އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއިން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހުން ފިޔަވާ އެންމެން ދޫކޮށްލައިފި އެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ރޭގެ މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ޖުމުލަ ނުވަ މީހުންނެވެ. އޭގެ ތެރެއިން ތިން މީހުން އަދިވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ފުލުހުން އެހެން ބުނި ނަމަވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރޭގެ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ކަމަށެވެ. ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރޭގައި ނޫސްވެރިއަކުވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
މާލޭގައި އިދިކޮޅު ކޯލިޝަނުން ސިލްސިލާ މުޒާހަރާތަކެއް ފަށާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކުން ދަނީ ޑިސެމްބަރު 25 ވަނަ ދުވަހުގެ ރެ އިން ފެށިގެން ކޮންމެ ރެޔަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ.
މުޒާހަރާތަކުގައި ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާ އަށެވެ.