ރޯދަ މަސް

މުލަ ރޯދައަކީ އަންގާރަ، ރަމަޟާން މުބާރިކް

އަންނަ އަންގާރަ ދުވަހަކީ މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައި އެކަން ރަސްމީކޮށް އިއުލާން ކޮށްފި އެވެ.

ރޯދަ މަހުގެ ހަނދު ސާބިތު ކުރަން މިރޭ ބޭއްވި ޖަލްސާއަށް ފަހު އިއްވެވި ހަނދާބެހޭ ގަރާރުގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަ ދުވަސް ކަމަށާއި ރޯދަ ހިފުމަށް ފަރުވާތެރިވެ ﷲ ރުއްސެވުމާއި މަގުފިރަތައް އެދި ހެޔޮކަންކަން ކުރުމުގެ މައްޗަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

ހަނދާ ބެހޭ ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިރޭ އިރޮއޮއްސޭއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1442 ވަނަ ރަމަޟާންމަހުގެ ހަނދު ފެންމަތި ނުވާނެކަން އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާތީއާ ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ދިވެހިރާއްޖޭއްގައި އަމަލުކުރާ އުސޫލުގައިވާ ގޮތުގެ މަތިން މަތިން މާދަމާއަކީ 1442 ވަނަ އަހަރުގެ ޝައުބާން މަހުން 30 ވަނަ ދުވަސް ކަމުގައްޔާ އަދި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް ކަމުގައި ކަނޑައަޅާ ކަމަށެވެ.