ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާފާންނު އުތުރު ދާއިރާ އެމްޑީޕީއަށް ގެއްލުނީ ދަފްތަރުގައި ހިމެނޭ ބަޔަކު ވޯޓުލުމާ ގުޅިގެން ކަމަށް އެ ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުގެ ގޮނޑިއާއެކު އެހެން ގިނަ ގޮނޑިތައް ވެސް އެމްޑީޕީއަށް ވަނީ ގެއްލިފަ އެވެ. އިމްތިޔާޒް ނިސްބަތްވާ ދާއިރާގެ މާލޭ ސިޓީ ކައުންސިލްގެ ގޮނޑި މިފަހަރު ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެވެ.
އެ ގޮނޑި ގެއްލުނު ސަބަބެއްގެ ގޮތުގައި އިމްތިޔާޒް ނެންގެވީ އިންތިހާބާ ދިމާކޮށް ދަފުތަރަށް އައި ބަދަލެވެ. އެގޮތުން މާފަންނު އުތުރު ދާއިރާއަށް ދަފުތަރުން ވޯޓުލީ ފަރާތްތަކަކީ އެ ދާއިރާ ހިމެނޭ ހިސާބުތަކުގައި ދިރި ނޫޅޭ ފަރާތްތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެހެން ނަމަވެސް ދާއިރާގައި ވޯޓު މި ޑިސައިޑްކުރީ އެ ބޭފުޅުން. އެހެންވީމާ މިއީ ވިސްނަން ޖެހޭ ކަމެއްގެ ގޮތުގައި ދޭކޭތީވެ އަޅުގަނޑުމެން ފާހަގަ ކޮށްލަން. އިންތިހާބުތަކާއި ދަފުތަރާމެދުގައި އަޅުގަނޑުމެން ވިސްނާލަން އެބަ ޖެހޭ. ކީއްވެގެންތޯ ސަރަހައްދުގައި ދާއިރާގެ ތެރޭގައި ނޫޅޭ ބަޔަކު ކުއްލިއަކަށް ވަކި އިންތިހާބަކަށް އައިސް އެ ވޯޓު ޑިސައިޑް ކުރުމުގެ ފުރުސަތު އެ ލިބެނީ ކިހިނެއްތޯ. އެއީ ވިސްނާލަން ޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން. މި ދަފުތަރު އަޅުގަނޑުމެންގެ ދާއިރާގައި ވޯޓު މިފަހަރު ޑިސައިޑްކޮށްފައި ވަނީ." އިމްތިޔާޒް ވިދާޅުވި އެވެ.