ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"އަޅުގަނޑުމެންގެ ދެމެދަށް ވެންޓިލޭޓަރަށް ނުވަދެވޭނެ"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު މައްސަލަތަކެއް ހުރި ކަމަށް ފުރަތަމަ ފަހަރަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއްބަސްވެވަޑައިގެންފައި ވަނިކޮށް ދެ ބޭފުޅުންގެ ދޭތެރެއަށް ވެންޓިލޭޓަރަށް ނުވަދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއި އެމަނިކުފާ ދެމެދު މައްސަލަތަކެއް އެބަހުރި ކަަމަށެވެ. ދެ ބޭފުޅުންގެ ދެމެދުގައި އޮތް އެންމެ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވެ މިސާލެއްގެ ގޮތުގައި ނެންގެވީ ވެންޓިލޭޓަރުގެ ހިޔާނާތެވެ. ނަޝީދު ވިދާޅުވީ ވެންޓިލޭޓަރު ހިޔާނާތް ނުހިނގި ނަމަ ދެ ބޭފުޅުންގެ މެދުގައި އެއްވެސް މައްސަލައެއް ނެތީސް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ ކޮރަޕްޝަނާއި ދެކޮޅު ޕާޓީއެއް ކަމަށާ އެމްޑީޕީގެ މެންބަރުން ބޭނުންވަނީ ނަޒާހަތްތެރި ޕާޓީއަކަށް އެޕާޓީ ވާން ކަމަށެވެ.

"އަޅުގަނޑުމެން ދެ މީހުން [ރައީސް ސޯލިހް] ދޭތެރޭގައި މައްސަލަތައް ހުރެގެން... މައްސަލަ މި ހުންނަނީ މިސާލަކަށް ވެންޓިލޭޓަރު މައްސަލާގައި. އަޅުގަނޑުމެން ދެ މީހުން ދޭތެރޭގައި މައްސަލައެއް ނުހުންނާނެ ވެންޓިލޭޓަރު މައްސަލަ ނެތްނަމައެއް. އެހެންވީމަ އަޅުގަނޑަށް ފެންނަ ފެނުމުގައި ޕާޓީގެ މެންބަރުން ބޭނުންވަނީ މި ޕާޓީ ނަޒާހަތްތެރި ޕާޓީއަކަށް ވާން. އެއީ ދެން މެންބަރުން އެދޭ ގޮތަށް ކުރެވޭތޯ ބަލާކަމެއް އަޅުގަނޑުމެން. އެކަން އިދާރަކުރެއްވިއްޔާ ކުރާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އެ ވާހަކަތަކާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ވިދާޅުވީ ދެ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތު ބައެއް ކަންކަން ހުއްޓަސް އޭގެ ސަބަބުން އެމްޑީޕީއަށް އަދި ރާއްޖެއަށް ވެސް ދެރަވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. ނަމަވެސް ރައީސް ވަނީ ރައީސް ނަޝީދާ އޮތް ޒަމާންވީ ގުޅުން ދިފާއު ކުރައްވާ ވެންޓިލޭޓަރަށް ދެ ބޭފުޅުންގެ މެދަށް ނުވަދެވޭނެ ކަމަށް ވިދާޅުވެފައެވެ.

"ވެންޓިލޭޓަރަކަށް ނުވަދެވޭނެ އަޅުގަނޑުމެން ދެމީހުން ދޭތެރެއަކަށް އިނގޭތޯ. އަނެއްކާ އަޅުގަނޑުމެންގެ މެދުގައި ހިޔާލު ތަފާތުވާ ބައެއް ކަންކަން ހުއްޓަސް އޭގެ ސަބަބުން ޕާޓީއަށް މި ގައުމަށް ދެރަވާނެ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރާނަން. އެހެން ނަމަވެސް ބައެއް އިޝޫތަކުގައި އަބަދުވެސް ހުންނާނެ. ޖުމްލަކޮށް އެމްޑީޕީއަކީ ތަފާތު ހިޔާލަށް ތަފާތު ވިސްނުމަށް ޖާގަ އޮތް ޕާޓީއެއް. އެހެންވީމަ އެމްޑީޕީ ކުރިއަށްދާނީ އެ ވިސްނުމުގައި،" ރައީސް ވިދާޅުވިއެވެ. 

ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ހޯދަން މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ދިވެހި ސަރުކާރަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ލިބުނު ބައެއް ވެންޓިލޭޓަރުތަކުގައިވެސް ބައެއް މައްސަލަތައް ހުރިކަން ހެލްތު މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރީ އެކަމަށް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުނި ކަމަށްވާ ދުބާއީގެ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށެވެ. އޭސީސީން ބުނާ ގޮތުގައި އެ ކުންފުނިން ވެންޓިލޭޓަރުތައް ގަނެދިނުމަށް ހުށަހެޅި 34 މިލިއަން ރުފިޔާގެ ތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ޖަމާކޮށްދީފައިވަނީ ޕާފޯމަންސް ގެރެންޓީއަކާއި އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ބެހެއްޓުމަށް ދީފައިވާ ލަފައާއި އެއްގޮތަށް އެކަން ނުކޮށް އެއްބަސްވުމެއް ހެދުމެއް ނެތި ކަމަށެވެ.
ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމީ ޖިނާއީ ކުށެއްގައި ސާބިތު ކޮށްދޭން ޖެހޭ އުންސުރުތައް ސާބިތު ކޮށްދެވިދާނެ ކަމަށް ނުފެންނާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.

އެ މައްސަލައިގައި ކުރިއެރުމެއް ނުލިބޭތީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްއާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަސް ޝިއުނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ވެސް ރައީސް ނަޝީދު ވަނީ ތާއީ ދުކުރައްވައިފަ އެވެ.

މި ސަރުކާރުގެ ބައެއް ވަޒީރުންނަށް އަމާޒުކޮށްވެސް ރައީސް ނަޝީދު ގެންދަވަނީ "ވައްކަމު"ގެ ތުހުމަތު ކުރައްވަމުންނެވެ.

ހާއްސަކޮށް މިނިސްޓަރު ފައްޔާޒަށް އަމާޒުކުރައްވާ އެފަދަ ތުހުމަތުތައް ދޭތެރެ ދޭތެރެއިން ފެންމަތި ކުރައްވައެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީސް މެންބަރުންނަށް ހާއްސަ ވަޓްސްއަޕް ގުރޫޕްގައި ނަޝީދު އެ ވާހަކަތައް ތަކުރާރުކޮށް ދައްކަވާފައިވެއެވެ. ނަމަވެސް ފައްޔާޒަށް ކުރައްވާ ތުހުމަތުތައް ރައީސް ސޯލިހް ގެންދަވަނީ ދިފާއު ކުރައްވަމުންނެވެ. އެކަމާވެސް ދެ ރައީސުންގެ މެދުގައި ހިތްހަމަނުޖެހުން އޮވެއެވެ.