ދީން

ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ!

ރަމަޟާން މަސް އަންނަނީ ހިތްތައް ސާފުކޮށްލަދޭށެވެ. ނަފްސުތައް ތާޒާކޮށްލަދޭށެވެ. އަޅުކަމުގެ ރޫޙު އާލާކޮށްލަދޭށެވެ. ފާފަތަކުން ތާހިރުކޮށްދޭށެވެ. ދަރަޖަތައް އުފުލައިދޭށެވެ. ފާފަތައް ފުހެދީ ނަރަކައިން މުއްތިކޮށްދޭށެވެ. މިއީ ހައްތަހާވެސް ރަމަޟާންމަހުގެ މާތްކަމާ ބެހޭގޮތުން ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅުތަކުން އެނގި ސާބިތުވެފައިވާ ކަންކަމެވެ. ރަމަޟާންމަހަކީ ނަފްސުގެ އަޒުމު ވަރުގަދަކޮށްދޭ މައްސަރެވެ. ހަވާނަފްސުގެ އެދުންތަކުގެ މައްޗަށް ގަދަކަންދޭ މައްސަރެވެ. ޝަހުވަތްތަކުގެ މައްޗަށް ތިމާގެ ބާރުހިނގާކަމާއި އެކަންކަން ކޮންޓްރޯލްކުރެވިދާނޭކަން އަންގައިދޭ މައްސަރެވެ.

މި މާތް މައްސަރުގެ ދުވަސްތަކާއި ރޭތައް އަޅުގަނޑުމެންނާ ބައްދަލުކޮށްފައިވާހިނދު، އެ ވަގުތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހީވެސް ނުކުރާހާ އަވަހަށް މި މައްސަރު ފާއިތުވެގެން ހިނގައިދާނެއެވެ. ދުވަސްތައް ހަފްތާތަކަށް ބަދަލުވެ، ހަފްތާތައް މަސްތަކަށް ބަދަލުވެ، މަސްތައް އަހަރުތަކަށްވެ، ފާއިތެގެންދަނީ އެހާވެސް އަވަސްކަމާއެކުގައެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ أَلَمْ تَرَ أَنَّ اللَّهَ يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي إِلَى أَجَلٍ مُّسَمًّى وَأَنَّ اللَّهَ بِمَا تَعْمَلُونَ خَبِيرٌ ﴾ (لقمان 29) މާނައީ: "ހަމަކަށަވަރުން، ދުވާލުގެ ތެރެޔަށް ރޭގަނޑު ވައްދަވައި އަދި ރޭގަނޑުގެ ތެރެޔަށް ދުވާލު ވައްދަވައި އަދި އިރާއި ހަނދު، ޚިދުމަތްތެރި ކުރެއްވީ، ﷲކަން ތިބާޔަކަށް ނޭނގޭހެއްޔެވެ؟ (އެއިން) ކޮންމެ އެއްޗެއް ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. އަދި ހަމަކަށަވަރުން، ﷲއީ، ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

ވީމާ، ރަމަޟާންމަހާ ބައްދަލުވާ މީހަކަށް ލިބޭ މި ބޮޑު ނިޢްމަތް ހަނދުމަކުރާށެވެ. އެ ނިޢްމަތުގެ އަގުވަޒަންކުރަން އެނގޭނީ ހެޔޮ ޢަމަލު ކުރުމަށް ދަހިވެތިވެފައިވާ މީހަކަށް އެކަންޏެވެ. މި ބަރަކާތްތެރި މައްސަރުގެ ހެޔޮ ދަރުމައާއި ސަވާބުގެ މަތިވެރިކަން އިހުސާސްވާނީ ހެޔޮ ކަމަށް ފެންބޮވައިގެންފައިވާ މީހަކަށެވެ. މި މަހާ ބައްދަލުވެ، މި މައްސަރުގެ ހެޔޮކަން ހޯދައިގެން މީހާކަށް އެލިބެނީ ވަރަށްވެސް ބޮޑު ނިޢްމަތެކެވެ. މި މާތް ދުވަސްތަކާއި ރޭތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައިފި މީހަކީ ބޮޑުވެގެންވާ ކާމިޔާބީގެ އަހުލުވެރިއެއްކަން ކަށަވަރެވެ.

އަލްއިމާމު އަޙްމަދު އާއި، އިބްނު ޙިއްބާނާއި އިބްނު މާޖާ رحمه الله ރިވަކުރައްވާފައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޞަޙާބީ އެއްކަމުގައިވާ ޠަލްޙަތު ބުނު ޢުބައިދު ﷲ ގެ އަރިހުން ރިވާވެގެންވެއެވެ. ދެ މީހަކު ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ދިޔައެވެ. އެ ދެމީހުން އިސްލާމްވީ އެކުއެކީގައެވެ. ނަމަވެސް އޭގެ ތެރެއިން އެކަކަކީ އޭނާގެ އެކުވެރިޔާއަށްވުރެ، ހެޔޮކަމުގައި މާހީވާގި މީހެކެވެ. އޭގެ ތެރެއިން ހެޔޮކަމުގައި ހީވާގި މީހާ ހަނގުރާމައެއްގައި ޝަހީދުވިއެވެ. އަދި އޭނާގެ އެކުވެރިޔާ ނިޔާވީ އޭގެ އަހަރެއްހާ ދުވަހަށް ފަހުގައެވެ. ދެން ޠަލްޙާ رحمه الله ވިދާޅުވިއެވެ. "ސުވަރުގޭގެ ދޮރުމަތީގައި ތިމަންކަލޭގެފާނު ހުއްޓާ ހުވަފެނުގައި ފެނުނެވެ. އެތަނުގައި އެދެ މީހުންވެސް ތިއްބެވެ. ދެން ސުވަރުގެއިން ނިކުންނެވި ބޭކަލަކު ނިކުމެ، އެތަނުން ފަހުން ނިޔާވި މީހާ ސުވަރެ ވަނުމުގެ އިޒުނަ ދެއްވިއެވެ. ދެން އެއަށްފަހުގައި ކުރިން ޝަހީދުވި އޭނާގެ އެކުވެރިޔާ ސުވަރުގެ ވަނުމުގެ ހުއްދަ ދެއްވިއެވެ. ދެން ތިމަން ކަލޭގެފާނުގެ އަރިހަށް އެބޭކަލަކު ވަޑައިގެން ވިދާޅުވިއެވެ. "ތިބާ އިހަށް މަޑުކުރާށެވެ. އަދި ތިބާގެ ވަގުތު ނުޖެހެއެވެ." ދެން އަނެއް ދުވަހުގެ ހެނދުނުގައި ޠަލްޙަތުގެފާނު، އެ ހުވަފެނާމެދު ޢަޖައިބުވެގެން އެވާހަކަ މީސްތަކުންނަށް ކިޔައިދެއްވާ ހެއްދެވިއެވެ.

އެވާހަކަ ކީރިތި ރަސޫލާ صلى الله عليه وسلم އަށް އިވިވަޑައިގަތުމުން ޙަދީޘް ކުރެއްވިއެވެ. "އެދެމީހުންގެ ކަންތަކުގެ ތެރެއިން ތިޔަބައިމީހުން ހައިރާންވަނީ ކޮންކަމަކާ ހެއްޔެވެ؟" އެހިނދު ޞަޙާބީން ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! ފަހުން ސުވަރުގެ ވަދެވުނު މީހާއަކީ ހެޔޮކަމުގައި ނުހަނު ހީވާގި މީހެކެވެ. އަދި އޭނާ ދުނިޔެ ދޫކުރީ ﷲ ގެ މަގުގައި ހަނގުރާމަކޮށް ޝަހީދެއްގެ ގޮތުގައެވެ." އެހިނދު ޙަދީޘް ކުރެއްވިއެވެ. "އޭނާއަށްވުރެ ގިނަ ދުވަހު އޭނާގެ އެކުވެރިޔާ ދުނިޔޭގައި ހުރި ނޫން ހެއްޔެވެ؟" "އެބޭކަލުން އާއެކޭ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. "އޭނާ ރޯދަމަހާ ބައްދަލުވެ ރޯދަ ހިފައިހެދި ނޫންހެއްޔެވެ؟" އެބޭކަލުން އާއެކޭ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. "އޭނާ އެވެނި މިވެނި ހެޔޮކަމެއް ކުރި ނޫން ހެއްޔެވެ؟" އެބޭކަލުން އާއެކޭ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. "އެދެމީހުންގެ ދެމދުގައި އުޑާ ބިމުގެ ތަފާތު އެބަހުއްޓެވެ." (މި ޙަދީޘްގެ ބައެއް ރިވާޔަތްތަކަކީ ޙަސަން ދަރަޖައިގެ ޙަދީޘެއް ކަމުގައި އަލްއަލްބާނީ ރަޙިމަހު ﷲ ވަނީ ވިދާޅުވެފައެވެ.)

ދުނިޔޭގައި ހުރެ، ރޯދަމަހާ ބައްދަލުވެ، އެމައްސަރުގެ ހެޔޮކަން ލިބިގަތް މީހާގެ ދަރުމަޔާއި ސަވާބުގެ ބޮޑުކަން މި ޙަދީޘުން އެނގެއެވެ.
ވީމާ، އަޅުގަނޑުމެންނަށް ދެއްވާފައިވާ މި މަތިވެރި ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ރަމަޟާންމަހުގެ ހެޔޮކަން އެދޭމީހާ، މި މައްސަރުގެ ވަގުތުތައް ކުޅިވަރާއި ޣާފިލުކަމުގެ ތެރޭގައި ނަގައި ނުލާށެވެ. ހެޔޮކަމެއް ކުރުމަށްލިބޭ އެންމެ ހިނދުކޮޅެއްވެސް ފައިދާއެއް ނެތް ގޮތުގައި ހޭދަކޮށް ނުލާށެވެ.