ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޕީޖީ ޝަމީމުގެ މައްސަލައެއް އޭސީސީ

Apr 7, 2021

ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ޕީޖީ ޝަމީމްގެ މައްސަލަ އިއްޔެގެ ވަގުތެއްގައި އޭސީސީ އަށް ހުށަހެޅުއްވީ މާލޭގެ މޭޔަރަކަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ދެބެންގެ ދެދަރި ކޮއްކޮ އަދި ވަށަފަރު ކައުންސިލްގެ ކުރީގެ ނައިބް ރައީސް އަހްމަދު ގާލިބް އެވެ.

އޭސީސީއަށް ހުށަހަޅާފައިވާ ސިޓީގެ ކޮޕީއެއް އަވަސް އަށް ވަނީ ލިބިފަ އެވެ. މިސިޓީގައިވާ ގޮތުން ޝަމީމްގެ މައްސަލަ އޭސީސީ އަށް ހުށަހަޅާފައިވަނީ މިމަހުގެ ތިންވަނަ ދުވަހު ނެރެން ފެށި އޮންލައިން ނޫހަކު ކޮލަމިސްޓެއްގެ ގޮތުގައި ޝަމީމް ލިޔުއްވި ލިޔުމަކާ ގުޅިގެންނެވެ.

މައްސަލައިގައި ވަނީ އެ ލިޔުއްވުމާ ގުޅިގެން ބަދަލެއްގެ ގޮތުގައި ޝަމީމަށް ފައިސާ ނުވަތަ މުދަލެއް ލިބިވަޑައިނުގެންނެވި ނަމަވެސް އެއީ މަގާމުގެ ހައިސިއްޔަތުން ނާޒާއިޒް މަންފާ ހޯދައިދިނުމަށް ހިންގި އަމަލެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އެގޮތަށް ތުހުމަތުކޮށްފައިވަނީ ރާއްޖޭގެ ގިނަ މީޑިއާތައް ހިންގަނީ ސްޕޮންސަރުންނަށް ބަރޯސާވެގެން ކަމަށްވެފައި ޝަމީމް ލިޔުއްވި ނޫހަކީ ވިޔަފާރި އުސޫލުން ހިންގާ ވާދަވެރި ނޫހަކަށް ވާތީ އެވެ.

ޝަމީމްގެ އެ އަމަލަކީ ގާނޫނުއަސާސީގެ 222 ވަނަ މާއްދާގެ ރޫހާ ހިލާފު އަމަލެއް ކަން ފާހަގަކޮށް މައްސަލައިގައި އެދިފައިވަނީ އެ މައްސަލަ އަވަހަށް ތަހުގީގުކޮށް ޖިނާއީ ދައުވާއެއް ކޮށްދިނުމަށެވެ. އޭސީސީން މައްސަލަ ބަލައި ނިންމަންދެން ޕީޖީގެ މަގާމުން ޝަމީމް ސަސްޕެންޑް ކޮށްދިނުމަށްވެސް އެދިފައިވެ އެވެ.

ޝަމީމްގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައި މިވަނީ ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ މައްސަލާގައި އޭސީސީން ދައުވާކުރަން ފޮނުވި މައްސަލާގައި ދައުވާ ނުކުރަން ޝަމީމް ނިންމެވުމާ ގުޅިގެން އޭނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.