މިފްކޯގެ މާކެޓިން ކޮންސަލްޓަންޓްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްލާ އަހުމަދުގެ ކޮއްކޮ އަދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އަނބިކަނބަލުން ނަޒީހާ އަހުމަދު ހަމަޖައްސައިފި އެވެ.
ނަޒީހާ އެ މަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
މިފްކޯއިންވެސް ވަނީ އެކަން ޔަގީން ކޮށްދީފައެވެ. އެ ކުންފުނިން ބުނީ މިފްކޯގެ މާކެޓިން ކޮންސަލްޓަންޓަކަށް ނަޒީހާ ހަމަޖައްސާފައިވަނީ އުސޫލުތަކުގެ ތެރެއިން ކަަމަށެވެ.
ނަޒީހާ އެ މަގާމަށް އައްޔަން ކުރުމުން ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ. ސަރުކާރާއި ދައުލަތުގެ ބައެއް މަގާމުތަކަށް ރައީސް ސޯލިހާއި އެމްޑީޕީގެ އިސް ވެރިންގެ އާއިލީ ބޭފުޅުން އައްޔަން ކުރަމުންދާ ކަމަށް ބުނެ އާންމުން ފާޑުކިޔާފައިވެއެވެ.
ބައެއް މީހުން ވަނީ ނަޒީހާއަށް މަގާމު ދިން އުސޫލާމެދުވެސް ސުވާލު އުފައްދާފައެވެ. އެ މީހުން ބުނެފައިވަނީ މިފްކޯއިން އިއުލާނު ކުރީ މާކެޓިން ކޮންސަލްޓަންޓަކަށް ނޫން ކަމަށާ ނަމަވެސް ނަޒީހާއަށް މަގާމެއް އުފައްދާ ހަމަޖެއްސީ ކަމަށެވެ. މިފްކޯއިން މި ވާހަކަތައް ދޮގު ކުރެއެވެ.