މިނިސްޓްރީ އޮފް ހެލްތު

12 ސިއްހީ މަރުކަޒެއް ހޮސްޕިޓަލް ފެންވަރަށް ތަރައްގީކުރަނީ

Apr 7, 2021

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ 12 ސިއްހީ މަރުކަޒެއްގައި ވަސީލަތްތައް އިތުރުކޮށް ހޮސްޕިޓަލް ފެންވަރަށް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން އިއުލާން ކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމު މިކަން އިއުލާން ކުރެއްވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބެއްގަ އެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ އަތޮޅު ތެރޭގެ ސިއްހީ ނިޒާމު ތަރައްގީކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ އިންގިލާބީ ކުރިއެރުންތަކެއް ގެނުވާނެ ބަދަލުތަކެއް ކަމަށެވެ. ރާއްޖެ އުފެދިފައިވާ ގޮތުން ސިއްހީ ނިޒާމު ތަރައްގީކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު ސަރުކާރުން ބޭނުންވަނީ ސިއްހީ ހިދުމަތް ދިނުމުގައި މާލެއާއި އަތޮޅު ތެރޭގައި ހުރި ތަފާތުތައް ކުޑަކޮށް މާލެއަށް ބަރޯސާވުން ކުޑަކުރުން ކަމަށެވެ.

ސަރުކާރުން ތަރައްގީކުރުމަށް ނިންމާފައިވާ ސިއްހީ މަރުކަޒުތަކުގައި މުޅިން އަލަށް ބައެއް ހިދުމަތްތައް ތައާރަފްކޮށް، ޓެސްޓްތައް ހެދުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމާއެކު އިންސާނީ ވަސީލަތް އިތުރުކުރާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. އަދި 26 ރަށަކަށް އެމްބިއުލާންސް ހަމަޖައްސައިދީ މުޅި ރާއްޖޭގައި އިމަޖެންސީ އަވަސް ފަރުވާގެ ވަސީލަތްތައް ގާއިމުކޮށް ކަމާ ގުޅޭ މުވައްޒަފުން ތަމްރީން ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"12 ރަށެއްގެ ސިއްހީ މަރުކަޒުތަކުގައި އިތުރު ހިދުމަތްތަކާ ވަސީލަތްތައް ގާއިމުކުރުމާ އެކު ހަސްފަތާލުތަކުގެ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ،" ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ދުރާލާ ކަށަވަރުކުރުމަށްޓަކައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ޕްރައިމަރީ ހެލްތުކެއާގެ އައު މަޝްރޫއެއް ފެށުމަށް ވެސް ނިންމާފައިވާ ކަމަށެވެ. މިކަމުގެ ބޭނުމަކީ ހެލްތު ކެއާ ވޯކަރުން ކުރީ ސަފަށް ނިކުމެ ސިއްހީ ދާއިރާގެ އެހެނިހެން ބޭފުޅުންނާ ގުޅިގެން ރައްޔިތުންނާ ގާތުން ޓީމެއްގެ ގޮތުގައި ހިދުމަތް ދިނުން ކަމުގައި ވިދާޅުވި އެވެ.

މިސަރުކާރުން ވަނީ ރާއްޖޭގެ ފަސް ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށްވެސް ނިންމާފަ އެވެ. މީގެތެރޭގައި ހިމެނެނީ ހދ. ކުޅުދުއްފުށްޓާއި ރ. އުނގޫފާރާއި، ލ. ގަމާއި، ގދ. ތިނަދޫ އަދި އައްޑޫ ހިތަދޫގެ ހޮސްޕިޓަލެވެ.