ރޯދަ މަހުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކޮށް ނުދީފިނަމަ މަޑުން ނުތިބޭނެ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީގެ 14 ގޮނޑި ޕީޕީއެމުން ކާމިޔާބު ކުރުމާއި ގުޅިގެން އުފާފާޅު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ހުސައިން ވިދާޅުވީ ކައުންސިލް އިންތިހާބުން ރައްޔިތުން ބޭނުންވާ ގޮތް ވަރަށް ބޮޑަށް ސާފުވެއްޖެ ކަމަށެވެ. ރައްޔިތުން އެދެނީ ރައީސް ޔާމީނަށް އިއްވާފައިވާ ނުހައްގު ޖަލު ހުކުމް ބާތިލުކޮށް އެމަނިކުފާނު މިނިވަން ކުރުމަށް ކަމަށް ހުސައިން ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ ޕީޕީއެމްގެ ސަޕޯޓަރުން މަގުމައްޗަށް ނިކުންނާނެ ކަމަށާ އެކަމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ރޯދަ މަހުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން ގޭގައި ނުބަހައްޓައިފިނަމަ މަޑުން ނުތިބޭނެ ކަމަށް ހުސައިން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ނިކުންނާނަން ރޯދަ މަހުގެ ފުރަތަމަ ދުވަހު ރަައީސް ޔާމީން ގޭގައި ނުބަހައްޓައިފި ކަމުގައި ވަންޏާ. އަޅުގަނޑުމެން މަޑަކުން ނުތިބޭނަން. އެއީ ދިވެހި ރައްޔިތުންގެ އެދުންތައް ހުރިގޮތް މިވަނީ ސާފުވެފައި. ވަރަށް ބޮޑަށް ސާފުވެފައި. ބޭރު ދުނިޔެއަށްވެސް މިދިޔައީ. އެހެންވީމަ މި އަޑުއައްސަވާ،" މެންބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.
މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލުކޮށް ދިނުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަރިހުގައި ވަނީ އެދިވަޑައިގެންފައެވެ.
އިދިކޮޅު ކޯލިޝަނުން މިކަމަށް އެދިފައިވަނީ މިމަހުގެ ހަތްވަނަ ދުވަހު ރައީސް ސޯލިހާއެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އާއިލާގެ ފަރާތުން އެދިފައިވާ ކަމަށް ހޯމް މިނިސްޓްރީން މިިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ ބުނެފަ އެވެ. ރައީސް ޔާމީން ގެއަށް ބަދަލު ކޮށް ދިނުމަށް އެދި ހޯމް މިނިސްޓްރީއަށް ހުށަހަޅާފައިވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން ސިއްހީ އެއްވެސް އެހީތެރި ކަމަކަށް އެދިފައި ނުވާ ކަމަށް ރައީސް ސޯލިހު އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދި އިދިކޮޅު ކޯލިޝަނުން ވެސް ވަނީ މީގެ ކުރިން ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ބައްދަލުކުރައްވާފަ އެވެ.
ހޯމް މިނިސްޓަރު ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ޑޮކްޓަރުން ދެއްވާފައިވާ ޓެސްޓްތައް ރާއްޖެއިން ހެދެން ނެތުމުން ރާއްޖެއިން ބޭރަށް ވަޑައިގެން އެ ޓެސްޓްތައް ހެއްދެވުމަށް ދެންނެވި ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ބޭރަށް ވަޑައިގެންފައެއް ނުވެ އެވެ.
ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފޮނުވާލެއްވުމަށް ސަރުކާރާއި ރައީސް ސޯލިހް ޕްރެޝަރު ކުރައްވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލާގައި ހޯމް މިނިސްޓަރު އިމްރާން ކުރިން ވިދާޅުވީ ރައީސް ޔާމީންގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން ޑޮކްޓަރުން ދެއްވާފައިވާ ލިޔުމެއް އޮންނަ ކަމަށާއި އެ ލިޔުމުގައި ދެ ކަމަކަށް ލަފާ ދެއްވާފައިވާ ކަމަށެވެ. އެއީ ޓެސްޓެއް ހެއްދެވުމާއި އެ މަނިކުފާނު ސްޓްރެސް ފްރީ މާހައުލެއްގައި ބެހެއްޓެވުން ކަމަށެވެ. އެކަމަކު ޑޮކްޓަރު ލަފާ ދެެއްވާ ޓެސްޓަކީ ރާއްޖެއިން ހެދޭނެ ޓެސްޓެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އެ ޓެސްޓް ހެދުމާއި ގުޅޭގޮތުން ރައީސް ޔާމީނާ ބައްދަލުކުރައްވާ ވާހަކަ ދެއްކެވި ކަމަށެވެ. އަދި ޓެސްޓް ހެއްދެވުމަށް މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ރައީސް ޔާމީން ވަޑައިގަންނަވަން އެދިވަޑައިގަންނަވާ ކޮންމެ ގައުމަކަށް ވަޑައިގަތުމުގެ ފުރުސަތު އޮތް ވާހަކަ ވެސް އެމަނިކުފާނަށް ދެންނެވި ކަމަށެވެ. ނަމަވެސް ޓެސްޓް ހައްދަވަން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވި ކަމަށާއި އެދިވަޑައިގެންނެވީ ގޭ ބަންދަށް ބަދަލުވެވަޑައިގަތުމަށެވެ.
"އަޅުގަނޑު ދެންނެވިން ފުރަތަމަ ބައި ފުރިހަމަ ކުރައްވާފައި ނޫންތޯއޭ ދެވަނަ ބަޔަށް އަމަލު ކުރެވޭނީ،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
އިމްރާން އިތުރަށް ވިދާޅުވީ ފުރަތަމަ އޮތް ކަމަކީ ރާއްޖެއިން ބޭރަށް ވަޑައިގެން ޓެސްޓް ހެއްދެވުން ކަމަށެވެ. އަދި ސްޓްރެސް ފްރީ މާހައުލަކީ ކޮބައިކަަން ނިންމަން ޖެހެނީ އޭގެ ފަހުން ކަމަށެވެ. ރައީސް ޔާމީން ހުންނެވީ ޖަލެއްގައި ގާއިމް ކުރެވޭނެ އެންމެ ރަނގަޅު މާހައުލުގައި ކަމަށްވެސް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.