ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިތުބާރު އެބައޮތް: ކުރީގެ ޕީޖީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވި ބޭފުޅުންނަށް އިތުބާރު ކުރައްވާ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ހއ. އަތޮޅުގެ މެންބަރު ކަމާއި ކްރިމިނަލް ކޯޓްގެ އިސް ގާޒީ ކަން ވެސް ކުރައްވާފައިވާ މުއިއްޒު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ދިފާއުގައި ވާހަކަދައްކަވާފައި މިވަނީ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓަކަށް ރައްދުދެއްވަމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަލްހާން ފާޑު ވިދާޅުވީ ދީބާޖާ ކިޔާ އަމިއްލަ ކުންފުންޏަކަށް ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހޭ ގޮތަށް ކޯޓުތަކުން ކުރިން ކޮށްފައިވާ ހުކުމެއް ސުޕްރީމް ކޯޓުން އިއްޔެ ބާތިލްކުރުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ފާޑު ވިދާޅުވަމުން އަލްހާން ވިދާޅުވީ މިހާރުގެ ސުޕްރީމް ކޯޓަކީ "އަދުލު އިންސާފު އަންބޮނޑިއަށް ލައިގެން އޮތް ސަރުކާރެއްގެ ޕަޕެޓް ސުޕްރީމް ކޯޓެއް" ކަން ހުރިހާ ސިފައެއްގައި ވެސް ސާބިތުކޮށްދީފައިވާ ކަމަށެވެ.

އަލްހާނަށް ރައްދުދެއްވަމުން އަދި ދީބާޖޭގެ މައްސަލައިގެ ނިންމުމަށް އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވީ އެ ނިންމުމަކީ ސަރުކާރުގެ ނުފޫޒުގެ ދަށުން ނިންމި ނިންމުމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ 2018 ވަނަ އަހަރު އޮތް ސުޕްރީމް ކޯޓުގެ ބެންޗަށް ވުރެ މިހާރު ތިއްބެވި ފަނޑިޔާރުންނަށް އޮތް އިތުބާރު ބޮޑު ކަމަށެވެ.

ދީބާޖާއަށް ދައުލަތުން 348 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޭން ޖެހިފައި އޮތް މައްސަލަ ސުޕްރީމް ކޯޓުން އިއްޔެ ނިންމީ އެ ހުކުމް ރިވިއު ކޮށްދިނުމަށް ދައުލަތުން ހުށަހެޅި މައްސަލަ ރިވިއު ކުރުމަށްފަހު އެވެ. މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލައި، ހައިކޯޓުގައި މިމައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު ދީބާޖާ އަށް ލިބިގެންވާ ކަމަށްވެސް ސުޕްރީމް ކޯޓުގެ އިއްޔެގެ ހުކުމްގައިވެ އެވެ. މައްސަލަ އިސްތިއުނާފް ކުރާނަމަ މި މައްސަލަ ނިމޭ ދުވަހުން ފެށިގެން ބަންދު ނޫން 15 ދުވަހުގެ ތެރޭގައި އެކަން ކުރުމަށްވެސް ހުކުމްގައި ވަނީ އަންގާފަ އެވެ.