ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުރީގެ ސަރުކާރުން ގުޅިފަޅުން މީހުން ބޭލީ ގަދަކަމުން: ރައީސް

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ދުވަސްވަރު ގުޅިފަޅުގައި އަޅާފައިވާ ފްލެޓްތަކުގައި ބަޔަކު ދިރިއުޅެމުން ދަނިކޮށް ގަދަކަމުން އެ މީހުން އެތަނުން ބޭލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ރައީސް މިހެން ވިދާޅުވި ނަމަވެސް ގުޅިފަޅުގައި ހަދާފައިވާ ފްލެޓްތަކުގައި އެ ފްލެޓްތައް ލިބުނު މީހުން އެއްވެސް އިރަކު ދިރިއުޅެފައެއް ނުވެ އެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވޭނީ މާލެއާއި ދާދި ކައިރީގައިވާ ގުޅިފަޅަކީ މީހުން ދިރިއުޅެން ހާއްސަ ރަށެއްގެ ގޮތުގައި ހަމަޖައްސައިގެން ކަމަށް މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެފައިވާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ. މާލޭގެ ގިނަ ރައްޔިތުން އެކަމަށް އެދޭތީ އެކަމުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމުގައިވެސް މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެކަމަކު މިސަރުކާރުން ނިންމާފައިވަނީ ގުޅިފަޅުގައި ބައިނަލްއަގްވާމީ ފެންވަރުގެ ވިޔަފާރި ބަނދަރެއް ތަރައްގީކޮށް އެތަނުން ކޮންމެވެސް ވަރަކަށް ގޯތި ދޫކުރުމަށެވެ.

ޑރ. މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ގުޅިފަޅަކީ މީހުން ދިރިއުޅޭ ރަށަކަށް ހާއްސަ ކުރެވިދާނެތޯ އަވަސް އިން މިއަދު ސުވާލުކުރުުމުން ރައީސް ސޯލިހް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޑރ. މުއިއްޒު މަސައްކަތް ކުރެއްވިއިރު ގުޅިފަޅުގައި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ހިންގުމުގެ ވިސްނުފުޅެއް ނެތް ކަމަށެވެ. އެކަމަކު މިހާރު ގުޅިފަޅާ ގުޅޭގޮތުން މުއިއްޒު ދައްކަވަމުން ގެންދަވާ ވާހަކަތައް ޖެހޭނީ އިތުރަށް އޮޅުންފިލުއްވަން ކަމުގައިވެސް ވިދާޅުވި އެވެ.

"ޑރ. މުއިއްޒުމެން ސަރުކާރުގައި ތިއްބެވިއިރުގައި އޭގެ ކުރިން ގުޅިފަޅުގައި ދީފައި ހުރި ފްލެޓްތަކާއި ގޯތިތަކުން މީހުން ނެރުނު ރައީސް ޔާމީންގެ ވެރިކަމުގައި. ގަދަކަމުން ބޭލީ އެތަނަށް ފުލުހުން ފޮނުވައިގެން. ނުފައިބައި ތިއްބާ. ބާލައި އެތަނުން ބަދަލު ދިނީ ހުޅުމާލެއިންނާއި ތަންތަނުން. އަދިވެސް އެބަތިބި އޭގައި ބަދަލު ނުދެވޭ ފަރާތްތަކެއް. އެހެންވީމާ މުއިއްޒު އެ ދެއްކެވި ވާހަކަ ޖެހޭނީ އަލުން ދެނެގަންނަން. އެއީ އަސްލު އެވިދާޅުވީ ކޮން އެއްޗެއްތޯ އަޅުގަނޑަށް. ހަމަގައިމުވެސް އޭރު މުއިއްޒުމެންގެ ވިސްނުމަކު ނެތް އެ ސަރުކާރުގެ ވިސްނުމަކު ނެތް ގުޅިފަޅުގައި މީހުން ދިރިއުޅެން އެތަން ތައްޔާރު ކުރާ ކަށެއް،" ރައީސް ވިދާޅުވި އެވެ.

މިސަރުކާރުން ވަނީ ގުޅިފަޅުން 600 އަކަފޫޓުގެ 1،200 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށް މިމަހުގެ ތެރޭގައި އިއުލާންކޮށްފަ އެވެ. ނަމަވެސް އެ ގޯތި ދޫކުރާނެ ވަކި ތާރީހެއް އިއުލާން ކޮށްފައެއް ނުވެ އެވެ.