ބޮލީވުޑް

ފިލްމުތަކުން ވިދާލި ޝަޝީކާލާ މަރުވެއްޖެ

ކުރީގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ޝަޝީކާލާ މަރުވެއްޖެ އެވެ. އޭނާ މަރުވިއިރު އުމުރުން 88 އަހަރެވެ. ޝަޝީކާލާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހުގަ އެވެ.

ޝަޝީކާލާ ގިނަ ބަޔަކަށް އެނގެނީ 1947 ގައި ރިލިޒްކުރި "ޖުގްނޫ" އާއި 1961 ގައި ރިލީޒްކުރި "ޖަންގްލީ" ފަދަ ފިލްމުތަކުންނެވެ. އަދި "ތީން ބަހޫރާނިޔާން" އާއި "ޚޫބްސޫރަތު" ގައި ވެސް ޝަޝީކާލާ ވަރަށް މޮޅު ރޯލުތަކެއް ކުޅެފައި ވެއެވެ.

އެންމެ ފަހުން އޭނާ ފެނިފައިވަނީ 2001 ގައި ރިލީޒްކުރި "ކަބީ ޚުޝީ ކަބީ ޣަމް" އަދި 2004 ގައި ރިލީޒްކުރި "މުޖްސޭ ޝާދީ ކަރޯގޭ" އިންނެވެ.

ޝަޝީކާލާ އެންމެ ވިދާލީ ބޮލީވުޑްގެ ރަން ޒަމާންކަމަށް ބުނާ 60 އާއި 70 ގެ އަހަރުތަކުގަ އެވެ.

ރަށްފުށުގެ ސީދާ ސާދާ އަންހެންކުއްޖެއްގެ ރޯލުން ފެށިގެން ނުބައިބައި އެންމެ ވަރުގަދަ އަންހެނުންގެ ރޯލުތައް ވެސް ޝަޝީކާލާގެ ފިލްމީ ކެރިއަރުގައި އޭނާ ކުޅެފައި ވެއެވެ.

ޝަޝީކާލާ އެންމެ ވިދާލި ދުވަސްވަރު ކަމަށްވ 60 ގެ އަހަރުތަކުގައި ކުޅުނު ދެ ފިލްމަކަށް އޭނާއަށް ފިލްމްފެއާ އެވޯޑު ވެސް ލިބިފައި ވެއެވެ. އެއީ 1962 ގައި ރިލީޒްކުރި "އާރްތީ" އާއި ޖެހިގެން އައި އަހަރު ރިލީކުރި "ގުމްރާހު" ކުޅެގެން ބެސްޓް ސަޕޯޓިން އެކްޓްރެސްގެ އެވޯޑެވެ. އަދި 2007 ގައި ޕަދްމާޝްރީ އެވޯޑު ވެސް އޭނާއަށް ލިބިފައި ވެއެވެ.

ޝަޝީކާލާ މަރުވުމުން އެކަމާ ހިތާމައިން ވަރަށް ގިނަ ފިލްމީ ތަރިން ދަނީ ސޯޝަލް މީޑިއާގައި ތައުޒިޔާގެ ޕޯސްޓުތައް ޝެއާ ކޮށް އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.