ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

6،500 އަށް ވުރެ ގިނަ ގޯތި ރަޖިސްޓްރީ ދޫކުރެވިއްޖެ: ރައީސް

މާލެއަށް ކުރިމަތިވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ތެރެއިން 6،500 އަށް ވުރެ ގިނަ ގޯތީގެ ފަތް ހައްގުވެރިންނާ ހަވާލުކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހް މިއަދު ދިވެހި ގައުމާ މުހަތާބު ކުރައްވާ ވިދާޅުވީ މާލެއާއި ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވެފައި އޮތް ބޯހިޔާވަހިކަމުގެ ތަކުލީފަށް ހައްލު ހޯދުމަށް މި ފަސް އަހަރު އިސްކަންދިން އެއްކަމަކީ، ރަށްރަށުގެ ބިން އިތުރުކުރުން ކަމަށެވެ.

"މިގޮތުން ހުޅުމާލެ ފޭސް 3 އާއި، ގުޅީފަޅާއި ގިރާވަރު ފަޅު އަދި އުތުރުތިލަ ފަޅަކީ މާލެއަށް އޮތް ހައްލު. މިކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ ގޮތުން، މާލޭ ރައްޔިތުންނަށް ދޫކުރާ ޖުމްލަ 9031 ގޯތީގެ ތެރެއިން 6500 އަށް ވުރެ ގިނަ ގޯތީގެ ފަތް ހައްގުވެރިންނާ ހަވާލުކުރެވިއްޖެ،" ރައީސް ވިދާޅުވި އެވެ.

މިސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ ބިންވެރިޔާ ޕްރޮގްރާމުގައި ހިމެނެނީ ދެ ބައެކެވެ. އެއީ ގޯތި ދިނުމަށް ކުރިއަށް ބިންވެރިޔާ ސްކީމާއި ފްލެޓް ދިނުމަށް ކުރިއަށް ގެދޮރުވެރިޔާ ސްކީމެވެ.

މިސަރުކާރުގައި ފްލެޓް ދިނުމަށް މާލެ ސަރަހައްދުގައި ފްލެޓް އެޅުމަށް ކުރިއަށްދާ މަސައްކަތްތަކުގައި އެކި މަރުހަލާގައިވާ ފްލެޓްތަކުގެ ނަންބަރެއްވެސް ރައީސް މިއަދު ހިއްސާކުރެއްވި އެވެ. އެގޮތުން 7،700 ފްލެޓްގެ މަސައްކަތް މާލެ ސަރަހައްދުގައި ކުރިއަށްދާ ކަމުގައި ވިދާޅުވި އެވެ.

އަތޮޅު ތެރޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ އަތޮޅުތެރޭގައި އޮތް ބޯހިޔާވަހިކަމުގެ ބުރައަށް ލުޔެއް ހޯދުމުގެ ގޮތުން، ފާއިތުވީ ފަސް އަހަރު 2،732 ހައުސިން ޔުނިޓް، އެކި މަރުހަލާތަކުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މާލޭ ރައްޔިތުންނަށް ދޫކުރާ ގޯތި ތަކުގެ ރަޖިސްޓްރީ ހަވާލުކުރުން މާބޮޑު މައްސަލަތަކެއް ކުރިމަތި ނުވެ ކުރިއަށް ދިޔަ ނަމަވެސް ފްލެޓްތަކުގެ މައްސަލަ ބޮޑުވެ ފްލެޓް ހަވާލުކުރުން އޭސީސީ އިން ވަނީ ހުއްޓުވާފަ އެވެ. އޭސީސީ އިން އަންގާފައިވަނީ ހުޅުމާލެ އިން ފުރަތަމަ ދޫކުރާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ހުށަހެޅޭ ޝަކުވާތައް ބަލައި ހައްލު ހޯދާފައި ނޫނީ ފްލެޓް ހަވާލުނުކުރުމަށެވެ. އެހެންވެ އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތު ރޭގެ ނިޔަލަށް ހަމަވިއިރު 7،400 އަށް ވުރެ ގިނަ ޝަކުވާ ވަނީ ހުށަަހަޅާފަ އެވެ.