ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދާއިމީ ކަރަންޓީނު ފެސިލިޓީ ތަކެއް ގާއިމުކުރަނީ

Apr 7, 2021
1

ދާއިމީ ކަރަންޓީނު ފެސިލިޓީ ތަކެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިއަދު ދެއްވި ހިތޯބެއްގައި ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުދުރަތީ ކާރިސާތަކަށް ތައްޔާރުވުމުގެ ގޮތުން ދާއިމީ ކަރަންޓީނު ފެސިލިޓީތައް ގާއިމުކޮށް، މިހާރު ބޭނުންކުރާ ކޮވިޑް ފެސިލިޓީތައް ކުރިމަގުގައި ވެސް ބޭނުން ކުރެވޭ ގޮތަށް އިންތިޒާމުތަކެއް ހަމަޖައްސަމުންދާ ކަމަށެވެ.

ރާއްޖޭގައި ކުރިއަށް ގެންދާ ގައުމީ ވެކްސިން ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް ކޮވިޑް ވެކްސިން ފަދަ ވެކްސިން ތަކަކީ މި ޕްރޮގްރާމުގެ ތެރެއިން ދެވޭ ވެކްސިންތަކަކަށް ހައްދަވައިދެއްވާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެންނާއި ވެކްސިން ޕްރޮގްރާމުގެ ތެރެއިން އެއްކުރެވިފައިވާ ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ޑިޖިޓަލްކޮށް އެފަދަ ޕްލެޓްފޯމް ތަކުގައި ރައްކާތެރިކަމާއިއެކު ބަހައްޓާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ވަނީ ދެއްވާފަ އެވެ. އަދި އެގޮތަށް ލިބޭ މައުލޫމާތުތަކަށް ބަލައިގެން ސިއްހީ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ތަރައްގީކުރާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.

ނަސީމު އިތުރަށް ވިދާޅުވީ ބޭރުގެ ގައުމުތަކާއި ޖަމިއްޔާތަކާއި ގުޅުން ބަދަހިކުރެވި އަދި ބޭރުގެ ސިއްހީ އިދާރާތަކާ އެކު ވެސް ރަނގަޅު ގުޅުމެއް މިސަރުކާރުން އުފައްދާފައިވާ ކަމަށެވެ. މިނިސްޓަރުގެ ހިތޯބުގައި ވަނީ ރާއްޖޭގެ ސިއްހީ ހިދުމަތް ތަރައްގީކުރުމަށް އެކިއެކި ފަރާތްތަކުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ.