ވާހަކަ

ހީނލާގޮތުން

(13 އެޕްރީލް 2021 އާ ގުޅޭ)

"ތަން ބަދަލުކުރީ، އެކަމަކު މިހާރު މިހުރީ އަތިރިމަތީގަ... ނޯޔާއާ ވާހަކަ ދައްކަން، އެނގޭތަ!، ހުސެން ދެ ދުވަސް ކުރީން ޗުއްޓީ ނެގިއޭ އަހަރެން ބުނީމެންނު، އަހަރެމެން އައިއިރު އޭނާ ހުރީ މިކޮޅުގަ، އޭނަ ކިޔާވަރުން ގެސްޓުހައުސްއިން ބަދަލުވީ، ހުސެންއާ ދެ މީހުން މިތިބެނީ އޭނާގެ ރައްޓެއްސެއްގެ ގޭގަ ހުރި ކޮޓަރިއެއްގަ، ކެއުން ވެސް އެގެއިން ހަމަޖެހިއްޖެ." އަސްލަން ބުންޏެވެ.

"ދެ މީހުން އެކަނިތަ؟ ކޮބާ އޭނަ..." އަސްލަންގެ ވާހަކައިން އެކަނި ނޯޔާއަށް ހަމަޖެހުމެއް ނުލިބުނެވެ. މީގެ ކުރީން އެފަދަ ސުވާލެއް އަސްލަންއާ ކުރަން ވެސް ނޯޔާ ހިތަށް ނާރަ އެވެ. ނުވެސް ކެރޭނެއެވެ.

"އެންމެން ކޮފީ ބޯން އެބަތިބި." އަސްލަން ބުންޏެވެ.

"މިހާ ލަސްވީމަ..." ނޯޔާއަށް ބުނެލެވުނެވެ.

ނޯޔާ ދުށުމަށް އަސްލަން ހުރީ ބޭނުންވެފަ އެވެ. ވާހަކަ ދައްކަމުން ރާޅުފަށަށް ފޭބުމާއެކު އަސްލަން ވަށައިގެން ބަލާލި އެވެ. ފުދޭވަރަކަށް ދުރަށް އާދެވިފަކަން ހުރީ އެނގޭތީ އަސްލަންއަށް ވާހަކަ ދައްކަން ފަސޭހަވި އެވެ. މިނިވަންކަމާއެކު އަނބިމީހާ ގާތު އޭނާ ބުނަން ބޭނުންވާ ވާހަކައެއް ދެއްކުމުގެ ފުރުސަތު އޮތެވެ.

"ކޮންތާކަށް؟" އެންމެންގެ ތެރޭ އިނދެފައި ލޫނާ ތެދުވާއިރަށް ހުސެން އަހާލި އެވެ.

"އެ ދިމާއަށް." ލޫނާ އަތިރިމައްޗަށް ބޮލުން އިޝާރާތް ކޮށްލި އެވެ.

"އަސްލަންއަށް އުނދަގޫ ކުރަން ދާނެކަމެއް ނެތް، އޭނާ އަންހެނުންނަށް ގުޅައިގެން އެހުރީ." ހުސެން ބުންޏެވެ.

"އެހެންވީމަ އެއީ ހަމަ ތެދު ޚަބަރެއް ދޯ." ދަތުރުގައި އަސްލަން އާއި ލޫނާއާއެކު ބައިވެރިވި ފާރިޝް ޔަގީންކޮށްލި އެވެ. ހުސެން ބޯ ޖަހާލީ އެވެ.

"ލޫނާ..." ލޫނާ ހިނގައިގަތުމުން ހުސެން ގޮވާލި އެވެ. ލޫނާގެ ފަހަތުން އޭނާ ދިޔަ އެވެ.

"ހުސެންގެ ކަމެއްތަ؟" އަހުމަދު އަހާލީ ކައިރީ އިން ފާރިޝްގެ ގާތުގައެވެ.

"ވެދާނެ، ޔަގީނެއް ނޫން... އެ ތިން މީހުން އެކީގަ އަބަދުވެސް ފެންނާނީ، ޚާއްޞަކޮށް ހުސެން ހުންނާނެ އެ ދެ މީހުންކުރެ މީހަކު ފެންނައިރު، އަހުމަދާ ކިހިނެއް ހުސެން ދިމާވީ." ފާރިޝް ވާހަކަ ދެއްކި އެވެ. އަހުމަދާއި ދެ މީހުން ވާހަކައިގަ ތިބިއިރު އަސްލަން ހުރި ދިމާއަށް ހުސެންއާއި ލޫނާ ފައިބައެވެ.

"ކިހާ ދެރަ ކަމެއްތަ ހުސެން." ލޫނާގެ އަތުގައި ހުސެން ހިފައި އޭނާ ހުއްޓުވުމުން ބުންޏެވެ.

"އަހަރެން ނުބުނެގެންތަ ތިއުޅެނީ؟، ލޫނާގެ ތި ވިޔާނުދާ ރޭވުންތައް އަސްލަންއަށް ކިޔައި ދޭންވީތަ؟... އޭނާގެ އަނބިމީހާއަށް ގުޅައިގެންކަން ހުރީ އެނގޭތީ ދޯ ތިހާވަރަކުން ލޫނާ ތިއައީ... ދެރަކަންކަން ތިކުރަނީ ޚުދު ލޫނާ، އެކަމަކު މަށާދިމާއަށް ތިބުނަނީ ދެރަ ކަމެކޭ." ހުސެންގެ އަޑުގައި ވެސް ހުރީ ހަރުކަށިކަމެވެ.

"ނުބެހި ދުރުގަ ހުންނާށޭ އަހަރެން ނުބުނަންތަ؟" ލޫނާ ފޫހި ކަމާއެކު ބުނެލި އެވެ.

"ބެހޭނަން... ބެހެވޭނެ، އަސްލަންގެ ދިރިއުޅުމުގެ ތެރެއަށް މީހަކު ވަންނަންޏާ އެއީ ކޮންމެ މީހަކަށް ވިޔަސް ހުއްޓުވާނަން." ގަދަބަސް ބުނެލި ފަދައަކުން ހުސެން ބުންޏެވެ.

"ދޫކޮށްލާ..." އަމުރުވެރި ރާގެއްގައި ލޫނާ ބުނެލި އެވެ. އޭނާގެ އަތުން ހުސެން ދޫކޮށްލި އެވެ. އެހެން ނަމަވެސް ދަތްކުނޑިވިކާލެވުނީ އަނެއްކާވެސް އަސްލަންއާ ދިމާއަށް ލޫނާ ހިނގައިގަތީމަ އެވެ. ތަންކޮޅެއް ބާރަށް އަސްލަންއަށް ހުސެން ގޮވާލި އެވެ. ފޯނުގައި ހުރެފައި އަސްލަން އެނބުރިލި އެވެ. ހުސެން އަތުން އިޝާރާތް ކޮށްލީ ދާންވެއްޖެ ކަމެވެ.

އިރުއިރުކޮޅާ ރިދާންގެ ނަޒަރު ބެލްކަންޏާ ދިމާއަށް ހުއްޓެވެ. ފުރަގަސްދީގެން ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ފޯނުން ވާހަކަ ދައްކަން ހުރި ނޯޔާގެ ހަރަކާތްތަކަށް ބަލަން އިރުކޮޅަކު ރިދާނަށް އިނދެވެ އެވެ. އެހެން އިނދެފައި އަނެއްކާވެސް އޭނާ މޫނު އަނބުރާލަނީ އެވެ. އޭނާއާ ހިސާބަށް ނޯޔާގެ އަޑެއް ނުފޯރަ އެވެ. އެހެންވެ ދައްކާ ވާހަކައެއް އެއްގޮތަކަށް ވެސް ސާފެއް ނުވެއެވެ. ފޯނުކޯލު ނިމުމުން ނޯޔާ އެތެރެއަށް ވަދެ ބެލްކަނީގެ ދޮރު ލައްޕާލި އެވެ. ޢާންމުކޮށް ނޯޔާ ނިދާ ގަޑިއަށްވުރެ ލަސްވެއްޖެކަން ވެސް އެނގެ އެވެ. އެހެންވިޔަސް އޭނާ އައިސް ސޯފާގައި އިށީނީ ރިދާން ދައްކަން އުޅޭ ވާހަކައެއް އަޑު އަހާށެވެ.

"ރިދާނަށް އެނގިގެން ތިއުޅެނީ ކޮންކަމެއްކަން އަހަރެންނަށް ޔަގީނެއް ނޫން، އެހެންވީމަ އަޑުއަހަން މިއިނީ... ދެން ކިޔާބަލަ." ނޯޔާ ބުންޏެވެ.

"މިދުހަތު އެނގޭތަ؟" ވަގުތު ބޭކާރު ނުކޮށް ރިދާން ސުވާލު ކުރިއެވެ.

ނޯޔާއަށް ލިބުނީ ވަރަށް ވެސް ބޮޑު ހައިރާން ކަމެކެވެ. ހިމޭންވީ ރިދާނަށް މިދުހަތު އެނގުނު ގޮތެއް ނުވިސްނޭތީ އެވެ. ރިދާން ދަންނަނީ ބާއޭ ވެސް ނޯޔާގެ ހިތަށް އެރިއެވެ. ވިސްނަން އިންދާ ދެވަނަ ފަހަރަށް ރިދާން ހަމަ އެ ސުވާލު ކުރިއެވެ.

"އޭނަ ކިހިނެއްވީ؟" ނޯޔާއަށް ބުނެވުނެވެ.

"މިއަދު އަހަރެންނާއެކު ހުރި ދެ އަންހެނުން ދައްކާފަ އެހީމެންނު އެމީހުން ދަންނަންތޯ"

"އަހަރެން ވެސް ބުނީމެންނު ނޭނގެޔޭ" ނޯޔާ ނިކަން އަވަހަށް ބުންޏެވެ.

ރައުލާގެ ވާހަކަ ރިދާން ފެށިއެވެ. އެގޭ ދޮށަށް އޭނާ އަންނަނީ ރިދާން ހޯދާށެވެ. ނޯޔާގެ ފިރިމީހާ ކަމަށް ހީކޮށެވެ. އެކަން ރައުލާގެ ވާހަކައިން ރިދާނަށް އޮޅުން ފިލި އެވެ. މިދުހަތަކީ އުޅުމެއްނެތް ވިޔާނުދާ މީހެއްކަން ރިދާނަށް ކިޔައި ދިނީ ރައުލާއެވެ. އޭނާ ގަޔާވާ އަންހެނެއް ފެނިއްޖެނަމަ އެއީ މީހެއްގެ އަނތްބަކަށްވެ ދަރީންތަކެއް ތިއްބަސް އޭނާއަށް ވަރިހަމަވާނޭކަން ރައުލާ އޮތީ ބުނެފަ އެވެ. ނޯޔާއާއި މިދުހަތާއި ދެމީހުން ބައްދަލުވާ ޕޮއިންޓު ކަމުގައި ސްކޫލުދޮށް ހަދާފައިވާކަން ވެސް ބުނެދިނީ ރައުލާއެވެ. މޮޅުވާހަކަ ދައްކައިގެން އަންހެނުން ދަލުގައި ޖެއްސުމަށް މިދުހަތު ފިސާރި ކުޅަދާނަވާނޭކަން ރައުލާ ބުންޏެވެ. އެ ހުރިހާ ވާހަކައެއް ނޯޔާއަށް ރިދާން ކިޔާދިނެވެ. އަދި އެފަދަ މީހަކާ ނޯޔާ ގުޅުން ބާއްވަން ނިންމީ ކީއްވެތޯ ރިދާން ސުވާލުކުރިއެވެ.

"އަސްލަންބެ ކައިރިން ނޯޔާ ވަރިވާން ވިސްނަނީތަ؟" ރިދާން ދެވަނަ ސުވާލެއް ވެސް ކުރިއެވެ.

"ސާރާއާ އެއްކުލާހުގައި އޭނާގެ ދަރިފުޅު އުޅެނީ، ތި ރައުލާ ވެސް ހަޤީޤަތް އެނގިގެން ވާހަކަދެއްކިނަމަ، ރިދާން އިލްޒާމް ތިއެޅުވީ އަހަރެން އެކަހަލަ ކަމެއް ކޮށްފާނޭކަން ޔަގީންވާތީތަ؟ އަހަރެން އަސްލަންއަށް ބޭވަފާތެރިވެ މަކަރުހަދާ އޮޅުވާލަފާނޭ ހީވަނީތަ؟ އެކަހަލަ ގޮތެއްފޮތެއް އަންހެނަކަށްތަ އަހަރެން މިވީ، މިދުހަތާ އަނގައިން ބުނީ ވެސް އޭނާގެ ދަރިފުޅުގެ ސަބަބުން..." މިދުހަތު ދައްކާފައި ހުރި ވާހަކަތައް ނޯޔާ ކިޔާދިނެވެ. ގާތް ގުޅުމެއް މިދުހަތާ ބޭއްވުމުގެ ގަސްދެއް އެއްވެސް އިރަކު ނޯޔާގެ ނެތެވެ. އަނގައިން ބުނެވުނިއްޔާ ބުނެވިފަ އޮތީ އޭނާއަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ވިސްނުމުގަ އެވެ. އޭނާ ނޯޔާގެ ދިރިއުޅުމުގެ ތެރެއަށް ވަދެދާނޭ ހީވާން ފެށުމުން ވަކިން ބޮޑަށް އެވަނީ ދުރުކޮށްލާފަ އެވެ. މިދުހަތު ގުޅިޔަސް ނޯޔާ މިހާރު ފޯނެއް ނުނަގަ އެވެ. ސްކޫލު ދޮށުން ދިމާވިޔަސް ބަލަނީ ކޮންމެވެސް ބަހަނާއެއްދައްކާ އަވަހަށް އޭނާގެ ކިބައިން ސަލާމަތް ވެވޭތޯ އެވެ. އެހެންނޫނަސް އަސްލަން ނޫން ފިރިހެނަކަށް އޭނާ ބޭއިޚްތިޔާރުގައި ވިޔަސް ބަލާކަށް ބޭނުމެއް ނުވެއެވެ.

"ކީއްވެ ރިދާން ތިހެން ވާހަކަދެއްކީ، ކިހާ ހުތުރު ވާހަކައެއް އަހަރެންނާ ތިގުޅުވީ." ނޯޔާގެ ނަޒަރު ރިދާނަށް ހުއްޓުނެވެ.

"އަސްލަންބެގެ ކަންތައްމީ... ނޯޔާ ސްކޫލު ދޮށަށް ދާނެކަމެއްނެތް، އަހަރެން ހިނގައިދާނަން." ރިދާން ބުންޏެވެ.

"މިހާރު އަސްލަން އެކަންޏެއް ނޫން، ދަރީންގެ ކަންކަމުގައި އަހަރެމެން ދެ މީހުން ވެސް ވާނީ ހަމަހަމަ، އަސްލަންއަކީ ސަރުކާރު ވަޒީފާއެއްގައި އުޅޭ މީހެއްކަން އަހަރެންނަށް އެނގޭ، އިރުއިރުކޮޅާ ދަރީން ގޮވައިގެން ތަންތަނަށް ދާން ރަސްމީ ގަޑީގަ އޭނާއަކަށް ނާދެވޭނެ، އަހަރެންނަށް މިވަރުކަމެއް ނުވާނަމަ އަސްލަން މީހަކާ އިނުމުގެ ބޭނުމެއް ނެތެއްނު... ރިދާނު ގޮތް ނިންމަނީ ކީއްވެ؟ މިދިރިއުޅުމުގެ ބުރަ ރިދާނަށް އުފަލާކަށް ނުޖެހޭނެ، އެ އުނދަގޫ ޖައްސާކަށް އަހަރެން ބޭނުމެއް ވެސް ނޫން، އަސްލަންގެ ކުދީން އަހަރެންނަށް ބެލޭނެ." ނޯޔާ ބުންޏެވެ.

"އަސްލަންބެ ނޯޔާއަށް ކެއާ ކުރާނަމަ ކޮންމެވެސް އެހެން ގޮތެއް ހަމަޖައްސާނެ، މެރީކޮށްފި، އެކަމަކު ނޯޔާއަށް ބޭނުންވާ ސަމާލުކަމާއި އަޅާލުން އަސްލަންބެ ދޭހެން އަހަރެންނަށް ހީނުވަނީ... ލޫނާއާއެކު އަސްލަންބެ އެކަނިވާންވީ ކީއްވެ؟ އެމީހުންގެ ކަންތައް ނޯޔާއަށް ވެސް އެނގޭތަ؟ އެހެންވެތަ އެވާހަކަ ދެއްކިޔަ ނުދޭން އުޅުނީ." ރިދާން އިނީ ހިތްހަމަނުޖެހިފަ އެވެ.

"ތިވާހަކަ ތިދައްކަނީ ޔަގީންވެ ހުރެތަ؟" ނޯޔާ ސުވާލު ކުރި އެވެ.

"އަހަރެން..." ރިދާން ބުނަން އުޅެފައި ހުއްޓާލި އެވެ. ނޯޔާއާ ނަޒަރު ސީދާ ކޮށްލައިގެން ހިމޭންވެ އިނެވެ.

"ބުނޭ... ބުނޭ ރިދާން... ޕްލީޒް..." ނޯޔާގެ މޭގައި ހިތް ތެޅިތެޅި އޮތެވެ.

"ޔަގީންނުވިޔަސް އަހަރެންގެ ލޮލަށް ކަމެއް ފެނުނީ..." ރިދާން ބުންޏެވެ. އެ އެޕާޓްމެންޓަށް ރިދާނަށް ވަދެވުނު ވަގުތު ފެނުނު ކަންކަން އޭނާ ކިޔާދިނެވެ. އަސްލަންއާއި ލޫނާ ތިބިލެއް ގާތްކަމެވެ. ލޫނާ ސިއްރު ކުރަން އުޅުނު ގޮތެވެ. ނޯޔާގެ މޫނު ހުދުވެގެންދިޔަ ގޮތް ރިދާނަށް ފެނުނެވެ. އޭނާ ވަގުތުން ހިމޭންވިއެވެ. ނޯޔާއަށް އެ ދަރަޖައަށް އަސަރުކޮށްފާނޭ ރިދާން ހިޔެއްނުކުރެއެވެ. ނޯޔާވަނީ އަސްލަން ބަލައިގެންފައިކަމެއް ރިދާނަށް ޔަގީން ނުވާތީއެވެ.

"އަސްލަންއާ ސުވާލު ކުރީންތަ؟" ނޯޔާ އަހާލި އެވެ. ރިދާން މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލި އެވެ.

"އަހަރެން ކައިރީ ބުނަން އިތުރު ވާހަކައެއް އެބައޮތްތަ؟" ނޯޔާ ބުންޏެވެ. މިފަހަރު ވެސް ރިދާން ދެފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނާށެވެ.

"ގުޑްނައިޓް..." ސޯފާއިން ތެދުވެ ނޯޔާ ބުންޏެވެ. ދާންވީކަން ރިދާން ދެނެގަތެވެ. އެހެންވެ ސޯފާއިން ތެދުވި ގޮތަށް ރިދާން ގޮސް އެ އެޕާޓްމެންޓުން ނުކުތެވެ. އޭނާގެ ފަހަތުން ނޯޔާ އައިސް ލައްޕާލި ދޮރު ތަޅުލައިފި އެވެ. ނަމަވެސް ހިނގައިގަންނަން ނޭނގި އޭނާ ދޮރު ކައިރީ ހުއްޓުން އަރާފައި އިރުކޮޅަކު ހުއްޓެވެ. ދެން އައިސް ބެލްކަންޏާވީ ފަރާތުގެ ފަރުދާތައް ދަމާ ނިވާކޮށް ގޭތެރޭގެ ބޮކިތައް ނިވާ އަލި ފަނޑުކޮށްލި އެވެ.

* * * * *

ބޮލުގައި ރިއްސާވަރުން އަރީނަށް ނިދޭގޮތެއް ނުވިއެވެ. ކުރުއަތްމައްޗަށް ތެދުވި ފަވާދު އަނބިމީހާއާ ގާތަށް ޖެހިލިއެވެ. އަރީންގެ ކޮނޑުގައި ފިރުމާލުމާއެކު ބޭހެއް ގެންނަންތޯ ފަވާދު އަހާލިއެވެ. މަޑުމަޑުން އަރީން ބޯޖަހާލިއެވެ. ވަގުތުން ފަވާދު ތެދުވިއެވެ. ކޯޓަރިން ނުކުމެގެން ގޮސް އެނބުރި އައީ ޕެނަޑޯލް ކާޑު ހިފައިގެންނެވެ. އަރިމަތީ ހުރި މޭޒުގެ މަތިން ފެންޖަގު ނަގައި ފެންތަށްޓެއް އެޅިއެވެ. ބޭސްގުޅައާއި ފެންތަށި ހިފައިގެން އަރީންގެ މަގަތުގައި ހުއްޓިލިއެވެ.

"ހަފްތާއެއް މިވަނީ ތިހެން ދޭތެރެއަކުން ބޮލެއްގަ ރިއްސާތާ، ހިނގާބަލަ ޑަކްޓަރަށް." ފަވާދު ބުންޏެވެ.

"މީ އެވަރު ކަމެއްނޫން، ބޭސް ކާލަނިކޮށް ރަނގަޅު ވެދާނެ." އަރީން ބުންޏެވެ.

"ޕީރިއަޑް ވާންތަ ތިއުޅެނީ... މިމަހު އަދި ނުވޭ ދޯ" ފަވާދު އަހާލި އެވެ. އަރީން އަނގަޔަކުން ނުބުންޏެވެ. ފަވާދު ދިން ބޭސްގުޅައާއެކު ފެން ފޮދެއް ބޯލީ އެވެ.

ބޭސް ކައިގެން ވަގުތީ ލުޔެއް އަރީނަށް ލިބުނެވެ. އެހެން ނަމަވެސް އަނެއްކާ ހެނދުނު ހޭލިއިރު ހުރީ ބޮލުގައި ރިއްސާފައެވެ. ފަވާދު ކުދީންގެ ކޮޓަރިއަށް ވަންނަން ދިޔަ ވަގުތު އަރީން އަވަހަށް ފޯނު ބަލާލިއެވެ. އޭނާއަށް އޮޅިފައި އޮތީތޯ ޔަގީން ކުރާށެވެ. ކަލަންޑަރުގެ ދުވަސްތަކަށް ބަލަން އިނދެފައި އޭނާ ކާމޭޒު ދޮށުން ތެދުވިއެވެ. ފަވާދު ކައިރީ އެބަ އަންނަމޭ ބުނެފައި ރީތި ވެލައިގެން އަރީން ގެއިން ނުކުތްއިރު އެގެއަށް ރޫމާ އަންނާތީ ފެނުނެވެ. ހީނނުލާ ނުވެގެން ރޫމާއާ ހިނިތުންވުމެއް އަރީން ބަދަލު ކޮށްލި އެވެ. ދެން އަވަސް އަވަހަށް އޭނާ ހިނގައްޖެއެވެ. އެހިސާބުގައި އެންމެ ކައިރީ ހުރި ބޭސް ފިހާރައަށް އަރީން ވަނެވެ. އެތަނުން ގަތް އެއްޗެހި އަވަހަށް އަތްދަބަހުގެ ތެރެއަށް ލިއެވެ. ހަލުވިކޮށް ގެއަށް އައިސް ވަދެވުމާއެކު އަރީން މިސްރާބު ޖެހީ ކޮޓަރިއަށެވެ. ގޭތެރެއިން ފަވާދު ނުފެނުމުން އޭނާ ވަކިން ހިތްހަމަޖެހުނެވެ. އެނދުމައްޗަށް އަތްދަބަސް އެއްލާލުމާއެކު އޭނާ އަތްދަބަހުގެ ތެރެއިން ޕެކެޓުތަކެއް ނަގައިގެން ވަނީ ފާޚާނާއަށެވެ.

"ނުވާނެ... ވެގެންނުވާނެ... އެކަމަކު ކީއްވެ މިހެންވާންވީ..." އަރީނުގެ މޫނާއި އަޑުގައިވީ އިންތިހާ ކަންބޮޑުވުމެވެ. އަވަސްއަވަހަށް އޭނާ ފާޚާނާއިން ނުކުތް ގޮތަށް އެނދު މައްޗަށް އެއްލި އަތްދަބަހުގެ ތެރެއިން ފޯނު ނެގިއެވެ.

"މީޓު ކުރަން ބޭނުން، ހަމަމިހާރު." ފޯނުކޯލުގައި ހުރެ އަރީން ބުންޏެވެ.

"ހާދަ ހެނދުނާ... ހުކުރު ދުވަހެއްނު މީ." ފޯނުން އިވުނީ މިދުހަތުގެ ނިދިބަރު އަޑެވެ.

"ލަސް ކުރެވޭކަށް ނެތް..." އަރީން ބުންޏެވެ.

"މިއަދު ފިރިމީހާ ނޫޅެނީތަ؟" މިދުހަތު އަހާލި އެވެ.

"ތީ ބޭކާރު ވާހަކަ، އަހަރެން މިދަނީ... ބެލް އެޅީމަ ހުޅުވާތި." އަރީން މިހެން ބުނެ ފޯނު ބޭއްވި އެވެ.

ފަވާދަށް އަރީން ގުޅިއެވެ. އޭނާ ކުދީން ގޮވައިގެން އަސްލަންގެ ބަޔަށް ދިޔައީ އެވެ. އަސްލަން ރަށުގައި ނެތުމުން ކުދީން ގޮވައިގެން ނޯޔާ އުޅޭނީ އެކަނިކަން އެނގޭތީއެވެ. އަސްލަން ފުރި ދުވަހު ވެސް ފަވާދަށް ނާދެވުނު ވިއްޔާއެވެ. މުހިންމު ކަމަކު ޝެހެނާޒު ކައިރިއަށް ގޮސްލާފައި އެބައަންނަން ކަމުގައި އަރީން ބުންޏެވެ. އާދައިގެ މަތިން ފަވާދު ސުވާލެއް ނުކުރެއެވެ. އަރީން ދަނީ ކޮންތާކަށްކަން ބުނީތީ އޭނާ ހުރީ ޤަބޫލުކޮށްލައިގެންނެވެ.

* * * * *

ދެ ޚިޔާލެއްގައި ހުރެ ވެސް ރިދާން އައިސް ނޯޔާގެ ބަޔަށް ވަނެވެ. ފަވާދާއި އޭނާގެ ދެ ކުދީންގެ އިތުރުން ރޫމާއާއި ސަބީނާ ވެސް އެބައިގަ ސައިބޯން އިންދާ ފެނުނެވެ. އެހެންވިޔަސް ނޯޔާ ފެންނައިރަށް ރިދާންގެ ހިތުގައި ރިއްސާލި އެވެ. އެ މޫނު މިލާފައިވާކަން އޭނާއަށް ބުނަން ރަނގަޅަށް އެނގެއެވެ.

"ނޯޔާ ވަރަށް ރޮއެފަ އެހުރީ... ނޭނގުނީ އަހަރެންނަށް، އަސްލަންބެ ދެކެ ނޯޔާ ލޯބިވެއްޖެކަން ނޭނގުނީ އަހަރެންނަށް، ރޭ ދެއްކުނު ވާހަކަތަކުން ނޯޔާގެ ހިތް ކުދިކުދިވެއްޖެކަން ޔަގީން، އަހަރެން އެކަން ކުރީ." ރިދާންގެ ހިތުގައި ވިއެވެ.

"އަވަހަށް އާދޭ ސައިބޯން." ސަބީނާ ގޮވާލި އެވެ.

"ނޯޔާ ރަނގަޅުތަ؟" ކާމޭޒު ކައިރީ ހުއްޓެމުން ރިދާން އަހާލި އެވެ.

"އެހެރީ އަވަސް ކުރަން ވެގެން ލޮލަށް ސައިބޯނި އަޅައިގެން... ދެ ލޯ ބަޑިގޮވާފަ." ސަބީނާ ހިނިއައިސްފަ ބުނެލި އެވެ. ނަމަވެސް ރިދާން ހީނ ނުލިއެވެ. އެންމެންނަށް ނޭނގުނަސް ނޯޔާއަށް ވެފައި ހުރި ގޮތް އޭނާއަށް އެނގޭތީ އެވެ. އަނެއްކޮޅުން ނޯޔާ އެއްފަހަރު ވެސް ރިދާނަށް ބަލާނުލިކަން އޭނާއަށް ފާހަގަވިއެވެ.

ޢާއިލާގެ އެންމެން ކަހަލަ ގޮތަކަށް އެ އެޕާޓްމެންޓުގައި ތިއްބެވެ. އެންމެންގެ ހުނުމާއި ސަމާސާގެ ސަކަރާތުގައި ނޯޔާއަށް ބައިވެރިވޭވޭ ގޮތެއް ނުވިއެވެ. ހިނިތުންވުން އޭނާ ހީނުކުރާވަރުގެ ވޭނަށް ވެފައިވާ ކަހަލައެވެ. ރޭގައި އޭނާއަށް އަސްލަންގެ ކޮޓަރިއަކު ނުނިދުނެވެ. މީހާއަށް ކެތްނުކުރެވޭވަރު އަޒާބަކަށް އެ ކޮޓަރީގައި އަސްލަންގެ އެނދުގައި އޮތުންވީއެވެ. އަނުމްއަށް ހޭލެވުމުން އެކުއްޖާ އުރާލައިގެން ނޯޔާ އައިސް ކޮޓަރިއަށް ވަނީއެވެ. ކައިވެނިކުރުމަށްފަހު ނޯޔާ އިނުމަށް އަސްލަން ކަނޑައެޅި ކޮޓަރިއެވެ. ދުވަހަކު ވެސް ހޭދަނުކުރާހާ ގިނައިރު އޭނާ ރޭ އަޅުކަމުގައި ރޭ ވޭތު ކުރިއެވެ. ތެދުވެ އާ ދުވަހަކާ ކުރިމަތިލުމުގެ ހިތްވަރު އޭނާ ހޯދީ އެފަދައިންނެވެ. ފަތިސް ވަގުތު އަސްލަން ގުޅުމުން ނޯޔާއަށް ފޯނެއް ނުނެގުނެވެ. ކުރެހިފައިވާ އަޑަށް އައި ބަދަލު އަސްލަންއަށް ބުނެދިނުން ޝަޒާއަކަށް ނޫނީ ނުވާނެތީ އެވެ. ޝަކުވާއިން ހިތާއި ނަފްސު ފޯވަމުން ދާތީއެވެ. ދެމެދުގައި ދައްކަން އޮތީ ވަކި ކޮންވާހަކައެއް ހެއްޔެވެ. އަސްލަންގެ ހިތް ލޫނާ މިލްކު ކުރީ ހެއްޔެވެ. ނޯޔާއަށްވުރެ ކުރީން ހެއްޔެވެ. ނޯޔާއަށް އިނދެވުނީތީ އަސްލަން އެވަނީ މަޖުބޫރުކަމެއްގަ ހެއްޔެވެ. ލޫނާ މަސައްކަތް އެކުރަނީ އަނދިރިކަމެއްގައި ނޯޔާ ހުރީތީ ހަޤީޤަތް ހާމަކުރަން ހެއްޔެވެ. ހައްތަހާ ވެސް ނޯޔާގެ ހިތުގައިވަނީ ސުވާލު ތަކެވެ. (ނުނިމޭ)