ދުނިޔެ

"ދެކުނު ޗައިނާ ކަނޑުން ބޮޑުބައެއް ޗައިނާ އަތުލައިގެންފާނެ"

ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާ މެދު މި ކަނޑު ހިއްސާކުރާ ގައުމުތަކުން އަބަދުވެސް ޝަކުވާ ކުރެ އެވެ. މައިގަނޑު މައްސަލައަކީ ޗައިނާއިން މިކަނޑަށް ވެރިވެގަތުމަށް ކުރާ މަސައްކަތްތަކެވެ.

ފިލިޕީންސްގެ ޑިފެންސް ސެކްރެޓަރީ ޑެލްފިން ލޮރެންޒާނާ ވިދާޅުވި ގޮތުން ޗައިނާ ސިފައިން ދެކުނު ޗައިނާ ކަނޑު ހުރަސްކޮށް، ހުޅަނގު ފިލިޕީން ކަނޑަށް ވަދެއުޅޭ ކަމުގެ ރިޕޯޓްތައް ލިބިވަޑައިގަންނަވާ ކަމަށާއި އެ ސަރަހައްދުން ބޮޑުބައެއް އަތުލައިގެންފާނެ ކަމަށެވެ.

ފިލިޕީންސްއަށް އޮތް ބިރަކީ ދެކުނު ޗައިނާ ކަނޑުގައި ފިލިޕީންސްއަށް ނިސްބަތްވާ ސަރަހައްދުތައް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެގައުމުގެ ސިފައިންނަށް ޗައިނާއިން އަނިޔާ ކުރުމެވެ. އެސަރަހައްދުގައި ޗައިނާ ސިފައިނާއި ފިލިޕީންސް ސިފައިން ދޭތެރެ ދޭތެެރެއިން ހަމަލާ ބަދަލުކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޑިފެންސް ސެކްރެޓަރީ ވިދާޅުވި ގޮތުން މިފަހަކަށް އައިސް ކަނޑުގައި އުޅަނދުފަހަރު އަންނަނީ ގިނަވަމުންނެވެ. ޗައިނާއިން ކުރަން އުޅޭ ކަމެއް އޮޅުންފިލުވައިނުދީ ސަރަހައްދީ ރޮނގު ވަށާލުމުން ފިލިޕީންސްއަށް ވެސް ކޮންމެވެސް ކަމެއް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިލިޕީންސްގެ ވެރިރަށް މެނީލާގައި ހުންނަ ޗައިނާ އެމްބަަސީން ބުނީ ޗައިނާ އުޅަނދުފަހަރު ވަކި މޫސުމެއްގައި ގިނަވެ، ވަކި މޫސުމެއްގައި މަދުވުމަކީ ފިލިޕީންސްއަށް ފަރިތަ އާދައަށް ވާން ޖެހިއްޖެ ކަމަށެވެ. ދެ ގައުމުގެ އިމަށް ނިސްބަތްވާ ހިސާބުގައި ހަމަ ތިބެފަައި ހަމަނުޖެމެއް ހިންގާހާ މޮޔަ ބަޔަކަށް ޗައިނާ ނުވާނެ ކަމަށެވެ. ދެކުނު ޗައިނާ ކަނޑުގައި މިމޫސުމުގައި ގިނަވާނާ މަސްވެރި އުޅަނދުފަހަރު ކަމަށެވެ.

ދެކުނު ޗައިނާ ކަނޑު ހިއްސާކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ، ފިލިޕީންސް، ބުރުނާއީ، މެލޭޝިއާ، ވިއެޓްނާމް އަދި ޓައިވާން ވެސް ހިމެނެ އެވެ. މިކަނޑު ހުރަސްކޮށް ވިޔަފާރި އުޅަނދުފަހަރު ވެސް ދަތުރުކުރެ އެވެ. ތަފާސްހިސާބުތަކުން ފެންނަ ގޮތުން މިކަނޑު ހުރަސްކޮށް އަހަރަކު އުފުލާ މުދަލުގެ އަގު ހައެއްކަ ޓްރިލިއަން ޑޮލަރާ ގާތް ކުރާނެ އެވެ.