މޯލްޑިވްސް ޕޮލިސް ސާވިސް

ތިނަަދޫގައި މުޒާހަރާ ކުރި މީހަކު ހައްޔަރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ގދ. ތިނަދޫގައި ކުރި މުޒާހަރާގެ ތެރެއިން އެކަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މުޒާހަރާގެ ތެރެއިން އެކަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އޭނާ ހައްޔަރުކުރި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ތިނަދޫގައި މުޒާހަރާ ކުރީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެރަށަށް ވަޑައިގަތުމާ ގުޅިގެންނެވެ.

މި އިހުތިޖާޖުގައި އިދިކޮޅުގެ ސަޕޯޓަރުންގެ އިތުރުން އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދުކުރާ މީހުންވެސް ބައިވެރިވެފައިވެ އެވެ.

ކެމްޕޭނަށް ރައީސް ސޯލިހު ރަށްރަށަށް ވަޑައިގަންނަ ވަގުތާ ދިމާކޮށް އިދިކޮޅުން އަންނަނީ އެ ރަށްތަކުގައި މުޒާހަރާކޮށް އަޑުގަދަކުރަމުންނެވެ. ގދ. ތިނަދޫގެ އިތުރުން ހއ. ދިއްދޫއާއި، ހދ. ކުޅުދުއްފުށްޓާއި، ގއ. ވިލިގިއްޔާއި ޏ. ފުވައްމުލަކަށް ރައީސް ވަޑައިގެންނެވި އިރުވެސް އިދިކޮޅުން ވަނީ މުޒާހަރާކޮށްފަ އެވެ.

ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އިދިކޮޅުން ވަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ފަށާފަ އެވެ. އިދިކޮޅު ފަރާތްތަކުން ދަނީ ޑިސެމްބަރު 25 ވަނަ ދުވަހުގެ ރެ އިން ފެށިގެން ކޮންމެ ރެޔަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ.

މުޒާހަރާތަކުގައި ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާ އަށެވެ.