އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިދިޔަ އަންގާރަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރި ދެ މީހުންނަށް މާރާމާރީ ހިންގުމުގެ ތުހުމަތު ނުކުރެވޭނެ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
ޕީޕީއެމް އިން މިހެން ބުނެފައި މިވަނީ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މި ދެ މީހުންނަށް މާރާމާރީ ހިންގުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތު ފުލުހުން ކުރުމާ ގުޅިގެން މި ދެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ދިނުމުންނެވެ.
ފުލުހުންގެ ބަންދުގައި ތިބީ ހެންވޭރު ސްޓިއަރިން ކޮމިޓީގެ މެމްބަރު އަބްދުﷲ އަދުލީއާއި ޕީއެންސީގެ ސެނެޓާ އިބްރާހިމް ޒަމީލް އެވެ.
އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި މަހު 27 ވަނަ ދުވަހުގެ ރޭ މުޒާހަރާއިން 21 މީހަކު ފުލުހުން ހައްޔަރު ކުރިއިރު މިހާރު ބަންދުގައި ތިބި ދެ މީހުން ފިޔަވާ އެންމެން އެރޭ ދޫކޮށްލި ކަމަށެވެ. ބަންދުގައި ތިބި ދެ މީހުންނަށް ފުލުހުން ކުރާ ތުހުމަތުތައް ދޮގުކޮށް ހީނާ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިހާރު މާލޭގައި ބާއްވާ މުޒާހަރާތަކުގައި މާރާމާރީ ހިންގާ، ފުލުހުންނަށް ހުރަސް އަޅާފައި ނުވާނެ ކަމަށެވެ.
"މުޒާހަރާތަކުގައި އަޅުގަނޑުމެން މާރާމާރީ ހިންގާ ތަންތަނުގައި އަލިފާން ރޯކުރުން ފަދަ ކަންތަކެއް ނުކުރަން. އަޅުގަނޑުމެން ސުލްހަވެރި ކަމާއެކު އެއްވެ ރައީސް ޔާމީން މިނިވަން ކުރުމަށް އެދި އިޖްތިހާދު ކުރަނީ. އެކަމަކު ފްރޭމްކުރަން ބޭނުންވާ ފަރާތްތަކަށް ފްރޭމް ކުރެވިދާނެ،" ހީނާ ވިދާޅުވި އެވެ.
މާލޭގައި އިދިކޮޅު ކޯލިޝަނުން ސިލްސިލާ މުޒާހަރާތަކެއް ފަށާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށް މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކުން ދަނީ އާދިއްތަ ދުވަހުގެ ރެ އިން ފެށިގެން ކޮންމެ ރެޔަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ.
މުޒާހަރާތަކުގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާ އަށެވެ.
ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ މާދަމާ ރާއްޖޭގެ ހުރިހާ ރަށެއްގައި މުޒާހަރާ ކުރުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ނިންމާފަ އެވެ.
ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ގާޒީ ހުކުމް ކުރީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ހަތް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އަދި ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެެވެ. މި ދެ ހުކުމާ އެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް ޔާމީން ތަންފީޒު ކުރަން ޖެހިވަޑައިގަންނަވާނެ އެެވެ.