ބޭރު ކުޅިވަރު

ޖެރާޑާއި ކްލޮޕް ބައްދަލު ކުރަނީ

ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑާއި އެކުލަބުގެ މިހާރުގެ ކޯޗު ޖާގެން ކްލޮޕް ބައްދަލު ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

17 އަހަރު މެދުނުކެނޑި ލިވަޕޫލަށް ކުޅުމަށްފަހު އެމެރިކާގެ އެލްއޭ ގެލެކްސީ އަށް މިދިޔަ ޖުލައި މަހު ބަދަލުވި ޖެރާޑާއި ކްލޮޕް ބައްދަލުކުރާނީ އަންނަ އާދީއްތަ ދުވަހު އެވެ. އެ ދުވަހަކީ ލިވަޕޫލާއި ކްރިސްޓަލް ޕެލަސް އިނގިރޭސި ލީގުގައި ކުޅޭ ދުވަހެވެ. އަދި މިއީ ލިވަޕޫލް ދޫކޮށްދިޔަ ފަހުން ޖެރާޑް އެކުލަބުގެ ދަނޑަށް ޒިޔާރަތްކުރާ ފުރަތަމަ ފަހަރެވެ.

ރިޕޯޓްތައް ބުނާގޮތުން ކްލޮޕް އާއި ޖެރާޑްގެ ބައްދަލުވުމަކީ އެނބުރި ލިވަޕޫލަށް ޖެރާޑް އައުމާބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެޖެވެ. އެމެރިކާގެ ލީގު މިހާރު ގެލެކްސީ އަށް ނިމިފައިވާތީވެ އެކުލަބުގެ ހުއްދައާއެކު އަންނަ މާޗު މަހުގެ ނިޔަލަށް ޖެރާޑަށް ލިވަޕޫލާއެކު ހުރެވިދާނެ އެވެ.

"އެމެރިކާ ލީގުގެ ކުރިން އޭނާ މި ކުލަބުގައި ފަރިތަކުރަން ބޭނުންވާނަމަ އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއްނޫން. ކުލަބަށް ކުޅޭކަށް އޭނާ އަދި ނާހާ. އެހެންވީމަ އަހަރެން އެކަމާ ވިސްނާކަށް ނުޖެހޭ،" ކްލޮޕް ބުންޏެވެ.

ނަމަވެސް އިނގިރޭސި މީޑިޔާތަކުން ބުނަނީ އުމުރުން މިހާރު 35 އަހަރުގެ ޖެރާޑް އެނބުރި ލިވަޕޫލަށް އަންނަން ބޭނުންވާތީވެ ކްލޮޕް އެ ފުރުސަތުދޭނެ ކަމަށެވެ.

އިނގިރޭސި ކުރީގެ ގައުމީ ކެޕްޓަން ޖެރާޑް ވަނީ އޭނާ އަށް އެމެރިކާގައި ކުޅެން އުނދަގުވާކަން އިއްޔެ ފާހަގަކޮށްފަ އެވެ. މިހެންވެ އަންނަ އަހަރު ކުޅުން ހުއްޓާލަންޖެހިދާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ގެލެކްސީ އަށް ބަދަލުވުމުގެ ކުރިން ޖެރާޑް ލިވަޕޫލް ނޫން ކުލަބަކަށް ކުޅެފައިނުވެ އެވެ. އޭނާ ލިވަޕޫލް ދޫކޮށްލަން ޖެހުނީ ކުރީގެ ކޯޗު ބްރެންޑަން ރޮޖާސް އޭނާ އަށް ފުރަތަމަ 11އިން ޖާގަދޭން ދެކޮޅު ހެދި ހިސާބުންނެވެ.

ނަތީޖާތައް ދަށްވުމުން ރޮޖާސް، ވަކިކޮށް، ކްލޮޕަށް ލިވަޕޫލްގެ ކޯޗުކަން ދިނުމުން ޖެރާޑް ވަނީ އާ ކޯޗާ ގުޅައި މަރުހަބާ ކިޔައިފަ އެވެ.