ލައިފްސްޓައިލް

ހިކެން މި ފަސް ބާވަތުގެ މޭވާ ބޭނުން ކުރޭ!

ފަލަބަލި ޖެހުމަކީ ނުވަތަ ބަރުދަން ހުންނަންވާ ވަރަށް ވުރެ އިތުރުވެފައި ހުރުމަކީ ސިއްހީ މައްސަލަތައް އިތުރުވާ ކަމެކެވެ. ގިނަ މީހުން ފިޓްކޮށް ހުންނަން އަދި ބަރުދަން ލުއި ކުރަން މަސައްކަތް ކުރަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ބޭނުމުގަ އެވެ.

ބަރުދަން ލުއި ކުރަން ބޭނުންވާ މީހުންނަށް މޭވާގެ ބައެއް ބާވަތްތައް ބޭނުން ކޮށްގެން އެކަން ކުރެވިދާނެ އެވެ. ބަރުދަން ލުއި ކުރަން ކާން ޖެހޭނީ އެހާ ފޮނިގަދަ ނޫން މޭވާ އެވެ.

މޭވާ ކެއުމުން ލިބޭ އަނެއް ފައިދާއަކީ އޭގައި ގުދުރަތީ ގޮތުން ހަކުރު އެކުލެވިފައި ހުންނާތީ ފޮނި އެއްޗެތި ކާހިތްވާ ވަރު ކުޑަވުމެވެ. އާއްމުކޮށް ގިނަ ބަޔަކު ބުނެ އުޅޭ ގޮތުގައި އެމީހުން ފަލަވަނީ ފޮނި އެއްޗެތި ކެވޭތީ އެވެ. އެހެން ކަމަށް ވާނަމަ ކޮންމެ ދުވަހަކުވެސް މޭވާގެ ދެ ތިން ބާވަތެއް ކޮންމެވެސް ވަރަކަށް ބޭނުން ކުރުމުން ފޮނި އެއްޗެތި ކާހިތްވާ ވަރު ކުޑަވެ ބަރުދަން ލުއި ކުރަން އިތުރު ބާރެއް އެޅޭނެ އެވެ.

ބަރުދަން ލުއި ކުރަން ކާނީ ކޮން ކަހަލަ މޭވާތަކެއްތޯ ވެސް ހިޔާރު ކުރަން ޖެހެ އެވެ. ސަބަބަކީ އެއްބައި މޭވާއަކީ ބަރުދަން ލުއި ކުރަން އެހީތެރި ވެދޭ އެއްޗަކަށް ވާއިރު އަނެއް ބައި މޭވާއިން ބަރުދަން ލުއި ކުރަން އެހީތެރިކަން ނުލިބޭތީ އެވެ.

ހިކެން ބޭނުންވާ މީހުންނަށް ކާން އެންމެ ރަނގަޅު އެއް މޭވާއަކީ އޮރެންޖެވެ. ވިޓަމިން ސީ އިން މުއްސަނދި ވެފައިވާ މީގެ މޭވާއެއްގައި ހުންނަނީ ގާތްގަނޑަކަށް ހަތަރު ގްރާމް ފައިބަރާއި 72 ކެލޮރީ އެވެ. މިއީ އަނގަޔަށް މީރު މޭވާއެއްގެ އިތުރުން ސޮލިއުބަލް ފައިބަރު ގިނަ އެއްޗަކަށް ވާތީ ކާހިތްވާވަރު ކުޑަވާނެ އެވެ. މި ސޮލިއުބަލް ފައިބަރަކީ ބަނޑުހައިވާކަން އިހްސާސް ކުރުވާ ހޯމޯންސް އުފައްދާ މިންވަރު ދަށްކޮށް ދޭ އެއްޗެކެވެ.

ދެވަނަ އަށް އެންމެ ރަނގަޅު މޭވާއަކީ އާފަލެވެ. ދުވާލަކު އާފަލެއް ކައިގެން ޑޮކްޓަރާ ދުރުގައި ހުރެވިދާނޭ ބުނާ މުހާވަރާއެއް އޮވެ އެވެ. އާފަލުގައި ހަމަ ހަގީގަތުގައި ވެސް އެހާ ގިނަ ފައިދާ އެކުލެވެ އެވެ. ހެޔޮވަރުވަރެއްގެ އާފަލެއްގައި 100 ކެލޮރީޒް ހުންނާނެ އެވެ. އާފަލަކީ ސޮލިއުބަލް ފައިބާޒް ލިބޭނެ ރަނގަޅު ވަސީލަތެކެވެ. ސޮލިއުބަލް ފައިބަރަކީ ބަނޑުގައި ހުންނަ ސަރުބީ ވިރުވާލަން ވަރަށް މުހިއްމު އެއްޗެކެވެ.

ފެޝަން ފުރުޓު ނުވަތަ ޖުމްހޫރީ މޭވާއަކީ ވެސް ބަރުދަން ލުއި ކުރަން އެހީ ވެދޭނެ މޭވާ އެކެވެ. ވީހާވެސް ކެލޮރީ މަދު މޭވާއެއް ކާން ބޭނުންވާނަމަ ފެޝަން ފުރުޓަކީ އެންމެ ރަނގަޅު މޭވާ ކަމަށް ބަލާށެވެ. ވިޓަމިން ސީ އާއި ވިޓަމިން އޭ އިން މުއްސަނދިވެފައިވާ މި ބާވަތުގެ މޭވާގައި ހުންނަނީ އެންމެ 18 ކެލޮރީ އެވެ. ޖުމްހޫރީ މޭވާގައި ޕައިސިއެޓެނޯލް ކިޔާ ކަމްޕައުންޑެއް އެކުލެވިގެން ވެއެވެ. މިއީ ލޭގެ ޕްރެޝަރު ހަމަޔަކަށް އަޅުވާލަދިނުމުގެ އިތުރުން އިންސިއުލިން ސެންސިޓިވިޓީ ވެސް ކުޑަކޮށްދޭ ކަމްޕައުންޑެކެވެ. މި މޭވާ ކެއުމުން ބަރުދަން ލުއި ކުރަން އެހީ ލިބެނީ މި ސަބަބުތަކާ ހުރެ އެވެ.

ހަތަރު ވަނަޔަށް އެންމެ ރަނގަޅީ ދޮންކޭލެވެ. ދޮންކޭލަކީ ވަރަށް އަވަހަށް ބަނޑުފުރޭ އެއްޗެކެވެ. ދޮންކެޔޮ ކާއިރު މާ ގިނައިން ކެލޮރީޒް އިތުރުވެދާނެ ކަމަށް ހާސް ނުވާށެވެ. ދޮންކެޔޮވަކެއްގައި ހުންނަނީ ގާތްގަނޑަކަށް 112 ކެލޮރީޒް އެވެ. މިއީ ކަސްރަތުކުރާ މީހުން ކަސްރަތަށް ފެށުމުގެ ކުރިން ކާލަން ވަރަށް ރަނގަޅު މޭވާ އެކެވެ. ދޮންކެޔޮ ވަކެއްގައި ތިން ގްރާމް ފައިބަރު ހުރެ އެވެ. މިއީ ގައިގެ ހަކަތަ އިތުރު ކުރުމަށާއި ބަރުދަން ލުއި ކޮށްލުމަށް ރަނގަޅު މޭވާ އެކެވެ.

އެންމެ ފަހުން މި ލިސްޓުގައި އޮތީ ގްރޭޕްފުރުޓެވެ. ބަރުދަން ލުއި ކުރަން ގްރޭފްފުރުޓްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭނެ އެވެ. ސަބަބަކީ ގްރޭޕްފުރުޓެއްގެ އެއް ފަޅީގައި ހުންނަނީ 65 ކެލޮރީޒް އެވެ. އެއް ދިރާސާއެއް ބުނާ ގޮތުގައި ކެއުމުގެ ކުރިން ގްރޭޕް ފުރުޓެއް ކާލުމުން ނުވަތަ އޭގެ ޖޫސް ނަގައިގެން ބޯލުމުން ބަރުދަނުން 7.1 ޕަސެންޓް ލުއި ކުރެވެ އެވެ. އެހެންވެ ބަރުދަން ލުއި ކުރުމުގެ ދަތުރުގެ ބައިވެރިޔަކަށް ގްރޭޕްފުރުޓް ރަނގަޅުވާނެ އެވެ.