މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް ފައިދާވާ ކުންފުންޏަކަށް ހެދުމަށްފަހު ހިއްސާ ވިއްކުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މިއަދު ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ މަސް އެކްސްޕޯޓުކުރުން ޕްރައިވެޓައިޒްކުރުމަކީ އެމްޑީޕީގެ ކުރީގެ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ މިއަދާ ހަމައަށްއައިއިރު ކަޅުބިލަމަސް ގަނެ ބޭރުކުރުމުގައި ޕްރައިވެޓް ސެކްޓާއިން އެދެވޭ މަސައްކަތްކުރިކަން ފެންނަން ނެތް ކަމަށެވެ.
ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ އިންޑަސްޓްރީ ކޮޅަށް ޖެހުމަށް ބޭނުންވާ ފައިސާ އާއި މީހުން ޕްރައިވެޓް ސެކްޓާގައި ނެތުމެވެ.
"ސަރުކާރުން އެ އިންޑަސްޓްރީއަށް ބޭނުންވާ ވަސީލަތްތަކާއި މީހުންނާއި އެއްޗެހި ބިނާކޮށްފަ. ހޯދާފަ. މިފްކޯ ރަނގަޅު ޝެއާ ވިއްކަން ޕްރައިވެޓް ސެކްޓާއަށް. އަޅުގަނޑުމެންގެ ވިސްނުމަކީ އެއީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ކަޅުބިލަމަސް އެކްސްޕޯޓުކުރުން އެއްކޮށް ޕްރައިވެޓް ސެކްޓާއަށް ދޫކޮށްލުމަކީ މުސްތަގުބަލެއް އޮތް ކަމެއްކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
މަސްވެރިކަމުގެ މުޅި އިންޑަސްޓްރީއަށް ބޮޑު ބަދަލެެއް ގެންނަންޖެހޭކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ މަސްވެރިން ބާނާ މަސް ތާޒާކޮށް ގަނެވޭނެ ގޮތް ސަރުކާރުން ހަމަޖައްސަންޖެހޭ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޫއްޑޫ އާއި ފެލިވަރުގެ އިތުރުން އައްޑޫގެ ކޯލްޑް ސްޓޯރޭޖް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ކޯލްޑް ސްޓޯރޭޖްތަކަށް މަސްވެރިން ކުރަންޖެހޭ ދިގު ދަތުރުތައް ކުޑަކުރުމަށް މަސްގަންނަ އިތުރު ބޯޓު ހޯދާފައިވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
މަސްވެރިކަމުގެ ސިނާއަތަށް ވޭތުވެދިޔަ އަހަރުތަކުގައި އިހުމާލުވެފައިވާ ކަމަށާއި އެއްފަހަރާ ހައްލުކުރަން އުނދަގޫވާވަރަށް މި ސިނާއަތުގައި މައްސަލަތައް ހުރި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.