ރިޕޯޓް

ރާއްޖޭގައި "ޕީކޭ" ވެސް މަނާކުރަން ޖެހޭ!

ބޮލީވުޑްގައި ރިކޯޑްތައް މުގުރަމުން އަންނަ ފިލްމު "ޕީކޭ" ގެ ވާހަކަ ދައްކަން އަދި އެއްގޮތަކަށް ވެސް ލަހެއް ނުވެ އެވެ. ދީންތަކަށް ފުރައްސާރަކުރުން މިހާ އާންމުވެފައިވާ ދުވަސްވަރަކަށްވާއިރު މި ފިލްމުގެ ވާހަކަ ކޮންމެ ހިސާބަކުން ފެށިޔަސް މި އަށް ވުރެ ވަކި މުނާސަބު ވާހަކައެއް ނޯންނާނެ އެވެ.

އެކަން އެނގި ތިބެ، މި ފިލްމުގެ ޕްލޮޓުން ފަށައިގަންނަމާ ހިނގާށެވެ. މިއީ އެ ފިލްމެއްގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް ކުރި މަރާލެވޭނެ ފިލްމެއް ނޫނެވެ. އެއީ ފިލްމުގައި ކުރިއެއް ނެތީމަ އެވެ.

އެހެންވީމަ ހާސް ނުވާށެވެ. ފިލްމުގައިވާ ގޮތް އަޅުގަނޑު ކިތަންމެ ވަރަކަށް ކިޔައި ދިނަސް މި ފިލްމު ތިޔަ ބޭފުޅާ އަށް "ސްޕޮއިލް" އެއް ނުވާނެވެ. މި ލިޔުމުގައި "ސްޕޮއިލާ އެލާޓެއް" ނެތީ އެހެންވެ އެވެ.

ރާޖުކުމާރު ހިރާނީ ޑައިރެކްޓްކޮށްފައިވާ މި ކޮމެޑީ ފިލްމު ފެށެނީ އިންޑިއާގެ ރާޖިސްތާނުގެ ސަހަރާއަކަށް ތިރިކުރާ ސްޕޭސްޝިޕަކުން އަރުވާލާ ބޯ ދުންގަނޑަކާ އެކުގަ އެވެ. ދުންގަނޑު ސަހަރާގެ ތެރެއަށް ފެތުރިގެން ގޮސް މަންޒަރު ސާފުވާއިރު އަޅުގަނޑުމެންނަށް ފެންނަނީ އުނުއޮރިޔާން ނިވައު ނުކޮށް ހުންނަ ބޮޑު ފިރިހެނެކެވެ. މިއީ އާމިރު ޚާން އެވެ. ފިލްމުގެ ބެލުންތެރިންނަށް، އޭލިއަން އެކެވެ.

ދެން އޭނާއާ ބައްދަލުވަނީ ސަހަރާ ތެރެއިން މީހަކާ އެވެ. އެ ހިނދު، އިންސާނެއްގެ ސިފައިގައި ހުންނަ މި "އޭލިއަން" ނުވަތަ ގޮތް ނޭނގޭ މީހާ ފެނި ހައިރާންވެފައި ހުންނަ މި މީހާ އެންމެފަހުން "އޭލިއަން" ގެ ކަރުގައި އޮންނަ ފަށް، އޭގެ ފުލުގެ ދަތިވެތިކަމުގައި ފޭރިގެން ފިލަނީ އެވެ.

ވިދައި ބަބުޅަމުންދާ މި ފުލަކީ އޭލިއަން އާއި އޭނާގެ ސްޕޭސްޝިޕާ ދެމެދު މުއާމަލާތުކުރުމަށް ބޭނުންކުރާ އާލާތެވެ. މި އާލާތް ގެއްލުމުން، ދުނިޔެއޭ މި ކިޔުނު ތަނަށް، މި އޭލިއަން ކަލޭގެ ވެސް ގެއްލެނީ އެވެ.

ފިލްމު ފެށިގެން އަންނަނީ މިހެންނެވެ. ދެން ދައްކުވައި ދެނީ އެނބުރި ދިއުމަށް ބޭނުންވާ "ރިމޯޓް" ހޯދުމަށް އޭލިއަން މީހާ ކުރާ މަސައްކަތުގައި އިންސާނުންގެ ދިރިއުޅުމުގެ އާދަތަކާއި ސަގާފަތާއި ގަބޫލުކުރުންތައް ފެނި، އެނގި، އާޝޯހުވެ، ބޯގޮވާ ގޮތެވެ.

ފެންނަ ކޮންމެ މީހެއްގެ ގާތުގައި އޭނާ އެދެނީ ގެއްލުނު "ރިމޯޓް" ހޯދައި ދިނުމަށެވެ. އެމީހުން ބުނަނީ "ތިޔަ ރިމޯޓަކަށް ވީ ގޮތް ދެނެވޮޑިގެން ވަނީ ހެއްދެވިފަރާތް" އެކަނި ކަމަށެވެ.

އެހެންވީމަ، އޭލިއަން އަށް ދެން ޖެހެނީ، މާތް ރަސްކަލާނގެ ވީ ތަނެއް ހޯދައި ބަލާށެވެ. އިންޑިއާހާ ދީނާއި ކަލާނގެތައް ގިނަ ތަނެއްގައި އެކަން ކުރުމަކީ އޭލިއަނަކަށް ވެސް ފަސޭހަކަމެއް ނޫންކަން އެނގި، ފެނިގެން ދަނީ ދެނެވެ.

ދެން ދައްކުވައި ދެނީ މާތް ރަސްކަލާނގެ އަށް ވާސިލުވުމަށް ނުވަތަ ހެއްދެވި ފަރާތުގެ މަދަދަށް އެދުމަށް އިންސާނުން ކޮށް އުޅޭ ތަފާތު އެކި ކަންކަމުން މި އޭލިއަން ކަލޭގެ އިބްރަތް ހާސިލުކޮށް، ދުނިޔޭގައި ލެއްވި "ހުރިހާ" ދީނަކަށް ފުރައްސާރަކުރަމުން ގޮސް ތިމަންނަ ވަރުގެ "އޭލިއަނެއް" ނެތް ކަމަށް ހެދޭ ގޮތެވެ.

މި ފިލްމުގައި މި ވަރުގެ ބޮޑު މައްސަލައެއް ކައްކާލާފައި އޮތްއިރު އަދި މާލޭގައި ވެސް މި ފިލްމުގެ ފޯރިގަދަ ޝޯތަކެއް މެދުނުކެނޑި ކުރިއަށް ގެންދާއިރު ފާހަގަކޮށްލަން ޖެހޭ ވާހަކައެއް އެބައޮތެވެ. މި ފިލްމަކީ "ކޮމެޑީއަކަށް ވިޔަސް" ދީނީ ގޮތުން ވަރަށް މުހިންމު އަދި އެހާމެ "ސެންސިޓިވް" މައްސަލައަކަށް އަލިއުޅުވާފައިވާ ފިލްމެކެވެ.

މިއީ، ކަލަކު ވޮޑިގެންވާ ކަމާ ސީދާ ދެކޮޅު ނެހެދިޔަސް، ވަކި ދީނަކަށް ތަބާވާން ނުޖެހޭ ކަމަށް ބާރު އަޅާ ފިލްމެކެވެ. ޖުމްލަ ގޮތެއްގައި ފިލްމުގައި ބުނަނީ، ކަލަކު ވޮޑިގެން ވިޔަސް ދީން އެއީ މުހިންމު އެއްޗެއް ނޫން ކަމަށެވެ. ދުނިޔޭގެ ހުރިހާ ހަމަނުޖެހުންތަކެއްގެ އަސްލު ގުޅިފައި ވަނީ ދީންތަކާ ކަމަށެވެ. އިންސާނާ ހަލާކުވަނީ އެމީހަކު ތަބާވާ ދީނެއްގެ ސަބަބުން ކަމަށެވެ.

"ދީންތައް ފިލްމުގައި ބޭކާރުކޮށްފައި" ވާ ކަމަށް މި ބުނަނީ މާތް ރަސްކަލާނގެ ކިބައިން ވާގިވެރިކަމަށް އެދުމަށް ވަކި ދީނެއް، ފިލްމުގައި ފާހަގަކޮށްފައި ނެތީމަ އެވެ. އެހެންވީމަ މި ފިލްމުގައި ގޮވާލަނީ ވަކި ދީންތަކަކަށް ތަބާވާ ބަޔަކު ނެތް ތަނަކަށް މި ދުނިޔެ ހެދުމަށެވެ.

އެހެންވީމަ މިއީ އިސްލާމް ދީނާ ވެސް ދެކޮޅު ފިލްމެކެވެ. އަދި އެހެން ހުރިހާ ދީނަކާ ވެސް ދެކޮޅު ފިލްމެކެވެ.

ހެއްދެވި ފަރާތަކީ އެންމެ ފަރާތެއް ކަމަށް ފިލްމުގައި ފާހަގަކުރިޔަސް އެ ފަރާތަށް ކުއްތަންވާން ޖެހޭ ގޮތަކީ ކޮބައި ކަމެއް ފިލްމަކު ބުނެއެއް ނުދެ އެވެ. އަނެއްކޮޅުން އެކި ދީންތަކުގެ ގަބޫލުކުރުންތަކަށް ފުރައްސާރަކޮށްފައިވާއިރު، އިސްލާމް ދީނުގެ އަޅުކަން ވެސް ފިލްމުގައި ސިފަކޮށްފައި ވަނީ ވަރަށް ބޭކާރު ކަމެއްގެ ގޮތުގަ އެވެ.

އެއީ މިސްކިތަށް އަރައި ނަމާދުކޮށް ދުއާކޮށްގެން ވެސް އޭލިއަން އަށް އޭނާގެ ރިމޯޓް ނުލިބުމުން، އިސްލާމް ދީނުގެ އަޅުކަން ވެސް ވަނީ ބޭކާރު ކަމަކަށް ވަނީ އެވެ.

އެހެންވީމަ، އިސްލާމީ ނަޒަރަކުން ބަލާއިރު އަދި އެހެން ދީންތަކަށް ތަބާވާ މީހުންގެ ނަޒަރުގައި ވެސް މި ފިލްމުގައި މައްސަލަ އެބަ އުޅެ އެވެ. އެހެންވީމަ، މިފަދަ ފިލްމަކަށް ރާއްޖެ އިން ފެހި ސިގްނަލް ލިބުނު ގޮތް އެއީ ވެސް ބަލާލަން ޖެހޭ ކަމެކެވެ.

ސަބަބަކީ ގައުމުގެ ދީނީ އެއްބައިވަންތަކަމާއި އަޅުގަނޑުމެންގެ އަގީދާއާ ފުށުއަރާ ކަމަށް ބުނެ ހޮލީވުޑްގެ ދެ ފިލްމު ކަމުގައިވާ "އެކްސޮޑަސް" އާއި "ނޯއާ" ރާއްޖޭގައި މަނާކޮށްފައިވާތީ އެވެ. އެ ފިލްމުތައް މަނާކޮށްފައި ވަނީ އެހެން ދީންތަކުގެ ގަބޫލުކުރުންތަކެއް އަޅުގަނޑުމެންގެ ދީނީ ގަބޫލުކުރުންތަކާ ފުށުއަރާ ގޮތަށް ހުށަހަޅައި ދީފައިވާތީ އެވެ.

ކަން މިހެން އޮތް އިރު "ޕީކޭ" ގެ ޕްލޮޓް ގެނެސްފައިވާ ގޮތް އަޅުގަނޑުމެންގެ ދީނީ ގަބޫލުކުރުންތަކާ ފުށެއް ނާރާ ހެއްޔެވެ؟

ފިލްމުގައި ބުނަނީ، ޖުމްލަކޮށް ދީނީ ގަބޫލުކުރުންތަކާއި އަޅުކަމަކީ ބޭކާރު އެއްޗެހިތަކެއް ކަމަށެވެ. ދީނަކީ ބޮޑު "ފްރޯޑެއް" ކަމެވެ.

މިހެން ކިޔާފައި ފިލްމުގެ ބޮޑު ބައިގައި ހިންދީންގެ ކަލާނގެތަކަށް ފުރައްސާރަކޮށްފައިވިޔަސް ޖުމްލަ ގޮތެއްގައި ހުރިހާ ދީންތަކެއް ވެސް އެކި ގޮތްގޮތަށް ހިމަނާފައިވެ އެވެ. މުސްލިމުންގެ އެކި މަޒުހަބުތަކުގެ ގަބޫލުކުރުންތަކަށް ވެސް ހިމަނާފައިވެ އެވެ.

މިސާލަކަށް ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލުކުރާ އެތައް ބައިވަރު ދީންތަކެއް ވެސް އެބަ އުޅެ އެވެ. ނަސޯރާއިންނާއި ޔަހޫދީން ވެސް ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލުކުރެ އެވެ. އަދި މިބައި މީހުންގެ ގަބޫލުކުރުމުގައި، ވޮޑިގެންވާ ހަމައެކަނި ކަލަކީ އެބައިމީހުން އަޅުކަންކުރާ ފަރާތެވެ.

އެހެންވީމަ ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލުކުރާ އެހެން ދީންތަކުގެ މީހުން ވެސް، މި ފިލްމަކީ އެމީހުންގެ ދީނީ ފިލްމެކޭ ކިޔާފައި ވަކާލާތުކުރަންވީ ނޫން ހެއްޔެވެ؟

ދިވެހިންގެ ތެރެއިން ބަޔަކު ނުކުމެ ޝްވެކް ސިނަމާގައި ރޯކޮށްލާނެކަން ވެސް ޔަގީނެވެ. އެކަން އެހެންވާނެކަން އެނގޭތީ، އޭރުން މި ފިލްމަކީ، ބޮޑު ބުދެއް ކަމަށް ކަނޑައަޅައި މި ރާއްޖޭގައި ފިލްމު މަނާ ވެސް ކުރާނެ އެވެ.

އެކަމަކު މުސްލިމަކު، އެހެން ދީންތަކަށް ފުރައްސާރަކޮށް ފިލްމެއް ކުޅުމުން ހުރިހައި މުސްލިމުން ތިބެގެން އަތް ޖަހަނީ އެވެ. އާމިރު ޚާން އޭލިއަނެއްގެ ސިފައިގައި، އައުރަ ނިވާނުކޮށް ބޮޑު ސްކްރީނަށް އައުމުން ވެސް އަތް ޖަހަނީ އެވެ.

"ގޭމް އޮފް ތްރޯންސް" ގައި އައުރަ ނިވާނުކޮށް އުޅޭ މަންޒަރު ކިތަންމެ ވަރަކަށް ދެއްކިޔަސް އަހަރެމެން މުސްލިމުންނަކަށް އެކަން މައްސަލައަކަށް ނުވެ އެވެ.

އަނެއްކޮޅުން އާމިރުގެ މި ފިލްމާ ދެކޮޅަށް ހިންދީންގެ ބަޔަކު މުޒާހަރާކުރާތީ މުސްލިމުންނަށް ދެން އެކަން ވަނީ އަދި މާ މަޖާ ކަމަކަށެވެ. އެކަމަކު ފްރާންސްގެ ހަފުތާ މަޖައްލާ އަކުން ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަކުރުމުން މުސްލިމުންގެ ދެ މީހަކު، މާތް ރަސްކަލާނގެ ނަމުގައި ނުކުމެ، އެކަމެއް ކުރި އެންމެންގެ ދުވަސް ދުއްވާލީ އެވެ.

ފިލްމުގައި ވަކި ދީނަކަށް ތަބާ ނުވެ، މާތް ރަސްކަލާނގެއާ ކުއްތަންވުމަށް ބާރު އަޅާފައި ވަނީ ވެސް މިފަދަ މައްސަލަތަކެއް ފާހަގަކޮށެވެ.

ކޮންމެއަކަސް މިއީ ވަރަށް "ސްމާޓް" ފިލްމެކެވެ. މުސްލިމުން ރުޅިނާރުވައި، އިސްލާމީ އަގީދާއާ ފުށުއަރާ ފަދަ ގޮތަކަށް ފިލްމު އުފައްދާފައިވާތީ އެވެ. އަދި ފިލްމު ބަލާ ހުރިހާ މުސްލިމުންނަށް، މި ފިލްމަކީ މުސްލިމުންގެ ފިލްމެކޭ ބުނާ ކަހަލަ މަކަރުވެރި މެސެޖެއް އެއިން ދޭތީ އެވެ.

"އެކްސޮޑަސް" އާއި "ނޯއާ" ރާއްޖޭގައި މަނާކޮށްފައި މި ފިލްމު މަނާ ނުކުރަންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނެ އެވެ. ފަހަރެއްގައި މި ރާއްޖޭގައި "ފާފައަކަށް" ވަނީ ހޮލީވުޑް ނުވަތަ އެމެރިކާ އާއި ހުޅަނގުގެ ފިލްމުތައް އެކަންޏެވެ. އޮރިޔާން މަންޒަރެއް ވެސް ބެލުން މަނާ ވަނީ ނުވަތަ ސެންސަރުކުރަން ޖެހެނީ ހުޅަނގުގެ ފިލްމެއްގެ މަންޒަރަކަށްވާ ނަމަ އެކަންޏެވެ.

ނުވަތަ ދީނަށް ގޮންޖަހާ ކަމަށް މި ވަނީ ރަސޫލެއް ނުވަތަ ނަބިއްޔެއްގެ ނަމުގައި ފިލްމެއް އުފެއްދީމަ އެވެ.

ބޮލީވުޑް ސްޓައިލަށް މި ރާއްޖޭގެ ބޮޑު ސްކްރީނުގައި ކިތަންމެ ގިނަ ފާފައަކަށް އަރައިގަތަސް އެކަން ވެސް މައްސަލައަކަށް ނުވެ އެވެ.

އަޅުގަނޑަށް ވިސްނޭ ގޮތުގައި ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް މި ފިލްމު ކަމުދިޔަ މައިގަނޑު ސަބަބަކީ އާމިރު ޚާންގެ ފިލްމަކަށް ފިލްމު ވުމެވެ. އެހެންވީމަ، ދީނަށް ފުރައްސާރަކޮށް، "މުހައްމާ ކަލޯގެ ކޮމެޑީ" ޖެއްސިޔަސް އެންމެން ތިބެގެން ހަމަ ބިނދިބިނދިފައި ހެނީ އެވެ.