ޖޭއެސްސީ

ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާގެ މައްސަލަ ވެސް ބަލަނީ

ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދްރީސްގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ ރިޒްމީންއާ ގުޅޭ ގޮތުން ބަލަމުން ގެންދަނީ ދައުވާ ކުރާ ފަރާތް ތަމްސީލް ކުރަން ކޯޓަށް ވަކީލަކު ހާޒިރުވެ ހުރިއިރު، ވަކީލުގެ ޣައިރު ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

މި މައްސަލަ ބަލަން ކޮމިޝަނުން ނިންމީ މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހު އެވެ. މައްސަލަ ބަލަން ތަހުގީގު ޓީމެއް އެކުލަވާލާފައިވެ އެވެ.

ސިވިލް ކޯޓުގެ ގާޒީ އަކަށް ރިޒްމީނާ އައްޔަންކުރީ ޖެނުއަރީ، 2019 ގައެވެ.

ޖޭއެސްސީގައި މިހާރު ތިއްބެވި މެންބަރުން ކޮމިޝަނާ ހަވާލުވެވަޑައިގެންނެވި ފަހުން ފަނޑިޔާރުންގެ މައްސަލަތައް ކޮމިޝަނަށް ހުށަހަޅާ އަދަދާއި، ފިޔަވަޅު އެޅުން ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ސިޔާސީ ބައެއް ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ޖޭއެސްސީން ގެންދަނީ މައްސަލަ ބެލުމުގެ ނަމުގައި ފަނޑިޔާރުންގެ މަސައްކަތްތަކުގެ ތެރެއަށް ވަންނަމުންނެވެ. އެފަދަ ތުހުމަތުތައް ކޮމިޝަނުން ދޮގު ކުރެ އެވެ.