ރޯދަމަހުގެ ކޮންމެ ދުވަހަކުވެސް، ރޯދަވީއްލުމުގެ ކުރިން ރޭޑިޔޯ އާއި ޓީވީން އިން އަޅުގަނޑުމެން އަޑުއާ އާޔަތެއް އޮވެއެވެ. އެއީ ﴿شَهۡرُ رَمَضَانَ ٱلَّذِیۤ أُنزِلَ فِیهِ ٱلۡقُرۡءَانُ هُدࣰى لِّلنَّاسِ وَبَیِّنَـٰتࣲ مِّنَ ٱلۡهُدَىٰ وَٱلۡفُرۡقَانِۚ ﴾ (البقرة ١٨٥) މާނައީ: "ރަމަޟާންމަހަކީ އެ މަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވުނު މައްސަރެވެ. އެ ޤުރްއާން ބަވައިލެއްވުނީ މީސްތަކުންނަށްހުރި ތެދުމަގެއް ކަމުގައްޔާއި ޙައްޤާއި ބާޠިލުވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ."
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ، މިއާޔަތުގައި ރޯދަމަހާ ބެހޭ މުހިންމު ޙުކުމްތަކެއް ބަޔާން ކުރައްވާފައެވެ. އޭގެ ތެރޭގައި، ރަމަޟާންމަހަކީ ކީރިތި ޤުރްއާން ބާވައިލެއްވުނު މައްސަރު ކަމުގައިވަނީ އަންގަވާފައެވެ. އަދި ރަމަޟާންމަހާ ބައްދުލުވެ، ހެޔޮ ޙާލުގައި ދުނިޔޭގައި ހުރެއްޖެ މީހަކު އެމަހުގައި ރޯދަހިފުމަށްވެސްވަނީ އަންގަވާފައެވެ. މިދެ ސަބަބަށްޓަކައި ރޯދަމަހަކީ ވަރަށް ޚާއްޞަ މަހަކެވެ.
އިސްވެދިޔަ އާޔަތުގެ ތަފްސީރާމެދު ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަތަކުގެ ތެރޭގައި ރަމަޟާންމަހަށް އެނަން ދެވުނު ސަބަބުވެސް ވަނީ ބަޔާންކުރައްވާފައެވެ. މި ނަން ނެގިފައިވަނީ رمض الصائم އިންނެވެ. މާނައަކީ ގަދައަށް ކަރު ހިތްކައިގަތުމުން ކަރުތެރޭގައި ހުންނަ ހޫނަކުމުގެ އަސަރެވެ. އެހެނީ رمضاء އަކީ ގަދަ ހޫނެވެ. މި ބަސް ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘެއްގައި ވާރިދުވެފައިވެއެވެ.
އައްވާބީން ނަމާދު، ނުވަތަ ޟުޙާ ނަމާދާ ބެހޭގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "صَلَاةُ اَلْأَوَّابِينَ حِينَ تَرْمَضُ اَلْفِصَالُ" رواه مسلم މާނައީ: "އައްވާބީން ނަމާދުގެ ވަގުތަކީ ޅަ ޖަމަލަށް ބިންގަނޑުގެ ހޫނުކަން އިހުސާސް ކުރެވިގަންނަ ވަގުތެވެ." އެސޮރުމެން ބަނޑުޖަހިއިގެން ތިބެފައި، ހެނދުނުގެ އިރު އަރައިގެން އައިސް ބިންގަނޑު ހޫނުވެގަތުމުން، އެހޫނުކަން އިހުސާސްވެގެން ތެދުވެގަންނަ ވަގުތެވެ. ނުވަތަ އެސޮރުމެންގެ ފައިކޮޅަށް ގަދަ ހޫނުކަން އިހުސާސްވެގެން ބަނޑުޖަހާގަންނަ ވަގުތެވެ.
އެހެން ޢިބާރާތަކުން ދަންނަވާނަމަ ހެނދުނުގެ ހޫނުކަން އެންމެ ގަދަވާ ވަގުތަކީ ޟުޙާނަމާދު ކުރުން އެންމެ މޮޅު އިތުރުވެގެންވާ ވަގުތެވެ. މި ޙަދީޘްގައި މިވާ އައްވާބީން ނަމާދަކީ އެއީ ހަމަ ޟުޙާ ނަމާދެވެ. ޟޫޙާ ނަމާދުގެ ވަގުތު ފެށެނީ ލޮންސިއެއްގެ މިންވަރަށް އިރު އެރުމުންނެވެ. އަދި ނިމޭ ވަގުތަކީ މެންދުރު ނަމާދުގެ ކުޑަ ހިނދުކޮޅެއް ކުރީންނެވެ. އަދި އެނަމާދުކުރުން އެންމެ މޮޅުއިތުރުވެގެންވަނީ ހެނދުނުގެ އަވިއަރައިގަނެ ހޫނު އެންމެ ގަދަވެގަންނަ ވަގުތުގައެވެ.
އަލްޖައުހަރީ رحمه الله ވިދާޅުވެފައިވެއެވެ. މައްސަރުތަކުގެ ނަންތައް ގަދީމީ ބަސްތަކުން ނަކަލުވެގެން އައިރު، ޒަމާންތަކަށް ނުވަތަ އެކި ވަގުތަށް ނަންދީފައިވަނީ އެވަގުތާ ގުޅޭ ގޮތްގޮތުންނެވެ. އެހެންކަމުން، ރަމަޟާންމަހުގެ ވަގުތަ ހޫނު މޫސުމާ ދިމާވެފައިވާތީ އެމަހަށް رمضان އޭ ނަންދެވުނީއެވެ. އަދި ބުނެވެއެވެ. އެ މައްސަރަށް ރަމަޟާން އޭ ނަން ދެވުނީ، އެ މައްސަރަކީ ފާފަ ފުއްސަވައިދެއްވާ މައްސަރެއް ކަމުގައިވާތީއެވެ. ހެޔޮ ޢަމަލުތަކުގެ ސަބަބުން ފާފަތައް އަނދައި ހުލިވެގެން ދާތީއެވެ.
މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. "مَنْ صَامَ رَمَضَانَ إيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ" متفق عليه މާނައީ: "އީމާންކަމަންމަތީ ހުރެ، ޘަވާބަށް އެދިހުރެ، ރަމަޟާންމަހުގެ ރޯދަ ހިފައިފި މީހާގެ އިސްވެދިޔަ ފާފަތައް ފުއްސެއްވޭނެތެވެ."
އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. "مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ" رواه مسلم މާނައީ: "އީމާންކަންމަތީހުރެ، ދަރުމަޔާއި ސަވާބަށް އެދިހުރެ ރަމަޟާންމަހުގެ ރޭ އަޅުކަން ކޮށްފި މީހާގެ އިސްވެދިޔަ ފާފަތައް ފުއްސެވޭނެތެވެ."
ރަމަޟާންމަހަކީ އަޅުކަމާއި، ފާފަ ފުއްސެވުމުގެ މައްސަރެވެ. އެ މައްސަރުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މައްސަރެވެ. މި މާތް މައްސަރުގައި ހެޔޮ ޢަމަލުކުރުން ގިނަ ކުރާށެވެ