އަބްދުއްރަހީމް އަބްދުﷲ

ނުސީދާކޮށް ސަރުކާރުން ކެމްޕޭން ކުރި މައްސަލަ ހުށަހަޅައިފި

މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރުގެ ފަރާތުން ނުސީދާކޮށް ކެމްޕޭން ކުރި މައްސަަލައެއް އިދިކޮޅު ކޯލިޝަނުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅުގެ ދެ ސިޔާސީ ޕާޓީ، ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މިއަދު ކުރިއަށްދާ އިންތިހާބުގެ ވޯޓު އޮޅުވައިލުމުގެ ގޮތުން ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ބައެއް ފޮށިތަކަށް ތަކުރާރުކޮށް ވޯޓުލަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މާފަންނު މެދު ދާއިރާގެ ފޮއްޓަށާއި، ސޯޝަލް ސެންޓަރުގައި ބެހެއްޓިފައިހުރި ފޮއްޓެއްގެ އިތުރުން އަމީނިއްޔާ ސުކޫލްގައި ބެހެއްޓިފައިވާ ފޮއްޓަކަށް ތަކުރާރުކޮށް ވޯޓުލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން މާދަމާ އެ މަނިކުފާނާ ސުވާލު ކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވާ ކަމަށެވެ.

"ރައީސް ޔާމީނާ ދެކޮޅަށް ތަހުގީގެއް ހިންގަން އެ ނިންމީ މި އިންތިހާބުން ބޮޑުތަނުން ބަލިވާކަން އެނގޭތީ އެކަމުން ރައްޔިތުންގެ ފޯކަސް ގެއްލުވާލަން. އެނޫން އެއްވެސް ކަމަކު ނޫން. އަދިވެސް ސަރުކާރުން އެ ބަލަނީ ރައީސް ޔާމީނަށް އިތުރު އަނިޔާ ދެވޭތޯ. އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން" އަދުރޭ ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ޔާމީން އަމިއްލައަށް އިންތިހާބު ބޮއިކޮޓް ކުރިކަމަށް ދެކެވޭ ވާހަކަތައް ވެސް އަދުރޭ ދޮގުކުރެއްވި އެވެ. ވިދާޅުވީ ވޯޓު ލުމުގެ ފުރުސަތު ސަރުކާރުން ރައީސް ޔާމީނަށް ނުދެއްވީ ކަމުގަ އެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި އެ ޕާޓީގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހުމަދު ސިއްދީގު ވެސް މިއަދު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފަ އެވެ. އޭނާގެ ވާހަކަފުޅުގައި ވެސް ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި މަޖިލިސް މެމްބަރަކު ނުސީދާކޮށް ކެމްޕޭން ކުރެއްވި ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ހަމައެކަނި ކެމްޕޭން ކުރުމަކީ ވޯޓު ދޭން ގޮވާލުން ނޫން ކަމަށާއި އަމަލާއި ބަހުންނާއި އަދި އިޝާރާތުންނާއި ލާ ހެދުމުންވެސް ކެމްޕޭން ކުރެވޭ ކަމަށެވެ. އަދި ޕީޕީއެމްގެ ބޭފުޅުން ވޯޓުލާން މީގެ ކުރިން ދާއިރު ވަކިކުލައެއްގެ ހެދުމެއް ލުމުގެ ފުރުސަތު ނުލިބޭ ކަމަށާއި ނަމަވެސް މިހާރު އެ މަންޒަރު ބަދަލުވެފައިވާކަން ފާހަގަކުރެއްވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑު މި ފާހަގަކޮށްލަނީ ސަރުކާރުގެ އިސް ހުރިހާ ވެރިން ގުޅިގެން އެއް ކުލައެއްގެ ޓީޝާޓުތަކެއް ނުވަތަ ވަކި ގަމީސްތަކެއް ލައިގެން ގޮއްސަ އެ ބޭފުޅުން ނުވަތަ އެ ޕާޓީއެއް ރަމްޒުކޮށްދިނުމުގެ ގޮތުން ނުވަތަ މީހުންގެ ހިތަށް ވަސްވާސްކޮށްދިނުމުގެ ގޮތުން އިންތިހާބަށް ނުރަނގަޅު ނުފޫޒް ފޯރުވުމުގެ ގޮތުން ރައްޔިތުންނަށް ނުސީދާ ކެމްޕޭނެއް ކުރަމުންދާތަން އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ. ހުދު ރައީސުލް ޖުމްހޫރިއްޔާ ވެސް އެކަން ކުރެއްވި. ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް އެކަން ކުރެއްވީ އެގޮތަށް. އަދި ބައެއް މަޖިލިސް މެމްބަރުންވެސް އެކަން އެގޮތަށް ކުރެއްވި" ސިއްދީގު ވިދާޅުވި އެވެ.