ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ޖައްސަވައިފި އެވެ.
ރައީސް ސޯލިހް ވަނީ ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރަގްރާމް ފެށި ދުވަހު ފުރަތަމަ ޑޯޒް ޖައްސަވާފަ އެވެ. އެއީ ފެބްރުއަަރީ މަހުގެ ފުރަތަމަ ދުވަހު އެވެ. ރައީސް ސޯލިހް މިއަދު ވިދާޅުވީ އެމަނިކުފާނު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވާފައިވާ ކަމަށެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފަހުން 8 ހަފްތާ ވެފައިވާނަމަ ލަސްނުކޮށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
ރައީސް ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ތިބި މީހުންވެސް އަވަހަށް ފުރަތަމަ ޑޯޒް ޖެހުމަށް އެދިވަޑައިގެންފަ އެވެ.
ރައީސް ވިދާޅުވީ އެންމެން ގުޅިގެން ކުރާ މަސައްކަތުން ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށެވެ.
އެޗްޕީއޭއިން ބުނީ ފެބްރުއަރީ ނުވަވަނަ ދުވަހުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް މިހާރު ޖެހޭނެ ކަމަށެވެ.
ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި ދެނީ ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރާއި ވިލިމާލެ ޒުވާނުންގެ މަރުކަޒާއި ނެޝަނަލް އާޓް ގެލަރީ އާއި ސެނަހިޔާގަ އެވެ. ވިލިމާލެ ޒުވާނުންގެ ސެންޓަރުގައި ވެކްސިން ދިނުން ކުރިއަށް ގެންދަނީ ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަށެވެ. އަނެއް ހަތަރު ސެންޓަރުގައި ހެނދުނު 10:00 އިން މެންދުރު ފަހު 3:00 އަށް ވެކްސިން ދިނުން ކުރިއަށް ގެންދެ އެވެ.
ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފެށި ފަހުން މިހާތަނަށް 3،737 މީހަކު ވަނީ ދެވަނަ ޑޯޒް ފުރިހަމަކޮށްފަ އެވެ. މިހާރުވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ދެއެވެ. މިހާތަނަށް ރާއްޖެއިން 246،896 މީހަކަށް ވެކްސިން ދީފައިވެެ އެވެ.