އިދިކޮޅު ކޯލިޝަނުން ރައީސް އަބްދުﷲ ޔާމީނަށް ހިޔާނަތްތެރި ނުވާނެ ކަމަށާއި ކޯލިޝަން އޮންނާނީ ރައީސް ޔާމީނާ އެކު ކަމަށް ޔާމީންގެ ކުރީގެ ރަނިންމޭޓް އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު ސައީދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން ކުރިއަށް ގެންދާ ހޯޕް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ނިންމާފައިވާ ގޮތަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.
"ޕީޕީއެމް ޕީއެންސީގެ މެންބަރުން މިކުރާ މަސައްކަތަކީ ރައީސް ޔާމީން އަލުން ޒައާމަތަށް ގެނައުމުގެ މަސައްކަތް،" ޝަހީމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން މިވަގުތު ޖަލުގައި އޮންނެވި ނަމަވެސް މިނިވަން ވާނެ ކަމުގެ އުއްމީދު ދޫކޮށްނުލައްވާ ކަމަށެވެ. އަދި ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ލިބި ވެރިކަމަށް ގެނެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ޝަހީމު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވީ ދިވެހި ގައުމުގެ މިނިވަންކަން ހިފަހައްޓައިދީ، އިގްތިސޯދީ ގޮތުން ގައުމު ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެހެންކަމުން ޔާމީންގެ ވެރިކަމަކަށް ދިވެހިން އަދިވެސް އެދޭ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ މި ކޮންފަރެންސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރައީސް ސޯލިހަކީ ދުނިޔޭގައި އުފެދުނު އެންމެ ހުދުމުހުތާރު ލީޑަރުން ފަދަ ލީޑަރެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
މީގެއިތުރުން ރައީސް ސޯލިހްގެ ވެރިކަމުގައި ރައްޔިތުންގެ އަސާސީ އަދި އިންސާނީ އެތައް ހައްގެއް ނިގުޅައިގެންނެވި ކަމުގައިވެސް މުންދު ވިދާޅުވި އެވެ.