ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދޭތެރޭ މި ސަރުކާރުން އަމަލު ކުރަނީ ބައިނަލްއަގްވާމީ އެއްވެސް ހަމައަކުން ބަލާއިރު އިންސާފުވެރި ގޮތަކަށް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް އިން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ޕީޕީއެމް އޮފީސް ކުރިމަތީ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ އެޑްވައިޒަރު، ޝަހީމް ވިދާޅުވީ ރައީސް ޔާމީން އަށް ދިން އަނިޔާގެ ބަދަލު ރައްޔިތުން ވޯޓުން ދީފި ކަމަށެވެ.
"ރައީސް ޔާމީނަށް އާއިލާގެ ބޭފުޅުންނާ ވެސް ބައްދަލު ނުކުރެއްވޭތާ ދެ އަހަރު ވަނީ. ދުނިޔޭގެ ކޮން ނިޒާމެއްގަތޯ މިގޮތަށް އޮންނަނީ؟ މިއަށް ކިޔަނީ ހަގީގީ އަނިޔާ، ދިވެހި ރައްޔިތުން މިވަނީ އެމީހުންގެ ބަސް އިއްވާފަ." ޝަހީމް ވިދާޅުވި އެވެ.
ރައްޔިތުން ނުކުމެ ޕީޕީއެމަށް ދިން ތާއީދުގެ މާނައަކީ ދީނަށް ފުރައްސާރަ ކުރާ މީހުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭން ރައްޔިތުން ނޭދޭ އަންގައިދޭ ކަމެއް ކަން ވިދާޅުވި އެވެ. އަދި އެއީ މަރު ކޮމިޝަންތައް ހަދައިގެން ދީނީ އިލްމުވެރިންގެ އަބުރު ކަތިލުމަށް ރައްޔިތުން ނޭދޭ ކަން ވެސް މި ވޯޓުން އަންގައިދީފި ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމްގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވިދާޅުވީ މި ހޯދި ކާމިޔާބީ އާއި އެކީ ޕީޕީއެމްގެ ސަފުތައް އިތުރަށް ވަރުގަދަކޮށް މި ކާމިޔާބީގެ މައްޗަށް އެތައް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި ޕީޕީއެމްގެ ފަރާތުން ހޮވުނު ހުރިހާ ކެންޑިޑޭޓުން ވެސް ނަމޫނާ ދައްކައި ގައުމުގެ ހިދުމަތްތެރީންނަށް ވުމަށް ގޮވައިލެއްވި އެވެ.
ޝަހީމްގެ ވާހަކަފުޅުގައި އަލިއަޅުއްވައިލީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ މަރުގެ މައްސަލައާ ގުޅިގެން މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި އެމަނިކުފާނުގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައިވާތީ އެވެ.