ޑރ. އަހުމަދު ޒާހިރު އަލީ

ރޯދައަށް ޒިކުރާ ބިމުގައި ވަގުތީ މިސްކިތެއް އަޅާނެ: މިނިސްޓަރު

ރޯދަ މަސް ފެށުމުގެ ކުރީން މާލޭގެ މަޖީދީ މަގުގައި ޒިކުރާ މިސްކިތް ކުރިން ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތްކޮށް ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

ޒިކްރާ މިސްކިތް ތަޅާލާ އެތަނުގައި މިސްކިތެއް ނުހެދި ގިނަ ދުވަސްވެފައިވާތީ އެ ބިމުގައި ވަގުތީ މިސްކިތެއް އަޅައިދިނުމަށް އެދި އާންމުންގެ 1،100 އަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު އިސްލާމިކް މިނިސްޓްރީއަށް ޕެޓިޝަނެއްވެސް ވަނީ ހުށައަޅާފައެވެ. އެ ޕެޓިޝަން ހުށައަޅާފައިވަނިކޮށް ޒިކުރާ ބިމުގައި ވަގުތީ މިސްކިތެއް ހަދައިދޭނެ ބަޔަކު ހޯދަން އެ މިނިސްޓްރީން ވަނީ އިއުލާނުވެސް ކޮށްފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އިއްޔެ ވިދާޅުވީ ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ހެދުމަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރޯދައިގެ ކުރިން އެ ބިމުގައި ވަގުތީ މިސްކިތެއް އެޅުން ކަމަށެވެ. އެކަމަށް ކުރަަން ޖެހޭ މަސައްކަތްތައް މިނިސްޓްރީން ކުރަމުންދާ ކަމަަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މަަސައްކަތް ކުރަން ދެ ދުވަހެއްގެ ތެރޭ ކުންފުންޏަކާއި ހަވާލު ކުރާނެ ކަމަށެވެ. އެ މަސައްކަތް ހަވާލުކުރަން ނިންމާފައިވަނީ "ސިވެކް" ކުންފުންޏަކަށް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ރޯދައަށް އެ މިސްކިތް ހުޅުވުން. ވަގުތީ މިސްކިތެއް މިއީ. އެ މަސައްކަތް ދެ ދުވަހެއްގެ ތެރޭގައި ބަޔަކާ ހަވާލުކޮށް ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ނިންމުން އަމާޒަކީ،" މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އަޅަން ނިންމާފައި މިވަނީ އެ ބިމުގައި 10 ބުރީގެ މިސްކިތެއް އެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޖޭ ކޮންސްޓްރަކްޝަން ކިޔާ އަމިއްލަ ކުންފުންޏަކާ އެކު ހަދާފައިވާ އެއްބަސްވުމާ ގުޅޭ މައްސަލަތަކެއް ކޯޓުގައި ހިނގަމުން ދަނިކޮށެވެ.

ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް އެސްޖޭއާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ތުހުމަތުކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ވެސް އުފުލާފަ އެވެ. މިދައުވާ ވަނީ އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިއެއް ކަމުގައިވާ އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށްވެސް ކޮށްފަ އެވެ.

ޒިކުރާ މިސްކިތް ކުރިން ހުރި ބިމުގައި "ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރީގެ މިސްކިތެއް އެޅުމަށް އެސްޖޭއާ ހަވާލުކުރީ ޖުލައި 9، 2018 ގަ އެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދަން ނިންމާފައި އޮތް މި މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. އިކުއިޓީގެ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެސްޖޭ އަށް 30 މިލިއަން ރުފިޔާ ވެސް ދީފަ އެވެ. ނަމަވެސް މިސަރުކާރުން ވަނީ އެއްބަސްވުމާ އެއްގޮތަށް އެސްޖޭ ކުންފުނިން މިސްކިތުގެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާތީ ކަމަށް ބުނެ އެސްޖޭއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފަ އެވެ.