ޖިންސީ ގޯނާގެ ތުހުމަތަށް މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބު ކުރުމުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ފަރާތުން ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލި މުހައްމަދު އަހްމަދު ހައްޔަރު ކޮށްފައި ވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގަ އެވެ. އޭނާއަކީ މީގެ ކުރިން ވެސް އެފަދަ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ މީހެކެވެ.
އެކަމަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެފަދަ ތުހުމަތުތަކެއް އޮތް މީހަކު އިންތިހާބު ކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެފަދަ މީހުންނަށް އިންތިހާބުތަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބެނީ ގާނޫނު މިހާރު އޮތް ގޮތުން ކަމަށާ އެހެން ކަމުން އެފަދަ ތުހުމަތު ކުރެވޭ މީހުންނަށް އިންތިހާބުތަކުގައި ވާދަ ނުކުރެވޭ ގޮތްތަކެއް ހެދުމަކީ ބުއްދިވެރި ކަމެއް ކަމަށެވެ.
"އެކަހަލަ ތުހުމަތެއްގައި ބަންދުވެފައި ހުރި ފަރާތެއް ރަށު ކައުންސިލެއްގެ ރައީސް ކަމަށް ރައްޔިތުން އިންތިހާބު ކޮށްފައި މި އޮތީ. ދެން އަޅުގަނޑު ހިތުން ގާނޫނުގައި ހުރި ކަންތައްތަކެއްގެ ސަބަބުން އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި ލިބެނީ. އެހެންވީމަ ކުރެވެން އޮތް ކަންތައްތަކަކީ ކޮބައިތޯ ބަލާ އެފަދަ ފަރާތްތަކަށް ކުރިމަތި ނުލެވޭނެ ގޮތެއް ހެދުން އެންމެ ބުއްދިވެރީ. އެހެންވީމަ އެ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ ކަންތައްތައް އަޅުގަނޑުމެން ބަލާނަން،" ރައީސް ވިދާޅުވި އެވެ.
މުހައްމަދު އަހްމަދުގެ މައްސަލަ ފެންމަތިވެފައި ވަނީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކޮށް ކެމްޕޭން ވެސް ކުރަމުން ދަނިކޮށެވެ. އެކަމާއި ގުޅިގެން އެ މައްސަލަ ބަލާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާއަށް ފަހު ޕީޕީއެމް އާއި ޕީއެންސީ ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެއީ ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށް ވެސް ބެލެވިދާނެ ކަމަށެވެ.
"އެބޭފުޅާ ހައްޔަރު ކޮށްފައި ވަނީ ތުހުމަތެއްގައި. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ. އެއީ ގައްދޫ ކައުންސިލް ރައީސްގެ ގޮނޑި އެބޭފުޅާ ކާމިޔާބުކޮ ށްފާނެތީ ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށް މައުލޫމާތު ލިބެނީ. އެއަށް ބާރުލިބޭ ކަމަކީ ގައްދޫ ރައްޔިތުން އެވަނީ އެބޭފުޅާ އިންތިހާބު ކޮށްފައި." އަދުރޭ ވިދާޅުވި އެވެ.