ހީނާ ވަލީދު

ސަރުކާރުން އަންނަނީ ވޯޓަށް ނުފޫޒު ފޯރުވަމުން: ހީނާ

ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ހީނާ ވިދާޅުވީ ސަރުކާރުން އިންތިހާބުގެ ނަތީޖާތަކަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށާއި ނަތީޖާ ބަދަލުކޮށް މިހާރު ކުރި ހޯއްދަވާފައިވާ ޕީޕީއެމްގެ މެމްބަރުން "ކަޓުވާލަން" މަސައްކަތް ކުރަމުން އަންނަ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ވަކިވަކި ފޮށިތަކުގެ ނަތީޖާތައް ބަދަލުކުރުމަށް މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ އަތޮޅު ކައުންސިލްތަކުގެ ނަތީޖާތައް ބަދަލުކުރުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތާއެކު އެކަމުގެ ކަންބޮޑުވުން އޮތްއިރު އިލެކްޝަންސް ކޮމިޝަނަށް ވެސް ސަރުކާރުން ނުފޫޒު އެބައޮތް ކަަމަށެވެ.

ވޯޓާ ގުޅިގެން ކޯޓަށް މައްސަލައެއް ހުށަހަޅަން ޖެހިއްޖެ ނަމަ އެކަމަށް ކޯލިޝަން އޮތީ ތައްޔާރު ވެގެން ކަމަށްވެސް ވިދާޅުވިއެވެ.

"އެއް ވޯޓު ދެ ވޯޓު ނުވަތަ ފަސް ވޯޓުގެ ނަތީޖާއިން އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ކާމިޔާބުވެފަ ހުރި ފޮށިތައް ނުވަތަ އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ކާމިޔާބު ލިބިފައި ހުރި ފޮށިތަކަށް ވެސް ނުފޫޒު ފޯރުވަމުން އެބަ ދޭ." ހީނާ ވިދާޅުވި އެވެ.

މި މައްސަލަތައް ބަލަމުން އަންނައިރު ބާތިލް ވޯޓުތައް ވެސް އާދަޔާ ހިލާފަށް ގިނަވެފައި ވާތީ އެ ވޯޓުތަކަކީ ސައްހަ ވޯޓުތޯ ނުވަނަ ނޫންތޯ ބެލުމަށް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނަށް މިހާރު ހުށަހަޅައިފައި ވާނެ ކަމަށް ވިދާޅުވި އެވެ. ބައެއް ފޮށިތަކުގައި 500 ބާތިލު ވޯޓު އަދި 1000 ބާތިލް ވޯޓު ހުރި ކަމަށް ހީނާ ވިދާޅުވިއެވެ.

މީގެއިތުރުން މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބު ހޯދީ އެމްޑީޕީ އިން ކަމަށް ރައީސް ސޯލިހު ވިދާޅުވެފައި ވާތީ އެކަމަށް ވެސް ރައްދު ދެއްވި އެވެ. އެގޮތުން އެމްޑީޕީ އަށް ކާމިޔާބު ނުލިބޭ ކަމަށާއި އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރީ ޕީޕީއެމް އިން ކަމަށް ހީނާ ވިދާޅުވި އެވެ.