އުތުރު ތިލަ ފަޅު

އުތުރު ތިލަފަޅު އެއްބަސްވުން ސިއްރުކުރުން ދިފާއުކުރައްވައިފި

އިންޑިއާއާ ސަރުކާރާ އެކު ދާދި ފަހުން ރާއްޖެއިން ސޮއިކުރި އުތުރު ތިލަފަޅުގެ އެއްބަސްވުން ސިއްރުކޮށްފައި އޮތް އޮތުން ރައީސް އިބްރާހީމް ސޯލިހް އަނެއްކާ ވެސް ދިފާއު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މީގެކުރީގެ ސަރުކާރުތަކުން ވެސް އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށެވެ. ނަމަވެސް ކުރީގެ ސަރުކާރުތަކުންވެސް އެފަދަ ބައެއް މުހިއްމު އެއްބަސްވުންތައް ހާމަކޮށްފައި ނުވާ ކަމަށް ވިދާޅުވެ އުތުރު ތިލަަފަޅުގެ އެއްބަސްވުން ދިފާއު ކުރެއްވި އެވެ

އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަނުކުރާތީ އެކަމާ ގުޅޭގޮތުން މިއަދު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލޭފަދަ އެއްވެސް އެއްބަސްވުމެއްގައި މިސަރުކާރުން ސޮއިކޮށްފައި ނެތް ކަަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެފަދަ އެއްބަސްވުމެއް ނުހަދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި އުތުރު ތިލަފަޅު އެއްބަސްވުމަކީ ކުރީގެ ސަރުކާރުތަކުން ސޮއިކޮށްފައިވާ ފަދަ އެއްބަސްވުމެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

"މިގޮތަށް ކުރެވޭ އެއްބަސްވުންތައް ހުރިގޮތަށް މިއިން އެއްވެސް ސަރުކާރަކުން ނެތް ހާމަކޮށްފަ އެއް. އެހެންނަމަވެސް އޭގައި ހާމަކުރަން ޖެހޭ ކަންތައްތަައް އަޅުގަނޑުމެން މިދަނީ ހާމަކުރަމުން. ރައްޔިތުންގެ މަޖިލީހަށްވެސް އަދި މަޖިލީހުގެ 241 ކޮމިޓީއަށް ކަމަށްވިޔަސް ދޭން ޖެހޭ ހުރިހާ މައުލޫމާތުތަކެއް އަޅުގަނޑުމެން މިދަނީ ހިއްސާކުރަމުން" ރައީސް ވިދާޅުވި އެވެ.

އުތުރު ތިލަފަޅު އެއްބަސްވުމުގެ މައުލޫމާތު މަޖިލީހާ ހިއްސާކުރެއްވި ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެ އެއްބަސްވުމުގެ މައުލޫމާތު މިހާތަނަށްވެސް މަޖިލީހާ ހިއްސާކޮށްފައެއް ނުވެ އެވެ. އަދި ސަލާމަތީ ކަންތައްތަކާ ގުޅޭގޮތުން މަޖީލިހުގައި އޮންނަ 241 ކޮމިޓީއަށް އެ އެއްބަސްވުމުގެ މައުލޫމާތު ގެނެސް އެއްބަސްވުމުގެ މައުލޫމާތު ހާމަކުރުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަނީ ދެކޮޅުވެސް ހައްދަވަމުންނެވެ.

އިންޑިއާގެ ސަރުކާރުގެ އެހީގައި އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި، ބަނދަރެއް ހަދަން މިދިޔަ ފެބްރުއަރީ މަހު ސޮއި ކުރިއިރު އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ދިގު މުއްދަތަކަށް ރާއްޖޭގައި ތިބެވޭނެ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް ވާދަވެރި ސިޔާސީ ޕާޓީ ތަކުން ދަނީ ބުނަމުންނެވެ. އަދި އެ އެއްބަސްވުމާ ގުޅޭ ޑްރާފްޓްގެ ކޮޕީއެއް ކަމަށް ބުނާ ލިޔުމެއް ލީކް ކޮށްލައިފައިވާއިރު ސަރުކާރުން ބުނީ އެއީ ފޭކް ލިޔުމެއް ކަމަށެެވެ.