ދުނިޔެ

"ސުލްހަވެރި މުޒާހަރާއަކާ މެދު ކަންބޮޑުވުމެއް ނެތް"

އެމެރިކާގެ ފުލުހުން ކަޅު ނަސްލުގެ މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ. މިކަމާ ގުޅިގެން މިނިއާޕޮލިސްގެ މަގުތަކަށް އާންމުން ނިކުމެ އަޑުގަދަކޮށް ވަނީ އިމާރާތްތަކަށާއި މުދަލަށް ގެއްލުންދީފަ އެވެ.

ފުލުހުން މިފަހަރު މަރާލާފައި ވަނީ ޑޯންޓޭ ރައިޓް ނަމަކަށް ކިޔާ 20 އަހަރުގެ ޒުވާނެކެވެ. އޭނާ ގަޔަށް ބަޑިޖަހާފައި ވަނީ މިދިއަ އަހަރު މޭމަހު ފުލުހުން މަރާލި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް 46 އަށް އަނިޔާކުރި ސަރަހައްދުގަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ނޫސްވެރިނާ ބައްދަލުކުރައްވައި އާންމުން ހިމޭންވުމަށް ވަނީ އެދިވަޑައިގެންފަ އެވެ. ބައިޑަން ވިދާޅުވީ ސުލްހަވެރި މުޒާހަރާއަކާ މެދު ކަންބޮޑުވުމެއް ނެތް ކަމަށާއި ވަކި ނަސްލަކަށް ވާތީ އަނިޔާކުރުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ.

ބައިޑަން ވިދާޅުވީ ލޯބިވާ މީހަކު ގެއްލުމަކީ ވޭންހުރި ކަމެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އެކަމަކު ވެސް މާބޮޑަށް ރުޅިއިސްކޮށް ކުރެވޭ ކަމެއްގެ ސަބަބުން ދެން ވެސް ލިބޭނީ ގެއްލުން ކަމަށެވެ.

ޑޯންޓޭ ރައިޓްގެ މަރާ ގުޅިގެން ފުލުން މިހާރު ބުނަނީ ބަޑިޖެހުނީ އޮޅިގެން ކަމަށެވެ. އެހެން ނަމަވެސް، ބޮޑީ ކެމެރާއިން ފެންނަ މަންޒަރުތަކާ ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު ބަޑިނުޖަހައި ޑޯންޓޭ ކޮންޓްރޯލްކުރެވެން އޮތެވެ. ފުލުންނަކީ ހާލަތާ ގުޅޭ ގޮތުން ހަތިޔާރު ބޭނުންކުރެވޭ ބައެއް ނަމަވެސް ހަތިޔާރު ނެތް އާންމުންނަށް ހަތިޔާރުން ހަމަލާދިނުމަކީ ޕްރޮފެޝަނަލް ތަމްރީންތަކާ ޚިލާފު އަމަލެކެވެ.

އެމެރިކާގައި ކަޅު ނަސްލުގެ މީހުންނަށް އަނިޔާކުރުން ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ. އަނެއްކޮޅުން ކަޅު ނަސްލުގެ މީހެއްގެ ފަރާތުން ފުލުހަކަށް ލިބިދާނެ އަނިޔާއަކުން ރައްކާތެރިވުމަށް އަސްލު އުންޑަ ނޫން ވަސީލަތްތައް ވެސް ފުޅުހުންނަށް ބޭނުންކުރެވެން ހުރެ އެވެ. މިސާލަކަށް ކަރުނަ ގޭހާއި ޓޭޒާ ބަޑި އެވެ.

ފުލުން ބުނީ ޑޯންޓޭއާ ސުވާލުކުރަން ޖެހުނީ ޓްރެފިކް ގަވާއިދާ ޚިލާފުުވުމުން ކަމަށެވެ. އެކަމަކު މިހެން ދިމާވާ ކުދިކުދި ހަމަނުޖެހުންތައް އުނޑައިން ހައްލުކުރަން ޖެހިއްޖެ ނަމަ މަސްހަލަތު ގެއްލުވާލާ ބަޔަކަށް ވާނީ ފުލުހުންނެވެ. އެލޭބަލް އަޅުވަންޖެހޭނީ ފުލުހުންގެ ގައިގަ އެވެ. މިނިއާޕޮލިސްގެ މަގުތަކުގައި އާންމުން އެކުރަނީ އެމަސައްކަތެވެ.