ރައީސް މުހައްމަދު ނަޝީދު

ރައީސާ މައްސަލަ ޖެހުނީ ވެންޓިލޭޓަރު ހިޔާނާތާ ގުޅިގެން: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު މައްސަލަތަކެއް ހުރި ކަމަށް ފުރަތަމަ ފަހަރަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއްބަސްވެވަޑައިގެންފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއި އެމަނިކުފާ ދެމެދު މައްސަލަތަކެއް އެބަހުރި ކަަމަށެވެ. ދެ ބޭފުޅުންގެ ދެމެދުގައި އޮތް އެންމެ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވެ މިސާލެއްގެ ގޮތުގައި ނެންގެވީ ވެންޓިލޭޓަރުގެ ހިޔާނާތެވެ. ނަޝީދު ވިދާޅުވީ ވެންޓިލޭޓަރު ހިޔާނާތް ނުހިނގި ނަމަ ދެ ބޭފުޅުންގެ މެދުގައި އެއްވެސް މައްސަލައެއް ނެތީސް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ ކޮރަޕްޝަނާއި ދެކޮޅު ޕާޓީއެއް ކަމަށާ އެމްޑީޕީގެ މެންބަރުން ބޭނުންވަނީ ނަޒާހަތްތެރި ޕާޓީއަކަށް އެޕާޓީ ވާން ކަމަށެވެ.

"އަޅުގަނޑުމެން ދެ މީހުން [ރައީސް ސޯލިހް] ދޭތެރޭގައި މައްސަލަތައް ހުރެގެން.. މައްސަލަ މި ހުންނަނީ މިސާލަކަށް ވެންޓިލޭޓަރު މައްސަލާގައި. އަޅުގަނޑުމެން ދެ މީހުން ދޭތެރޭގައި މައްސަލައެއް ނުހުންނާނެ ވެންޓިލޭޓަރު މައްސަލަ ނެތްނަމަކާއެއް. އެހެންވީމަ އަޅުގަނޑަށް ފެންނަ ފެނުމުގައި ޕާޓީގެ މެންބަރުން ބޭނުންވަނީ މި ޕާޓީ ނަޒާހަތްތެރި ޕާޓީއަކަށްވާން. އެއީ ދެން މެންބަރުން އެދޭ ގޮތަށް ކުރެވޭތޯ ބަލާކަމެއް އަޅުގަނޑުމެން. އެކަން އިދާރަކުރެއްވިއްޔާ ކުރާނަން،"

ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ހޯދަން މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ދިވެހި ސަރުކާރަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ލިބުނު ބައެއް ވެންޓިލޭޓަރުތަކުގައިވެސް ބައެއް މައްސަލަތައް ހުރިކަން ހެލްތު މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރީ އެކަމަށް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުނި ކަމަށްވާ ދުބާއީގެ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށެވެ. އޭސީސީން ބުނާ ގޮތުގައި އެ ކުންފުނިން ވެންޓިލޭޓަރުތައް ގަނެދިނުމަށް ހުށަހެޅި 34 މިލިއަން ރުފިޔާގެ ތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ޖަމާކޮށްދީފައިވަނީ ޕާފޯމަންސް ގެރެންޓީއަކާއި އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ބެހެއްޓުމަށް ދީފައިވާ ލަފައާއި އެއްގޮތަށް އެކަން ނުކޮށް އެއްބަސްވުމެއް ހެދުމެއް ނެތި ކަމަށެވެ. މި މައްސަލައާ ގުޅިގެން ދައުވާ ކުރަން ފޮނުވުމުން "އުންސުރު" ހަމަނުވާ ކަމަށް ވިދާޅުވެ ދައުވާ ކުރަން ޕީޖީ ވަނީ ދެކޮޅު ހައްދަވާފައެވެ. އެކަމާއި ގުޅިގެން ނަޝީދުގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ.