ދުނިޔެ

އީރާނުން ހިފެހެއްޓި ސައުތު ކޮރެއާގެ ޓޭންކަރު ދޫކޮށްލައިފި

އީރާނުން ޖެނުއަރީގައި ހިފެހެއްޓި ސައުތު ކޮރެއާގެ ތެޔޮ ޓޭންކަރު ދޫކޮށްލައިފި އެވެ. އިސްލާމިކް ރިވޮލޫޝަނަރީ ގާޑުން ހޮރްމޫޒް ކަނޑުއޮޅިން ޓޭންކަރު ހިފެހެއްޓި ސަބަބެއް ކަމަށް ފުރަތަމަ ބުނީ ކަނޑުއޮޅިއަށް ތެޔޮ އަޅާތީ ކަމަށެވެ. އެހެން ނަމަވެސް، އަސްލު ސަބަބަކީ، ސައުތު ކޮރެއާ ބޭންކުތަކުގައި ހުރި އީރާންގެ ހަތް ބިލިއަން ޑޮލަރު ދޫކުރަން އެ ގައުމުން ދެހޮޅު ހެދުމެވެ

އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާ ކަމަށް ބުނެ އެމެރިކާއިން އީރާނަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކާ ގުޅިގެން އެ ފައިސާ ހިފަހައްޓަން ޖެހުނީ އެވެ.

މި މައްސަލާގައި ސައުތު ކޮރެއާގެ އޮފިޝަން އީރާން ގޮސް މަޝްވަރާކުރި އެވެ. އަދި ޓޭންކަރުގައި ތިބި 20 ފަޅުވެރިން ދޫކޮށްދޭން އެދުމުން ކެޕްޓަން ފިޔަވައި އެންމެން ދޫކޮށްލި އެވެ.

އީރާންގެ ފޮރިން މިނިސްޓްރީ ސްޕޯކްސް ޕާސަން، ސައީދު ޚަތިބުޒާދޭ ވިދާޅުވީ ކެޕްޓަން ފިޔަވައި ދެންތިބި މީހުން ދޫކޮށްލީ ސައުތު ކޮރެއާއާ އޮތް ގާތް ކަމެއްގެ ސަބަބުން ކަމަށެވެ.

ތެޔޮ ޓޭންކަރު ދޫކޮށްލަމުން އީރާނުން ބުނީ އުޅަނދާ ބެހޭ ގޮތުން ބަލަން ހުރި ހުރިހާ މައްސަލައެއް ނިމިއްޖެ ކަމަށާއި ތިމާވެއްޓަށް ގެއްލުންދޭ ކަމަށް ތުހުމަތު ކުރެވުނީ އޮޅިގެން ކަމަށެވެ. އަދި އެފަދަ އެއްވެސް ގެއްލުމެއް އުޅަނދުން އަދި އުޅަނދު އޮޕަރޭޓްކުރާ ކުންފުންނިން ކޮށްފައި ހުރިކަން އެނގެން ނެތް ކަމަށެވެ.

އުޅަނދު މިހާރު ވަނީ ދަތުރު ފައިގެން ފުރާފަ އެެވެ.

އީރާންއާ ސައުތު ކޮރެއާ އަކީ ވިޔަފާރީގައި އެކުވެރިންނެވެ. އެހެން ނަމަވެސް، އީރާނަށް އިގުތިސޯދީ ގޮތުން ދަތިކުރަން އެމެރިކާ އެޅި ފިޔަވަޅުތަކުގައި ބައިވެރިވާން ހަދައިގެން ސައުތު ކޮރެއާއަށް ކެހިލިބުނީ އެވެ. އީރާނުން ލިބެން ހުރި ފަސޭހަތައް ތުރާލަކަށްވީ އެވެ.

ސައުތު ކޮރެއާއިން އަދި ވެސް އީރާނަށް ފައިސާ ދުލެއް ނުކުރެ އެވެ. އެހެން ނަމަވެސް ބުނީ ފައިސާ ދޫކޮށްދެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށާއި ބޮޑުބައި ދޫކޮށްދޭނެ ކަމަށެވެ. ކަތީބުޒާދޭ ވިދާޅުވި ގޮތުން ސައުތު ކޮރެއާގެ ބޮޑުވަޒީރު މިއަދު އީރާނަށް ވަޑައިގަންނަވާނެ އެވެ. އަދި ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ.