ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ހޮވިއްޖެ އެވެ.
ޕީޕީއެމްގެ ފަރާތުން ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލި މުހައްމަދު އަހްމަދު ހައްޔަރުކޮށްފައިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގަ އެވެ. އޭނާ އަކީ މީގެ ކުރިން ވެސް އެފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެކެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ޕީޕީއެމް / ޕީއެންސީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ގައްދޫ ކައުންސިލްގެ ރައީސްއާ ގުޅޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަން އެނގިފައިވާ ކަމަށެވެ.
މުހައްމަދު އަހްމަދުގެ މައްސަލަ ފެންމަތިވެފައިވަނީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކޮށް ކެމްޕޭނުވެސް ކުރަމުން ދަނިކޮށްކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ އެއީ ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށްވެސް ބެލެވިދާނެ ކަމަށެވެ.
"އެބޭފުޅާ ހައްޔަރުކޮށްފައި ވަނީ ތުހުމަތެއްގައި. އެމައްސަލަ ތަހުގީގު ކުރަމުން އަންނަނީ. އެއީ ގައްދޫ ކައުންސިލް ރައީސްގެ ގޮނޑި އެބޭފުޅާ ކާމިޔާބުކޮށްފާނެތީ ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށް މައުލޫމާތު ލިބެނީ. އެޔަށް ބާރުލިބޭ ކަމަކީ ގައްދޫ ރައްޔިތުން އެވަނީ އެބޭފުޅާ އިންތިހާބު ކޮށްފަ." އަދުރޭ ވިދާޅުވި އެވެ.
އަދުރޭ އިތުރަށް ވިދާޅުވީ މުހައްމަދު އަހްމަދުގެ މައްޗަށް ކުށް ސާބިތު ވެއްޖެ ނަމަ ޕާޓީގެ އުސޫލުތަކާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.