާލެ އަންނާނެ އެވެ.

އޭއެފްސީ ކަޕްގެ މަރުހަލާއެއްގައި ވާދަ ކުރަން އީގަލްސް ނުކުންނަނީ މުޅިން އަލަށެވެ. އެހެން ނަމަވެސް ތިމްޕޫ ސިޓީ ވަނީ މީގެ ކުރިން ވާދަ ކޮށްފަ އެވެ. އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ތިމްޕޫއިން ވަނީ ރާއްޖޭގެ ކުލަބު ވެލެންސިއާ އާ ދެކޮޅަށް ކުޅެފަ އެވެ. ބޫޓާންގައި ގަދަ ފިނީގައި ކުޅުނު މެޗު އެއްވަރުވީ ލަނޑެެއް ނުޖެހި އެވެ. މާލޭގައި ކުޅުނު ދެވަނަ ލެގް މެޗު ވެލެންސިއާ ކާމިޔާބު ކުރީ 3-0 ންނެވެ.


މިފަހަރު ޕްރިލިމިނަރީ ބުރުގައި ދެ ލެގްގެ މެޗެއް ނޯންނާނެ އެވެ. ކުޅޭނީ އެއް މެޗެވެ. އެ މެޗުން މޮޅުވާ ޓީމެއް، ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރުގައި ވާދަ ކުރާނީ، ބަންގުލަދޭޝްގެ ޑާކާ އަބަހާނީ އާ ދެކޮޅަށެވެ. ޕްރިލިމިނަރީ މަރުހަލާގެ ފުރަތަމަ ބުރުގައި ދެން ބައްދަލު ކުރާ ދެ ޓީމަކީ، ނޭޕާލްގެ އާމީ ކުލަބާއި އަވަށްޓެރި ލަންކާގެ ޕޮލިސް ކުލަބެވެ. އެ ދެ ޓީމު ބައްދަލު ކުރާ މެޗުން މޮޅުވާ ދެ ޓީމެއް ވާދަ ކުރާނީ، ބެންގަލޫރު އެފްސީ އާއެވެ. ޕްރިލިމިނަރި މަރުހަލާގެ ދެ ވަނަ ބުރު ކުޅޭނީ މި މަހު 14 ގަ އެވެ.

ޕްލޭއޮފް ބުރަށް ދަތުރު ކުރާނީ، ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރުގެ މެޗުތަކުން މޮޅުވާ ދެ ޓީމެވެ. ޕްލޭއޮފް މެޗުން މޮޅުވާ ޓީމު ގުރޫޕް ސްޓޭޖަށް ކޮލިފައި ވާނެ އެވެ. ރާއްޖޭގެ ކުޅޭ ދެކުނު އޭޝިއާގެ ގުރޫޕް ސްޓޭޖުން މިހާރުވެސް ޖާގަ ކަށަވަރު ކޮށްފައި ވަނީ، ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، އިންޑިއާގެ އައި ލީގް މިދިޔަ އަހަރު ކާމިޔާބު ކުރި، މިހާރު އިންޑިއާގެ ސުޕަ ލީގްގައި ވާދަ ކުރި އޭޓީކޭ މޯހަންބަގާން، އަދި ބަންގުލަދޭޝްގެ ލީގް ޗެމްޕިއަން ބޮށުންދަރާ ކިންގްސް އެވެ.

މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގް ރަނަރަފްގެ ހައިސިއްޔަތުން އޭއެފްސީ ކަޕްގައި ރާއްޖެއަށް ލިބޭ ދެވަނަ ޖާގަ އީގަލްސް އަށް ދިނީ، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު އެފްއޭ ކަޕް ބާއްވާފައި ނުވުމުންނެވެ. އާންމު އުސޫލުން އޭއެފްސީ ކަޕްގެ ދެ ވަނަ ޖާގަ ނުވަތަ ކޮލިފައިން ޖާގަ ދެނީ އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށެވެ. އޭއެފްސީ ކަޕްގެ ފޯމެޓަށް 2017 ގެނެސްފައިވާ ބަދަލާ އެކު، ދެކުނު އޭޝިއާ ޒޯންގެ ރޭންކިންގައި އެންމެ އިސް ތިން ގައުމުގެ ދެ ވަނަ ޓީމަށް ޖާގަ ލިބޭނީ ކޮލިފައިން ބުރުންނެވެ.

މިދިޔަ އަހަރު ކޮލިފިކޭޝަން ބުރުގައި ވާދަ ކޮށް، މާޒިޔާ ވަނީ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދާފަ އެވެ. ކޮލިފިކޭޝަންގެ ޕްލޭއޮފް ބުރު މާޒިޔާއިން ކާމިޔާބު ކުރީ އިންޑިއާގެ ގަދަ ބާރު ބެންގަލޫރު އެފްސީ ބަލި ކުރުމަށް ފަހު އެވެ.

އެހެންނަމަވެސް ގުރޫޕް ސްޓޭޖު ވަކި ހިސާބަކަށް ކުޅުނު ފަހުން ގައުމުތަކުގައި ކޮވިޑް ފެތުރެން ފެށުމުން އޭއެފްސީން މުބާރާތް މެދުކަނޑާލި އެވެ. މުބާރާތް އަލުން ފަށަން ނިންމީ ގުރޫޕް ސްޓޭޖުގެ ބާކީ މެޗުތައް އެ ޒޯނެއްގެ ކޮންމެވެސް އެއް ގައުމެއްގައި ކުރިއަށްގެންދާ ގޮތަށެވެ.

އެގޮތުން ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ޒޯންގެ މެޗުތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހުށަހެޅުމުން އޭއެފްސީން ރާއްޖެ ގެ ބިޑް ގަބޫލުކޮށް ދެކުނު އޭޝިއާގެ ޒޯން އޯކްޓޯބަރުގައި ރާއްޖޭގައި ބާއްވަން ނިންމިއެވެ. އެހެންނަމަވެސް ބައެއް ޒޯންތަކުގައި މުބާރާތް ކުރިއަށް ގެންދެވޭނެ ހާލަތެއް ނެތުމުން މުބާރާތް ކެންސަލް ކުރުމަށް އޭއެފްސީން ނިންމި އެވެ.

މިފަހަރު އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖު މެޗުތައް ބާއްވަން ރާއްޖެ ބިޑް ކާމިޔާބު ކުރީ އިންޑިއާ އާ ވާދަ ކޮށްގެންނެވެ.