ޕީޕީއެމް

މުޒާހަރާއިން ހައްޔަރުކުރި ތިން މީހުން ދޫކޮށްލީ ޝަރުތުތަކަކާއެކު

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއިން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހުން ދޫކޮށްލީ ޝަރުތުތަކަކާ އެކުގައި ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ހީނާ ވަލީދު ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހުން ބަންދުން ދޫކޮށްލީ ރޭގަނޑު ގެއިން ބޭރަށް ނުނިކުތުމަށް ކޯޓުން ޝަރުތުކޮށްފައި ކަމަށެވެ.

ހީނާ ވަލީދު ވިދާޅުވީ ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްފައިވަނީ ނޫސްވެރިޔާ ސަމާހުއާ، ޕީޕީއެމްގެ ސެނެޓަރު އަމާނީ މުހައްމަދުގެ އިތުރުން ޕީޕީއެމްގެ ޔޫތް މެމްބަރު އައިޝަތު ނުހާ ކަމަށެވެ.

މިގޮތުން ނޫސްވެރިޔާ ސަމާހުއަށް ޝަރުތުކޮށްފައިވަނީ 30 ދުވަސް ވަންދެން އިރުއޮއްސި ހަޔަކުން ހެނދުނު ހަޔަކަށް ގެއިން ބޭރަށް ނުނިކުތުމަށެވެ. އަދި ޕީޕީއެމްގެ ސެނެޓަރު އަމާނީ މުހައްމަދާއި ޕީޕީއެމްގެ ޔޫތް މެމްބަރު އައިޝަތު ނުހާއަށް ޝަރުތުކޮށްފައި ވަނީ 60 ދުވަސް ވަންދެން އިރުއޮއްސި ހަޔަކުން ހެނދުނު ހަޔަކަށް ގެއިން ބޭރަށް ނުނިކުތުމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 25 އިން މިމަހު ޖެނުއަރީ މަހުގެ އަށަކަށް ޖުމުލަ 100 މީހުން ހައްޔަރުކޮށްފައި ވާކަމަށް ވެސް ހީނާ ވަލީދު ވިދާޅުވެއެވެ. ބަންދުކޮށްފައިވާ މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.

އަދި އިދިކޮޅުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި އުމުރުން ދުވަސްވީ އަންހެނަކު އަނިޔާވެރިގޮތަކަށް ހައްޔަރުކުރާ މަންޒަރު ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި މައްސަލަ ތަހުގީގުކުރާނެ ކަމަށް ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

މާލޭގައި އިދިކޮޅު ކޯލިޝަނުން ސިލްސިލާ މުޒާހަރާތަކެއް ފަށާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކުން ދަނީ ޑިސެމްބަރު 25 ވަނަ ދުވަހުގެ ރެ އިން ފެށިގެން ކޮންމެ ރެޔަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ.

މުޒާހަރާތަކުގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާ އަށެވެ.