ރޯދަ މަސް އުނގަންނައިދޭ އެންމެ މަތިވެރި ފިލާވަޅަކީ ދަތިކަމާއި ނިކަމެތިކަމުގައި ދިރިއުޅޭ އެހެން އިންސާނުންގެ ހާލަތު އިހްސާސްކޮށް، އަނެކުންނަށް އެހީތެރިވެ އޯގާތެރިވުމުގެ ރޫހު އަށަގެންނެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ރޯދަ މަސް ފެށުމުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވެވި ތަހުނިޔާގެ ހިތޯބުގަ އެވެ.
ރައީސްގެ ހިތޯބުގައި ވަނީ ދިވެހި އެންމެހައި ރައްޔިތުންނަށް ރޯދަ މަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި، އިސްލާމީ އުންމަތުގެ އެންމެހައި އަޚުންނާއި އުޚުތުންނަށްވެސް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފަ އެވެ.
ދުނިޔޭގެ މިހާރުގެ ހާލަތަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހްބ ވިދާޅުވީ މިވަގުތަކީ މުޅި ދުނިޔެ، އެއް ގައުމު އަނެއް ގައުމަށް އެހީތެރިވެ އެއްބާރުލުމުގެ ރިވެތި ނަމޫނާއެއް ދައްކަމުން އަންނަ ދުވަސްވަރެއް ކަމަށެވެ. މިފަދަ ދުވަސްވަރަކާއި، މިއަހަރުގެ ރޯދަ މަސް ދިމާވެގެން އައުމީ ރާއްޖެ ފަދަ އިސްލާމީ މުޖުތަމައަކަށް ނުހަނު ގިނަ ކަންކަން ހަނދާންކޮށްދީ އެތައް އިބްރަތްތަކެއް ލިބިދޭނެ ކަމެއް ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ހުރިހާ ކަމަކަށް ބުރޫ އަރައި، އިގްތިސޯދަށް ލޮޅުން އަރައި، ފަރުދުންގެ ފުދުންތެރިކަން ދަށްވެފައިވާ ކަމަށެވެ. ނަމަވެސް ދިވެހިންގެ އީމާންތެރިކަމާއި އިސްލާމީ އެއްބަނޑުއެއްބަފާކަމުގެ ވަރުގަދަ ގުޅުމުގެ ސަބަބުން، މިބަލިމަޑުކަމުގެ ތެރޭގައިވެސް ދިވެހިންގެ ހިތްތަކުގެ ގުޅުން އިތުރަށް ވަރުގަދަވެ، އެކަކު އަނެކަކަށް އެހީތެރިވުމާއި އެއްބާރުލުމުގެ ރޫހު އިތުރަށް އާލާވެފައިވާ ކަމަށެވެ.
ރައީސްގެ ހިތޯބުގައި އެމަނިކުފާނު ވަނީ ރޯދަ މަހުގެ މަންފާ އެންމެ ހެޔޮ ގޮތުގައި ހާސިލުކުރުމަށްޓަކައި، ރޯދައިގެ އަޅުކަން ފުރިހަމަކޮށް، ގިނަގިނައިން ޤުރުއާން ކިޔަވައި، ރޭއަޅުކަންކޮށް، ސޮދަގާތް ދީ، މީސްތަކުންނަށް ހެޔޮ ފޯރުވައި އުޅުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ވެސް ކުރައްވާފަ އެވެ.