ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ޔާމީނަށް ދެރަ ގޮތެއް ނުވާނެ: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލުކޮށް ދިނުމަށް އެދި އާއިލާ އާއި އެމަނިކުފާނު ނިސްބަތްވާ ޕާޓީން އެދިފައިވާތީ އެކަމާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައެވެ.

ރައީސް ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދެއްވުމަށް އެދި މެޑަމް ފާތިމަތު އިބްރާހިމް ފޮނުއްވެވި ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާ އަދި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ބައްދަލު ކުރައްވާ އެކަމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބައްލަވަމުން ގެންދަވާ ކަަމަށެވެ.

"އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަކަށްވެސް ދެރަ ގޮތެއް ނުވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވީ ވަރަށް ރަނގަޅު މާހައުލެއްގައި ކަމަށެވެ. އަދި އެމަނިކުފާނަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކާއި ގުޅިގެން ރާއްޖެއިން ބޭރުން ޓެސްޓްތަކެއް ހެއްދެވުމަށް ލަފާ ދެއްވި ނަމަވެސް ބޭރަށް ވަޑައިގަތުމަށް ޔާމީން ދެކޮޅު ހައްދަވާ ކަމަށެވެ. ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގެންފައިވާ ސިއްހީ މައްސަލަތައް މެޑަމް ފާތިމަތު އިބްރާހިމް ފޮނުއްވެވި ސިޓީގައި ތަފްސީލު ކޮށްދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ލަސްތަކެއް ނުވެ އިރާދަކުރެއްވިއްޔާ އެކަމުގައި އަޅުގަނޑު ގޮތްތަކެއް ނިންމާނަން،"

ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އާއިލާގެ ފަރާތުން އެދިފައިވާ ކަމަށް ހޯމް މިނިސްޓްރީން މިިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ ބުނެފަ އެވެ. ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދި އިދިކޮޅު ކޯލިޝަނުން ވެސް ވަނީ މީގެ ކުރިން ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ބައްދަލުކުރައްވާފަ އެވެ.

ހޯމް މިނިސްޓަރު ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ޑޮކްޓަރުން ދެއްވާފައިވާ ޓެސްޓްތައް ރާއްޖެއިން ހެދެން ނެތުމުން ރާއްޖެއިން ބޭރަށް ވަޑައިގެން އެ ޓެސްޓްތައް ހެއްދެވުމަށް ދެންނެވި ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ބޭރަށް ވަޑައިގެންފައެއް ނުވެ އެވެ.

ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފޮނުވާލެއްވުމަށް ސަރުކާރާއި ރައީސް ސޯލިހް ޕްރެޝަރު ކުރައްވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލާގައި ހޯމް މިނިސްޓަރު އިމްރާން ކުރިން ވިދާޅުވީ ރައީސް ޔާމީންގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން ޑޮކްޓަރުން ދެއްވާފައިވާ ލިޔުމެއް އޮންނަ ކަމަށާއި އެ ލިޔުމުގައި ދެ ކަމަކަށް ލަފާ ދެއްވާފައިވާ ކަމަށެވެ. އެއީ ޓެސްޓެއް ހެއްދެވުމާއި އެ މަނިކުފާނު ސްޓްރެސް ފްރީ މާހައުލެއްގައި ބެހެއްޓެވުން ކަމަށެވެ. އެކަމަކު ޑޮކްޓަރު ލަފާ ދެެއްވާ ޓެސްޓަކީ ރާއްޖެއިން ހެދޭނެ ޓެސްޓެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެ ޓެސްޓް ހެދުމާއި ގުޅޭގޮތުން ރައީސް ޔާމީނާ ބައްދަލުކުރައްވާ ވާހަކަ ދެއްކެވި ކަމަށެވެ. އަދި ޓެސްޓް ހެއްދެވުމަށް މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ރައީސް ޔާމީން ވަޑައިގަންނަވަން އެދިވަޑައިގަންނަވާ ކޮންމެ ގައުމަކަށް ވަޑައިގަތުމުގެ ފުރުސަތު އޮތް ވާހަކަ ވެސް އެމަނިކުފާނަށް ދެންނެވި ކަމަށެވެ. ނަމަވެސް ޓެސްޓް ހައްދަވަން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވި ކަމަށާއި އެދިވަޑައިގެންނެވީ ގޭ ބަންދަށް ބަދަލުވެވަޑައިގަތުމަށެވެ.

"އަޅުގަނޑު ދެންނެވިން ފުރަތަމަ ބައި ފުރިހަމަ ކުރައްވާފައި ނޫންތޯއޭ ދެވަނަ ބަޔަށް އަމަލު ކުރެވޭނީ،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވީ ފުރަތަމަ އޮތް ކަމަކީ ރާއްޖެއިން ބޭރަށް ވަޑައިގެން ޓެސްޓް ހެއްދެވުން ކަމަށެވެ. އަދި ސްޓްރެސް ފްރީ މާހައުލަކީ ކޮބައިކަަން ނިންމަން ޖެހެނީ އޭގެ ފަހުން ކަމަށެވެ. ރައީސް ޔާމީން ހުންނެވީ ޖަލެއްގައި ގާއިމް ކުރެވޭނެ އެންމެ ރަނގަޅު މާހައުލުގައި ކަމަށްވެސް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.