އެޗްއާރްސީއެމް

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް އިތުރު މުއްދަތެއް ދީފި

Apr 6, 2021

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލާން ކޮށްފައިވާ އިއުލާންގެ މުއްދަތު އިތުރުކޮށްފި އެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރައީސް އޮފީހުން ފުރުސަތު ހުޅުވާލީ މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 12:30 އަށެވެ.

ރައީސް އޮފީހުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުރި އިއުލާންގެ މުއްދަތު އިތުރުކުރީ މިމަހުގެ 11 އަދި 12 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ އިތުރު ވަގުތު ދިނުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 12:30 ގެ ނިޔަލަށެވެ.

އެޗްއާރްސީއެމް އަށް އެއް މެންބަރަކު މަދުވާތީވެ އެ މަގާމަށް ކުރިން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވުމުން މަޖިލީހުން ވަނީ އެތަނުން އެއްވެސް ނަމަކަށް ރުހުން ދޭން ނުފެންނަ ކަމަށް ފާސްކޮށްފަ އެވެ. އެހެންކަމުން ރައީސް އޮފީހުން މިހާރު ކޮށްފައިވާ އިއުލާނަކީ އެ މަގާމަށް ބޭފުޅަކު ހޯދުމަށް ކޮށްފައިވާ ދެވަނަ އިއުލާނެވެ.

އެޗްއާރްސީއެމްގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ޑރ. އަހްމަދު އަދުހަމް އަބްދުﷲ އާއި، އައިމިނަތު ޝަފާއަތު އަބްދުއްރައްޒާގާއި، މުއުމިނާ ވަހީދުގެ އިތުރުން މަރިޔަމް މުނާ އެވެ.