ރައްޔިތުންގެ މަޖިލިސް

ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅައިފި

އެކިއެކި ލިޔުންތަކުގައި މިހާރު ޖަހަމުންދާ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމް އެވެ.

ރެވެެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނަކީ 1970 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ ގާނޫނެކެވެ.

ބިލް ހުށަހަޅުއްވަމުން އަލީ އާޒިމް ވިދާޅުވީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށް މިހާރު ހިނގާ ހަރަދާ ބަލާއިރު އެކަމުގެ ތެރެއިން އެކަށީގެންވާ އާމްދަނީއެއް ލިބެމުން ނުދާ ކަމަށެވެ.

"މިކަން މިހެން އޮތް އިރު ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލިޔަސް ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކުން ނަގާ ފީންވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ،" ގާނޫނު އުވާލަން ބޭނުންވާ ސަބަބު ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ވިޔަފާރިކުރާ ފަރާތްތަކުން ހިދުމަތް ހޯދާއިރު ދައްކަން ޖެހޭ ފީއާއި އެހެނިހެން ފައިސާ ދެއްކުމަށްފަަހު އަދި ރެވެނިއު ސްޓޭމްޕް ޖަހަން ޖެހުމުން ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން ގާނޫނު އުވާލުމާއެކު ހިދުމަތް ހޯދާ ފަރާތްތަކަށާއި ވިޔަފާރި ކުރާ ފަރާތްތަކަށް ލުއިތަކެއް ލިބޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.