ކައުންސިލަކުން އަމިއްލަ ކުންފުންޏަކާ ހިއްސާ ވެވޭނީ 20 ޕަސެންޓަށްވުރެ އިތުރު ނުވާނެ ގޮތަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، ކައުންސިލް ތަކަށް ވިޔަފާރި ކުރަން ފުރުސަތު ދިނުމުގެ ގޮތުން ކުންފުނި އުފައްދަން ހުޅުވާލި "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" ގައިވާ ގޮތުން އެއް ކައުންސިލުން ނުވަތަ އެއް ކައުންސިލަށްވުރެ ގިނަ ކައުންސިލު ތަކުން ގުޅިގެން ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފެއްދިދާނެ އެވެ. އަދި މި އުސޫލުގައިވާ ގޮތުން އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމުގެ ފުރުސަތު ވެސް ލިބިގެން ދާނެ އެވެ.
މި ގަވާއިދުގައިވާ ގޮތުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ހުއްދަ ދޭނީ ރަޖިސްޓްރާ އޮފް ކޮމްޕެނީޒް އެވެ.
އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމަށް އެދި ހުށަހަޅާއިރު، އެ ރަށެއްގައި ހިނގަމުންދާ ވިޔަފާރިތަކަށް ކުރާނެ އަސަރު ދެނެގަންނަން ޖެހެ އެވެ. އަދި އެ ވިޔަފާރި އަކުން ވަޒީފާ އުފެދޭނެ މިންވަރު ބެލުމާއި އުފެއްދުންތެރިކަމަށް ހިއްސާ ކުރާނެ މިންވަރު ދެނެގަތުން ފަދަ ކަންކަމަށް ރިއާޔަތް ކުރަން ޖެހެ އެވެ.
މީގެ އިތުރުން އެ ސިޓީއެއްގައި ނުވަތަ އެ އަތޮޅެއްގައި ނުވަތަ އެ ރަށެއްގައި އަމިއްލަ ފަރާތަކާއެކު ވިޔަފާރިކުރުމަށް އެދޭނަމަ، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ހުއްދަ ބޭނުންވެ އެވެ.
ކައުންސިލް ތަކަށް މާލީ ގޮތުން ބާރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ ބަދަލު ތަކެއް ގެނެސްފަ އެވެ. މި ބަދަލުގެ ތެރޭގައި ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލް ތަކަށް ދޭން ނިންމާފައިވެ އެވެ. މި ބަދަލާއެކު ކައުންސިލް ތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޭނެ އެވެ. މީގެ އިތުރުން ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލް ތަކަށް ދިނުމުގެ އިތުރުން ރަށްރަށާއި ފަޅުތަކުގެ ކުލިން ލިބޭ އާމްދަނީގެ 40 ޕަސެންޓް ކައުންސިލް ތަކަށް ދޭނެ އެވެ.
މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލި އެއްކޮށް އެ ރަށެއްގެ ކައުންސިލަކަށް ދޭނެ އެވެ. މީގެ އިތުރުން ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) ޕްރޮގްރާމްގެ އުމްރާނީ މަޝްރޫއުތަކުގެ ތެރެއިން ފަސް މިލިއަން ރުފިޔާ އަށް ވުރެ ވުރެ ކުޑަ މަޝްރޫއުތައް ކައުންސިލްތަކަށް ދޭނެ އެވެ.